ކޮޅުފުށީ ހައުސިން ޔުނިޓްތައް ނިމުނުތާ ތިން މަސް، އަދިވެސް ނުވަދެވޭތީ ކަންބޮޑުވުން ކޮޅުފުށީ ހައުސިން ޔުނިޓްތައް ނިމުނުތާ ތިން މަސް، އަދިވެސް ނުވަދެވޭތީ ކަންބޮޑުވުން

މ. ކޮޅުފުށީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަޅަން ފެށި ހައުސިން ޔުނިޓްތަކުގެ މަސައްކަތް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ނިމުނު ނަމަވެސް، އަދިވެސް ރައްޔިތުންނަށް އެ ހައުސިން ޔުނިޓްތަކަށް ނުވަދެވޭތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކޮޅުފުށި ކައުންސިލްގެ ރައީސް އަބްދުލް އަލީމް އަދަދު އަށް ވިދާޅުވީ ޔޫޓިލިޓީގެ ހިދުމަތް ހައުސިން ޔުނިޓްތަކަށް ރައްޔިތުންނަށް ނުވަދެވިގެން އުޅެނީ އެ ތަނުގައި ޔޫޓިލިޓީ ހިދުމަތް ނުދެވިގެން ކަމަށްވާއިރު، އޭގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ.
ހައުސިން ޔުނިޓްތަކުގައި ޔޫޓިލިޓީގެ ހިދުމަތް ދިނުމަށް މި ސަރުކާރުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާއިރު، މިހާތަނަށް ވެސް އެ މަސައްކަތް ނުފެށޭ ކަމަށް އަބްދުލް އަލީމް ވިދާޅުވި އެވެ.
"ގޭގެ ވެރިފަރާތްތަކުގެ ވެސް ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި. މިސާލަކަށް އެ ބޭފުޅުންގެ ކުރިމަތީގައި ނިމިފައި ހުރި އިމާރާތްތައް ހަލާކުވެގެންދާ ކަމުގައިވަންޏާ ވަރަށް ދެރަވާނެ ކޮންމެ ބޭފުޅަކު ވެސް ދެއްތޯ،" އޭނާ ވިދާޅުވި އެވެ.
އޭގެއިތުރުން އަލީމް ވިދާޅުވީ ހައުސިން ޔުނިޓްތައް ބޭނުން ނުކުރެވި އެއްވެސް ގެއްލުމެއް ލިބޭނަމަ، އެކަމުގެ މަރާމާތުތައް ސަރުކާރުން އަނެއްކާ ކުރަން ޖެހުމަކީ ވެސް އިސްރާފަކަށް ވެގެންދާނެ ކަމަށެވެ.
ހައުސިން ޔުނިޓްތަކަށް ރައްޔިތުންނަށް ނުވަދެވި ދިގުލައިގެންދާތީ އެކަމުގެ ކަންބޮޑުވުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށާއި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ކޮޅުފުށި ކައުންސިލުން ވަނީ ހިއްސާކޮށްފަ އެވެ.
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ކޮޅުފުށީގައި އިމާރާތްކުރި 100 ހައުސިން ޔުނިޓްގައި ހިމެނެނީ އި ތިން ކޮޓަރި އާއި ފާހާނާގެ އިތުރުން ސިޓިން ރޫމާއި, ބަދިގެ އާއި, ކާގެ އާއި ލޯންޑްރީ އަދި ސްޓޯ ރޫމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ