އެއާ އިންޑިއާ ބޯޓު ވެއްޓުނީ ޑޮކްޓަރުން ދިރިއުޅޭ އިމާރާތަކަށް
އިންޑިއާގެ ގުޖުރާތުގެ އަހުމަދުއާބާދުން ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާ ބޯޓު ވެއްޓުނީ އެއާޕޯޓު ކައިރީގައި ހުރި ޑޮކްޓަރުން ދިރިއުޅޭ އިމާރާތެއްގެ މައްޗަށް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. އިންޑިއާގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ވަނީ، ބޯޓު ވެއްޓުނީ ފާރެއްގައި ޖެހިގެން ކަމަށެވެ. އިންޑިއާ ގަޑިން މެންދުރު 1:39 ހާއިރު، އަހުމަދުއާބާދުގެ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން، މަތިންދާ ބޯޓު ދަތުރު ފެށީ، ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ދިއުމަށެވެ. ބޯޓު ވެއްޓުނީ އެއާޕޯޓް ޕެރިމީޓަރާ ކައިރީ، މީހުން ދިރިއުޅޭ މެގަނީ ނަގަރު ސަރަހައްދަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓުގެ ސިގްނަލް ގެއްލުނީ 625 ފޫޓު މައްޗަށް އުދުހިފައި ހުއްޓައެވެ. ބޯޓު ވެއްޓުނީ އެއާޕޯޓުން ޓޭކްއޮފް ކުރިތާ ގާތްގަނޑަކަށް ނުވަ މިނެޓް ފަހުންނެވެ. ރެސްކިއު ޓީމުތަކުން ހަރަކާތްތެރިވަނީ.ފޮޓޯ/އޭޕީ ބޯޓުގައި ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭ ގޮތަށް 242 މީހުން ތިއްބެވެ. އޭގެ ތެރޭގައި އިންޑިއާގެ 169 ރައްޔިތަކާއި، އިނގިރޭސިވިލާތުގެ 53 ރައްޔިތަކާއި، ކެނެޑާގެ މީހަކާއި، ޕޯޗުގަލްގެ ހަތް މީހުން ހިމެނޭކަމަށް އެއާ އިންޑިއާއިން ބުނެއެވެ. މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދު އަދި ކަށަވަރު ނުވި ނަމަވެސް ސަލާމަތްވި މީހުންނަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ. އެއާ އިންޑިއާގެ އެ ބޯޓަކީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު އެއާ އިންޑިއާއަށް ގެންދިޔަ ބޮއިންގް 787 ޑްރީމްލައިނާ، ރެޖިސްޓްރޭޝަން ވީޓީ-އޭއެންބީ އެކެވެ. ވެއްޓުނު ބޯޓުގެ ބައިތައް ވެއްޓިފައިވާއިރު، ބޯޓުގެ ރަޖިްސްޓަރީ ނަންބަރު ފެންނަން. ފޮޓޯ/ރޮއިޓާސް ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ބުނި ގޮތުގައި ބޯޓު ނައްޓާލިތާ ކުޑައިރުކޮޅެއް ފަހުން މޭޑޭ ކޯލެއް ނެރެފައިވާއިރު، މިއީ ސީރިއަސް ކުއްލި ނުރައްކަލެއް ކުރިމަތިވެފައިވާ ކަމުގެ އިޝާރާތެކެވެ. ނަމަވެސް އެއާ ޓްރެފިކް ކޮންޓްރޯލުން އިތުރަށް މުއާމަލާތް ކުރަން ކުރި މަސައްކަތްތަކަށް ޖަވާބެއް ނުލިބުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. ބޯޓު ވެއްޓުމާއެކު ފަޔާ އެންޑް އެމަޖެންސީ ޔުނިޓްތައް އެ ސަރަހައްދަށް ގޮސްފައިވާއިރު، ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރުއެފް)ގެ ޓީމުތައް ވެސް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެ ހާދިސާއާ ގުޅިގެން އަހުމަދުއާބާދު އެއާޕޯޓުން ވަނީ އިތުރު އެންގުމެއް އަންގަންދެން ހުރިހާ ފްލައިޓް އޮޕަރޭޝަނެއް މެދުކަނޑާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ