ސީލައިފް އަތުން 49 މިލިއަން ރުފިޔާ ހޯދަން އެޗްޑީސީން ކުރި ދައުވާ އަނބުރާ ގެންގޮސްފި

ސީލައިފް ގްލޯބަލްއިން ހިންގި ހައުސިން މަޝްރޫއުގެ ސްކޭމުން ގެއްލުންވި މީހުންނަށް ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބަދަލުދޭންޖެހުނު މައްސަލާގައި، ސީލައިފްގެ އަތުން 49.4 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި ސިިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޕަރޭޝަނުން އަނބުރާ ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - ސީލައިފުގެ ހައުސިން މަޝްރޫއު އިއުލާންކުރުމުން އެ ތަނުން އެތައް ސަތޭކަ ބަޔަކު ފްލެޓު ގަންނަން ފައިސާ ދެއްކީ 2014ގަ އެވެ. އެއިން ކޮންމެ މީހަކު، ބުކިން ފީގެ ގޮތުގައި 50،000ރ. ދެއްކި އެވެ. ބައެއް މީހުން ޑައުޕޭމަންޓުގެ އެކި މިންވަރު ވެސް އަދި އަނެއް ބަޔަކު އެއަށް ވުރެ ގިނައިން ވެސް ފައިސާ ދެއްކި އެވެ.
ފައިސާ ދައްކާފައި އޮއްވާ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް މަޝްރޫއު ހުއްޓާލި އެވެ. މީގެ ކުރިން އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި އެ ސްކޭމުން ގެއްލުންވި މީހުންގެ އަދަދު 381 އަށް އަރަ އެވެ. 
ތަފްސީލް - ސީލައިފްއާ ދެކޮޅަށް އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލާގައި އެދިފައި އޮތީ:
ސީލައިފް ސްކޭމުން ގެއްލުން ލިބުނު މީހުންނަށް، ސެޓުލްމަންޓް އެއްބަސްވުމެއްގެ ދަށުން އެޗްޑީސީން ދޭންޖެހުނު 46.7 މިލިއަން ރުފިޔާ ސީލައިފް އަތުން ނަގައިދިނުމަށް
މިހާތަނަށް ފައިސާ ދޫކުރެވިފައި ނުވާ 23 މީހަކަށް ދޭންްޖެހޭ 2.2 މިލިއަން ރުފިޔާ ސީލައިފް އަތުން ނަގައިދިނުމަށް
އެ މުއާމަލާތާ ގުޅިގެން އިދާރީ ގޮތުން އެޗްޑީސީގެ އަތުން ދިޔަ ހަރަދުގެ ބަދަލަށް 419.705ރ ސީލައިފް އަތުން ނަގައިދިނުމަށް
ނަމަވެސް، އެޗްޑީސީން އެދިގެން ސިވިލް ކޯޓުން މި މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބޭރުކޮށްލާފަ އެވެ. އެހެންވެ، މި މައްސަލަ ބާތިލުކޮށް ސިވިލް ކޯޓުން ނެރުނު ހުކުމުގައި ވާގޮތުން، މި މައްސަލަ އަލުން ހުށަހެޅުމުގެ ހައްގު ލިބިގެންވާ ގޮތަށް ދައުވާ ފޯމު ބާތިލުކޮށްދިނުމަށް އެޗްޑީސީން އެދިފައިވަނީ މިދިޔަ 22 ޖެނުއަރީގަ އެވެ. މި މައްސަލާގައި ސީލައިފްގެ ފަރާތުން މިހާތަނަށް ކޯޓަށް ޖަވާބުދާރީވެފައެއް ވެސް ނުވެ އެވެ.
ފަސްމަންޒަރު - މީގެ 10 ވަރަކަށް އަހަރު ކުރިން ހިންގި މި ހައުސިން މަޝްރޫއުގެ ތެރެއިން ގެއްލުންވި 368 މީހަކަށް މިހާތަނަށް އެޗްޑީސީން ވަނީ ބަދަލުދީފަ އެވެ.
ސީލައިފްގެ ސްކޭމަށް ފަހު:
ފްލެޓު ގަތް 203 މީހަކު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަހެޅި؛ މީގެ ތެރެއިން 192 މީހަކަށް އެޗްޑީސީން މިހާރު ވަނީ ބަދަލުދީފައި
ކޯޓުން ބޭރުން އެ މައްސަލަ ނިމުނީ އެޗުޑީސީން އެ މީހުންނަށް ބަދަލު ދޭ ގޮތަށް
އެޗުޑީސީން ނިންމީ ކޯޓަށް މައްސަލަ ހުށަނާޅައި ތިބި މީހުންނަށް ވެސް ބަދަލު ދިނުމަށް
ކޯޓަށް މައްސަލަ ހުށަނާޅައި ތިބި މީހުންގެ ތެރެއިން އެޗްޑީސީއާ މައުލޫމާތު ހިއްސާކުރީ 176 މީހަކަށް ވެސް ވަނީ ބަދަލުދީފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ