އޭޝިއަން ކަޕް ކޮލިފައިންގައި ގަައުމީ ފުޓްބޯޅަ ޓީމުން ކުޅެން ޖެހޭ ހޯމް ތިން މެޗުގެ ތެރެއިން މެޗެއް އޭދަފުށީ ސްޓޭޑިއަމްގައި ކުޅެން ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް "އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިއްޖެ އެވެ.
ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ ތިން މެޗު އޮތީ ރަށުންބޭރުގަ އެވެ. އެ ގޮތުން، މިހާތަނަށް ފުރަތަމަ ދެ މެޗު ވަނީ ކުޅެފަ އެވެ. އެއީ ފިލިޕީންސްގައި ކުޅެ، އެ ގައުމު އަތުން 4-1 އިން ބަލިވި މެޗާއި އިއްޔެ، އޮސްޓްރޭލިއާގެ ޑާވިންގައި ކުޅެގެން، 1-0 އިން ޓިމޯ ލެސްޓޭ އަތުން ބަލިވި މެޗެވެ.
ފީފާ/އޭއެފްސީ މިންގަނޑުތަކަށް ފެތޭ ދަނޑެއް ޓިމޯ ލެސްޓޭގައި ނެތުމުން، އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭގެ ހޯމް މެޗުތައް ކުޅޭނެ ދަނޑެއް ހޯދުމަށް އޮތީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށެވެ. އެ ގޮތުން، ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފުރަތަމަ ޝެޑިއުލްކުރެވޭތޯ މަސައްކަތް ކުރީ ތައިލެންޑްގައި ކުޅުމަށެވެ. އެކަމަކު، އެ ނިންމުން ކޮޅެއްގައި ނުޖެހި، އެންމެ ފަހުން އޮސްޓްރޭލިއާގައި ކުޅޭ ގޮތަށް ޓިމޯ ލެސްޓޭ އިން ނިންމީ އެވެ. އިއްޔެ ކުޅުުނު އޮތީ، އޮސްޓްރޭލިއާގެ ޑާވިންގެ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގަ އެވެ. ޖުމްލަ އެކު، 10،000 މީހުންނަށް ވަދެވޭ މި ސްޓޭޑިއަމަކީ ރަގްބީ އަށް ބޭނުންކުރި ދަނޑެއް ނަމަވެސް، ފުޓްބޯޅަ މެޗުތައް ވެސް ކުޅޭ ސްޓޭޑިއަމެކެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖޭން ދެން ކުޅެން ޖެހޭ މެޗު އޮތީ، އޮކްޓޫބަރު ނުވަ ވަނަ ދުވަހު، ތަޖިކިސްތާނާ ދެކޮޅަށް ޑުޝަންބޭގަ އެވެ. އޭގެ ފަސް ދުވަސް ފަހުން، ކޮލިފައިންގައި ރާއްޖޭގެ ފުރަތަމަ ހޯމް މެޗު އޮންނާނެ އެވެ. އެއީ، ތަޖިކިސްތާނާ ދެކޮޅަށެވެ. އަދި، ދެ ވަނަ މެޗު ނޮވެމްބަރު، 18 ވަނަ ދުވަހު ފިލިޕީންސާ ކުޅޭނެ އެވެ. އަދި ތިން ވަނަ މެޗު އޮތީ އަންނަ އަހަރުގެ މާޗް މަހު، ޓިމޯ ލެސްޓޭއާ އެކުގަ އެވެ.
"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރާއްޖޭގެ ހޯމް މެޗުތައް ކުޅެން ގަލޮޅު ދަނޑުގެ އެސަސްމަންޓްތަކެއް ހެދުމަށް ފަހު، ދަނޑުގެ ހާލަތު ގޯސްވެފައިވާތީވެ، ބެކަޕެއްގެ ގޮތުގައި، އޭދަފުށީގެ ސްޓޭޑިއަމްގެ ވެސް އެސަސްމަންޓްތަކެއް، އެފްއޭއެމް އާއި ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލުން ވަނީ ހަދަފައިފަ އެވެ. އަދި، އޭދަފުށީ ސްޓޭޑިއަމްގައި މެޗުތައް ކުޅެވޭނެ ގޮތަށް ދަނޑުގެ ކަންކަން ބަދަލުކުރަން ކުރަން ޖެހޭ ކަންކަން ވެސް ވަނީ މަޝްވަރާކުރެވިފަ އެވެ.
މި ކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން، "އަދަދު ސްޕޯޓްސް" އަށް ބުނި ގޮތުގައި، އޭދަފުށިން އެދެނީ، އެ ރަށުން، ކޮލިފައިން މެޗުތައް ކުޅެވޭ ގޮތަށް، ބަލާ މިންގަނޑުގެ ތެރެއަށް ސްޓޭޑިއަމްގެ ކަންކަން ކުރަން ބޮޑު ހަރަދެއް ކުރަން ޖެހުނަސް ކުރަން ތައްޔާރު ކަމަށާއި ބޭނުންވަނީ، ދެ މެޗެއް އެ ސްޓޭޑިއަމްގައި ކުޅެވޭ ގޮތްވުމަށް ކަމަށެވެ.
މީގެ ކުރިން، ބައިނަލްއަގުވާމީ ލެވަލްގެ މެޗެއް، ކުޅެފައިވަނީ ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ. އެއީ، އުމުރުފުރާ އިންޓަނޭޝަނަލް މުބާރާތަކާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް އެވެ. އަދި، އޭގެ ފަހުން، މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރު، ލ. ގަމު ޒޯން ސްޓޭޑިއަމްގައި ވަނީ، ރާއްޖެ އާއި ޕާކިސްތާންގެ މެދުގައި އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ކްރައުން އަހުމަދު ނަޒީރުގެ އެހީގައި އޭދަފުށީގައި ގާއިމްކޮށްފައިވާ ސްޓޭޑިއަމަކީ، މި ވަގުތު ރާއްޖޭގެ ރަށެއްގައި ގާއިމްކޮށްފައި ހުރި އެންމެ ފުރިހަމަ ދަނޑެވެ. އަދި، އެނގިފައިވާ ގޮތުގައި، ފީފާ/އޭއެފްސީ ސްޓޭންޑަޑަށް އެ ދަނޑުގެ ކަންތައްތައް ފުރިހަމަ ކުރުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
ގައުމީ ޓީމުގެ ހޯމް މެޗެއް އޭދަފުށީ ސްޓޭޑިއަމްގައި ކުޅުމުގެ ވިސްނުމެއް ގައުމީ ޓީމުގެ ހޯމް މެޗެއް އޭދަފުށީ ސްޓޭޑިއަމްގައި ކުޅުމުގެ ވިސްނުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ