ރޯދަމަހުގެ ފެނާއި ކަރަންޓު ބިލުން މިއަހަރުވެސް ޑިސްކައުންޓު ދޭނެކަމަށް ރައީސް އިއުލާންކުރައްވައިފި

ކުރިއަށް އޮތް މި އަހަރުގެ ރޯދަމަހުގައިވެސް ފެނާއި ކަރަންޓު ބިލުން ސަރުކާރުން ޑިސްކައުންޓް ދޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ އިއުލާންކުރައްވައިފިއެވެ.
ރައީސް މުޢިއްޒު މި ކަން އިއުލާންކުރެއްވީ، އެމަނިކުފާނު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ސަރުކާރުން ވަނީ މިދިޔަ އަހަރު ވެސް ރޯދަ ހަދިޔާއެއްގެ ގޮތުގައި ރޯދަ މަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދީފައެވެ.
"ކުރީ ރޯދަމަހު ދިން ގޮތަށް މި އަހަރުގެ ރޯދަމަހު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭނަން. އެކަން އެގޮތަށް ކުރިއަށް ދާނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ސަރުކާރުން މިއަހަރު ދަނީ ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދޫކުރަމުންނެވެ.
މިކަމާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން، ރައީސް މުޢިއްޒު ވިދާޅުވީ ކޮންމެ ގެއަކަށް ބަހާ މަސްދަޅު ކޭހުގެ ޚަރަދުގެ ބަދަލުގައި ކަރަންޓާއި ފެނުގެ ބިލްތައް ސަރުކާރުން ބޮޑުކުރާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ "ކަނޑައެޅިގެން ދޮގު" ވާހަކަތަކެއް ކަމަށެވެ.
''ފުރަތަމަ ކޮން ވާހަކައެއްތޯ ފެތުރީ، މަސްދަޅު ކޭހުން ވަކިވަރަކަށް މަސް މަދުކޮށްފައޭ އަޅުގަނޑުމެން ދެނީ، އެކަން ހަގީގަތަކަށްނުވި، އެ ދޮގު ފަޅާއަރައިފި، ދެން މަސްދަޅުގެ މަތިގަނޑު ފަސޭހައިން ނެއްޓޭ ގޮތަކަށްނޫނޭ ހުރީ، އެއީ ވެސް ދޮގެއްކަން ރައްޔިތުންނަށް އެނގިއްޖެ، ދެން މާލޭގައި މަސްދަޅުތައް ބަހަން ފެށުމުން ފުރަތަމަ ދަތިތަކެއް ދިމާވި، އެކަމުގައި ވެސް ރައްޔިތުންގެ މެދުގައި  ނުތަނަވަސްކަން އުފައްދަން މަސައްކަތްކުރީ، އެކަން ވެސް އެއޮތީ ހައްލުވެފައި، މިހާރު މިދައްކަނީ ސަރުކާރުން ކޮންމެ ގޭބިސީއަކަށް މަސްދަޅުކޭހެއް ދީގެން އެ ޚަރަދު ފޫބައްދަންވެގެން ރަމަޟާން މަހު ފެންބިލާއި، ކަރަންޓް ބިލުންނޭ އެބައި އަތުލާނީ.'' ރައީސް ވިދާޅުވިއެވެ.
އޭގެ ބަދަލުގައި، ކުރިން ވެސް ޢިއުލާންކުރަށްވާފައިވާ ގޮތަށް މި އަހަރު ވެސް ރޯދަމަހު ކަރަންޓާއި ފެނު ބިލުން ޑިސްކައުންޓް ދެއްވާނެކަމަށާއި، އެކަން އެގޮތަށް ކުރިއަށް ގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ