މަޓެޓާގެ ދެލަނޑާއެކު ކްރިސްޓަލް ޕެލަސް އިން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ކާމިޔާބުކޮށްފިއެވެ.
ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ފުލަމް އަތުން މޮޅުވެފައިވާއިރު، ކްރިސްޓަލް ޕެލަސް އެންމެ ފަހުން ކުޅުނު މެޗުގައި ބްރެންޓްފޯޑް އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
Advertisement
މެޗުގެ ދެވަނަ ހާފުގައި ކްރިސްޓަލް ޕެލަސް އިން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޖީން ފިލިޕޭ މަޓެޓާއެވެ.
މީގެ އިތުރުން ކްރިސްޓަލް ޕެލަސް އިން ލީޑު ފުޅާކުރި ލަނޑު ފަހުހާފުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް މަޓެޓާއެވެ. އަދި މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 24 މެޗުގައި އޭނާ ކާމިޔާބުކުރި 12 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 24 މެޗުން ކްރިސްޓަލް ޕެލަސްއަށް 30 ޕޮއިންޓް ލިބިފައިވާއިރު. ޔުނައިޓެޑް ފަހަތަށް ޖައްސާލުމަށްފަހު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 12 ވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑް ލީގުގައި ކުޅުނު 24 މެޗުން ލިބުނު 29 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 13 ވަނައިގަައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ