މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިއާރަކީ 'އިސްކުރާނީ ދިވެހިބަސް'
މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިއާރަކީ 'އިސްކުރާނީ ދިވެހިބަސް' ކަމަށް ދިވެހި ބަހުގެ އެކަޑަމީން ކަނޑައަޅައިފިއެވެ. ދިވެހިބަހުގެ ދުވަހަކީ، 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ. ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަހީމް ވަނީ، މި އަހަރުގެ ޝިއާރަކަށް 'އިސްކުރާނީ ދިވެހިބަސް' ކަނޑައެޅި ސަބަބު ވިދާޅުވެދެއްވާފައެވެ. އެއީ ތަންތަނަށް ނަން ކިޔުމާއި މުބާރާތްތަކާއި އެކިއެކި ހަރަކާތްތައް ހިންގާއިރު އެހެން ބަސްބަހުން ނަން ކިޔުން އާއްމު ވެފައިވާތީ އޭގެ ބަދަލުގައި ދިވެހިބަހުން ނަން ދިނުމަށް ހިތްވަރު ދިނުމަށް ކަނޑައެޅި ޝިއާރެއް ކަމަށް އަޝްރަފް ވިދާޅުވިއެވެ. އެހެންވެ، ސަރުކާރާއި ކުންފުނިތަކާއި ސުކޫލުތަކާއި އޮފީސްތަކާއި ޖަމިއްޔާތަކުން ބާއްވާ މުބާރާތްތަކާއި ހަރަކާތްތަކަށް ދިވެހިބަހުން ނަން ކިޔުމަށް އަޝްރަފު އިލްތިމާސް ކުރެއްވެވިއެވެ. މިދިޔަ އަހަރު ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ވަނީ، ސަރުކާރުގެ އޮފީސްތަކަށް ހުޅުވާލައިގެން އަތު ލިޔުމުގެ މުބާރާތެއް ބާއްވާފައެވެ. އެ މުބާރާތުން ދިހަ ލިޔުމެއް ހޮވައި، ކޮންމެ ލިޔުމަކަށް ވަނީ 500 ރުފިޔާގެ ފައިސާ އިނާމާއި ސެޓްފިކެޓެއް ދީފައެވެ. މި މުބާރާތަކީ ކޮންމެ އަހަރެއްގެ ދިވެހު ބަހުގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކަޑަމީން އިންތިޒާމުކޮށް، ބާއްވާ މުބާރާތެކެވެ. ބަހުގެ އެކަޑަމީގެ އިތުރުން ސުކޫލުތަކުން ވެސް ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި އެކި ހަރަކާތްތައް ބާއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ