އިގުތިސާދު ރަނގަޅުކުރެވިދާނެ، އެކަމަކު ނިޒާމު 'ފުނޑާލީމާ' ހަމައަކަށް ނޭޅުވޭނެ: ޔާމީން

އިގުތިސާދު އަލުން ރަނގަޅުކުރެވިދާނެ ކަމަށާއި އެކަމަކު ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކޮށްގެން ނޫނީ ކްރެޑިބަލް މީހުން ބިނާކުރުމާއި ނިޒާމު އަލުން ހަމައަކަށް އަޅުވަން އުނދަގޫވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މި ސަރުކާރަށް ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރި މައްސަލައިގައި ޔާމީން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެ މަނިކުފާނުގެ އަމިއްލަފުޅު ޕާޓީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، އިގުތިސާދީ ހާލަތަކީ ދުނިޔޭގައި ތިބި ދުވަހަކު ރަނގަޅުކުރެވިދާނެ ހާލަތެއް ކަމަށެވެ. އެކަމަކު، ކްރެޑިބަލް މީހުންނާ ދޭތެރޭގައި ގޯސްކޮށް ކަންތައް ކުރީމާ އެ ފަދަ މީހުން އަލުން އުފެއްދުމާއި ނިޒާމު 'ފުނޑާލީމާ' ނިޒާމު ރަނގަޅުކުރުމަކީ އުނދަގޫ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެން ދުނިޔޭގައި ތިބިއްޔާ ﷲގެ ރަހުމަތާ އެކު އިގުތިސާދު ރަނގަޅު ކުރެވިދާނެ. އެކަމަކު، ނުކުރެވޭނެ ކަމަކީ ވަރުގަދަ މަސައްކަތްތަކެއް ކޮށްފިއްޔާމުން ނޫނީ ނުކުރެވޭނެ ކަމަކީ މި ދެންނެވި ކަހަލަ ކްރެޑިބަލް މީހުން ބިނާކުރުމާއި މި އޮތް ނިޒާމު އަނެއްކާ ވެސް ހަމައަކަށް އެޅުވުން،" ޔާމީން ވިދާޅުވިއެވެ. ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ ނިޒާމު އަލުން ރަނގަޅުކުރަން އުނދަގޫވާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް ވެސް މިހާރު ކުޅޭކުޅޭ ތަނަކަށްވެއްޖެ ކަމަށެވެ. "އެ ތަނުގައި ނެތޭ ސަރުކާރު ޖަވާބުދާރީކުރުވުމެއް. އެ ތަނަކު ނެތޭ މުވައްސަސާތަކާ މެދު ކަންބޮޑުވާ މީހެއް،" އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ. ޔާމީން ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމަކީ ނުފޫޒު ފޯރުވުން ކަމަށް ތުހުމަތުކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވި ނަމަވެސް މި ސަރުކާރުން އެކަން ތަކުރާރުކޮށް ކުރަމުން އަންނަ ކަމަށެވެ. "އެކަމަކު، ބުނި ނޫންތޯ މި ހިސާބުން ޝަރީއަތަށް އަތް ބޭނުން ނިމުނީއޭ؟ މިހާރު އަތެއް ނޫން، ފައި ބައިނައިގެން އެ އުޅެނީ،" އެ މަނިކުފާނު ވިދާޅުވިއެވެ. މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި ޕާޓީން ވަކިވުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުން އަންނަނިކޮށް ޖޭއެސްސީން ވަނީ އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. އެއީ، ފަހުން އަމިއްލަފުޅަށް އިސްތިއުފާދެއްވި ހުސްނުއްސުއޫދާއި އަދިވެސް ސަސްޕެންޝަންގައި ތިއްބެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި އަޒްމިރަލްދާ ޒާހިރެވެ. އެ މަނިކުފާނު ވަނީ އދ.އިން މި މައްސަލައިގައި ޖަވާބުދާރީވާން ސަރުކާރަށް އަންގާފައިވާތީ ވެސް ހިތްހަމަޖެހުން ފާޅުކުރައްވައިފައެވެ. https://sun.mv/204919 މީގެ އިތުރުން، ދައުލަތުގެ ބަޖެޓުން މިހާތަނަށް 3.4 ބިލިއަން ރުފިޔާ ސާޕްލަސްވެފައިވާ ކަމަށް ބުނާ ވާހަކައަށް އެ މަނިކުފާނު ރައްދުދެއްވިއެވެ. ޔާމީން ވިދާޅުވީ، ސަރުކާރުން އެކިއެކި އަމިއްލަ މީހުންނަށް ދޭންޖެހޭ ފައިސާ ވެސް ދޫނުކޮށް، ރާއްޖޭގެ އެއްވެސް ދިމާލެއްގައި ކެޕިޓަލް އިންވެސްޓްމަންޓުގެ ބޮޑު މަޝްރޫއެއް ކުރިއަށް ނުގެންގޮސް ބަޖެޓު ސާޕްލަސްވެއްޖެ ކަމަށް ނުދެއްކޭނެ ކަމަށެވެ. "ލޭންދޭނަށް ސަރުކާރަށް ވައްދާފައި ހުރި ބިލުތަކަށް ފައިސާ ނުދައްކައޭ.. މިއީ ސާޕްލަސްއެއް ނޫނޭ. މި އުޅެނީ ބައެއްގެ ހައްގުތަކަށް އަރައިގަނެގެން. ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެގެން މި އުޅެނީ،" އެ މަނިކުފާނު ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ދަރަނި މި އަހަރުގެ ރޯދަމަހުގެ ކުރިން ދައްކާ ނިންމާނެ ކަމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އެކަމަކު، މިހާތަނަށް ވެސް އެ ފައިސާ ދައްކާ ނިންމާފައެއް ނުވެއެވެ. އޭރު ރައީސް ވިދާޅުވި ގޮތުން ނަމަ 500 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އަމިއްލަ މީހުންނަށް ދަރާފައި އެބައޮތެވެ. https://sun.mv/204857 ސަރުކާރުން ވަނީ މި މަހު 10 ވަނަ ދުވަހާ ހަމައަށް މާލީ ހިސާބުތައް އާންމުކޮށްފައެވެ. އެ ހިސާބުތަކުން ފެންނަ ގޮތުގައި މި އަހަރު މިހާތަނަށް 11.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެއީ، މިދިޔަ އަހަރު މި މުއްދަތުގައި ލިބިފައިވާ 10.7 ބިލިއަނަށްވުރެ 527 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެކަމަކު، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވީ ދަށެވެ. އެ ގޮތުން، ޓެކުހުގެ ގޮތުގައި މި އަހަރު މިހާތަނަށް ލިބިފައިވަނީ 8.69 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު 8.75 ބިލިއަން ރުފިޔާ ލިބުނެވެ. އާމްދަނީ އިތުރުވީ ޓެކުހުގެ ގޮތުގައި ނޫން ގޮތްގޮތުން ލިބޭ އާމްދަނީއެވެ. ޓެކްސް ނޫން ގޮތްގޮތުން މި އަހަރު 2.47 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 581 މިލިއަން އިތުރު އަދަދެކެވެ. https://sun.mv/203410 އެ މުއްދަތުގައި ޖުމުލަ ޚަރަދުކޮށްފައިވަނީ 9.08 ބިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 2.75 ބިލިއަން ދަށް އަދަދެކެވެ. އެހެންވެ، ދައުލަތުގެ ޚަރަދު ކުޑަވުމުން އާމްދަނީއަށް ވުރެ މިހާތަނަށް ކުރި ޚަރަދު 3.4 ބިލިއަން ރުފިޔާ މަދެވެ. ނުވަތަ، އެ މިންވަރަށް ވަނީ އަރަނިވެފައެވެ. އެކަމަކު، ޚަރަދުގެ ބޮޑު އިންސައްތައެއް އުނިވީ މަޝްރޫއުތައް ނުހިންގާތީއެވެ. އެ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި މަޝްރޫއުތަކަށް 2.9 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު މި އަހަރު އަދި ޚަރަދުކޮށްފައިވަނީ އެންމެ 693 މިލިއަން ރުފިޔާއެވެ. އެހެންވެ، ޚަރަދުން 2.28 ބިލިއަން ރުފިޔާ ދަށްވީ މަޝްރޫއުތަކަށް ޚަރަދު ނުކުރާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ