ކައިވެނީގެ ފުރަތަމަ 5 އަހަރު އަނެކާއަށް ދޭންޖެހޭ ސަމާލުކަންދީގެން އުޅެފިނަމަ ފަހުން މައްސަލަ ޖެހުމަކީ ވަރަށް ދުރުގަ އޮތް ކަމެއް!

ރަނގަޅުވާނީ ދަރިންގެ މިޘާލަކުން ފެށުމެވެ. ކުއްޖާ ކުޑައިރު ރަނގަޅު ގޮތުގައި ބަލަހައްޓައި މައިންބަފައިން ބޭނުންވާ ގޮތަށް ތަރުބިއްޔަތުކުރުވިއްޖެނަމަ އެކަމުގެ ފައިދާ އެކުއްޖާގެ މުޅި ޢުމުރަށް ކުޜާނެއެވެ. ބޮޑުވުމުން އަބަދު ފާރަނުލި ނަމަވެސް ދަރިފުޅު އުޅޭނީ ރަނގަޅަށެވެ.  
ޒަވާޖީ ޙަޔާތުގައިވެސް އޮތީ ހަމަ މިގޮތެވެ. ފުރަތަމަ 5 އަހަރެއްހައި ދުވަހު އެކަކު އަނެކަކަށް ދޭންޖެހޭ ސަމާލުކަންދީގެން ރަނގަޅު ގޮތުގައި އުޅެފިނަމަ ފަހުން މައްސަލަ ޖެހުމުގެ ފުރުޞަތު ބޮޑުތަނުން ކުޑަވެގެންދެއެވެ.
ރަނގަޅު ގޮތުގައި އުޅުންކަމަށް މާނަމިކުރަނީ ސަމާލުކަން ދޭންޖެހޭ ހުރިހާ ކަމަކަށް ސަމާލުކަންދީގެން އުޅުމަށެވެ. އަނެކާގެ އިޙްޞާޞްތަކަށް ފުރިހަމައަށް އިޙްތިރާމްކޮށްގެން އުޅުމަށެވެ. ހުރިހާ މާނައެއްގައި ލޯތްބާއި އަޅައިލުންދީގެން އުޅުމަށެވެ. ފާރަވެރިވާންޖެހޭ ކަންކަމަށް ފާރަވެރިވެގެން އުޅުމަށެވެ.  
މިހެން ބުނިނަމަވެސް ކޮންމެ ޢުމުރެއްގައިވެސް މައްސަލައެއް ޖެހިދާނެއެވެ. ކައިވެނި ރޫޅިވެސްދާނެއެވެ. އެއީ މެދުވެރިވާވެސް ކަމެކެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ އެއީ ނިޞްބަތުން މަދުން ދިމާވާ ކަމެކެވެ.  
ގިނަ ކައިވެނިތައް އެހާއަވަހަށް ރޫޅެމުން މިދަނީ ހަމަ ކުރީކޮޅުގައި ދޭންޖެހޭ ސަމާލުކަން ކުޑަކުރެވޭތީކަން ތަޖުރިބާއިން ޔަޤީންކުރެވެއެވެ. އަދިވެސް ވިސްނާށެވެ! 5 އަހަރު ނުވަތަ 10 އަހުރުވެސް އެކުގައި އުޅެވިދާނެއެވެ. އެކުގައި އުޅުން މާނަކުރަންވާނީ ސަމާލުކަންދޭންޖެހޭ ހުރިހާ ކަމަކަށް ސަމާލުކަން ދީގެން އުޅުމަށެވެ. ނަމެއްގައި އެކުގައި އުލުމަކަށް ނޫނެވެ. މިބުނި ނަތީޖާ ފެންނާނީ މިބުނި ގޮތަށް އުޅުމުންނެވެ.
 
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ