އެފްއޭއެމްގެ ފައިސާއާ ގުޅޭ ކަންކަން އިސްކޮށް ބެލީ ބައްސާމް އެފްއޭއެމްގެ ފައިސާއާ ގުޅޭ ކަންކަން އިސްކޮށް ބެލީ ބައްސާމް

ފުޓްބޯލް އެސޯސިިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސަކަށް ބައްސާމް އަދީލް ޖަލީލް ހުންނެވިއިރު، އެ އިދާރާގެ ފައިސާއާ ގުޅޭ ކަންކަން އިސްކޮށް ބެލީ އޭނާ ކަމަށް އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރި ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވެއްޖެ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ، ބައްސާމާ ގުޅޭ ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލައިގައި، ދައުލަތުގެ ފަރާތުން ހެކި ބަސް ދީފައިވަނީ، ޖަވާޒް އެވެ.
އެ ގޮތުން، ޝަރީއަތުގައި ވާހަކަ ދައްކަވަމުން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި، ޖަވާޒް ވިދާޅުވެފައިވަނީ، އެފްއޭއެމްގެ އެކި ލިޔެކިޔުންތަކުގައި އޭނާ ކުރިން ސޮއިކުރި ނަމަވެސް، ފައިސާއާ ގުޅޭ ކަންކަމުގައި، އިސްކޮށް ހަރަކާތްތެރިވަނީ، ބައްސާމް އިސްކޮށް ހަރަކާތެރިވާ ގޮތަށް އޭނާގެ ބެލުމުގެ ދަށުން ފައިނޭންސް ޑިޕާޓްމަންޓުން ކަމަށެވެ.
އެ ގޮތުން، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އެފްއޭއެމް އަށް ފައިސާ ދެމުން ދަނީ، ޑޮލަރުން ނަމަވެސް އެފްއޭއެމްގެ ހަރަދުތައް ކުރަނީ ރުފިޔާ އިން ކަމަށްވާތީވެ، އެފްއޭއެމްގެ ބޭނުމަށް ޑޮލަރު މާރުކުރާ ކަމަށް ވެސް ޖަވާޒް ވިދާޅުވި އެވެ.
މީގެ އިތުރުން، މިއަދުގެ ޝަރީއަތުގައި، ބައްސާމްގެ ވަކީލުންގެ ފަރާތުން ވަނީ ބައްސާމަށް 3000 ޑޮލަރުގެ އެލަވަންސެއް ދޭން އެފްއޭއެމްގެ ހިންގާ ކޮމިޓީން ނިންމާފައިވާކަން، ޖަވާޒަށް އެނގޭތޯ ސުވާލު ކުރިމަތިކޮށްފަ އެވެ.
އެ އަށް ދިން ޖަވާބެއްގެ ގޮތުގައި، ޖަވާޒް ވިދާޅުވީ، އެލަވަންސެއް ދޭން މަޝްވަރާ ކުރިކަމަށާއި އެކަމަކު އެއް ވެސް އިރެއްގައި އެފްއޭއެމްގެ މުސާރަ ޝީޓުގައި ބައްސާމަށް ދޭ އެލަވަންސެއް ހިމަނާފައިނުވާ ކަމަށެވެ.
ބައްސާމްގެ ވަކީލުން ބުނާގޮތުގައި، ހިޔާނަތްތެރިވި ކަމަށް ބުނާ ފައިސާ އަކީ، ބައްސާމަށް ދޭން ހިންގާ ކޮމިޓީން ނިންމި އެލަވަންސް/މުސާރަ ކަމަށެވެ.
ޖަވާޒްްގެ ހެކި ބަސް ނެގި މިއަދުގެ ޝަރީއަތަށް އެފްއޭއެމްގެ ފައިނޭންސިއަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލް ވެސް ހާޒިރު ކުރަން އޮތީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް، ތަހުގީގަށް އަގީލް ދީފައި އޮތް ފޯނު ނަމްބަރުން އޭނާއާ ނުގުޅޭތީ ޝަރީއަތަށް ހާޒިރުވުމުގެ ޗިޓު ރައްދު ނުކުރެވޭ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، މިއަދު ހެކިބަހަށް އަގީލް ހާޒިރު ކުރެވޭ ގޮތެއްނުވެ އެވެ.
އެހެން ނަމަވެސް، މި މައްސަލައިގައި ދެން، އޮތް ޝަރީއަތް ތާވަލުކުރެވިފައިވާ ބުދަ ދުވަހު، އަގީލްގެ އިތުރުން، އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް އަލީ އުމަރު ހާޒިރު ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަށް އަނބުރާ ގެންދިއުމުގެ ވިސްނުމެއް ނެތް ކަމަށް ޕީޖީ އޮފީހުން ވަނީ ދާދި ފަހުން ވެސް ބުނެފަ އެވެ.
އެ ގޮތުން، ބައްސާމްގެ މައްޗަށް، ގިނަ ދައުވާތަކެއް މިހާތަނަށް ވެސް ވަނީ ކޮށްފަ އެވެ. އެންމެ ފުރަތަމަ ދެ ދައުވާ ކޮށްފައިވަނީ، ފީފާއިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު، ބައްސާމްގެ އަމިއްލަ އެކައުންޓަށް ފޮނުވުމަށް ފަހު، އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ އެވެ. އޭގެ ފަހުން، ކުރި ދައުވާތަކަށް ބަލާއިރު، ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާތައް ކުރުމުގެ އިތުރުން އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ނަގައިދޭން ޕީޖީން އޮތީ ކްރިމިނަލް ކޯޓުގައި ދައުވާކޮށްފަ އެވެ. .
ފުލުހުންގެ ތަހުގީގަށް ހޯދުނު ގޮތުގައި، ބައްސާމް ވަނީ، ފީފާ އިން ކޮވިޑް ލޯނުގެ ގޮތުގައި ދިން ފައިސާގެ ތެރެއިން، އެއް މިލިއަން ޑޮލަރު އަމީން އެެވެނިއު އިން އެޕާޓްމަންޓް ގަންނަން ބޭނުންކޮށްފަ އެވެ. ފުލުހުން ތުހުމަތު ކުރަނީ ފީފާ އިން އެފްއޭއެމް އަށް ދިން، ކޮވިޑް ލޯނުގެ 1.9 މިލިއަން ޑޮލަރުގެ ތެރެއިން، އެއް މިލިއަން ޑޮލަރު ހޭދަކޮށް، ތިން ޕޭމަންޓެއް ގޮތަށް ބަހާލައިގެން، އަމީން އެވެނިއު އިން އެޕާޓްމަންޓް ގަންނަން ބައްސާމް ހަރަދު ކުރި ކަމަށެވެ. އެ އެޕާޓްމަންޓް މިހާރު ވަނީ، ދައުލަތަށް ނަގައިފަ އެވެ.
ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާއިން، ވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނުވަ މަސް ދުވަހަށް ބައްސާމް ސަސްޕެންޑްކޮށްފަ އެވެ. އެ ސަސްޕެންޝަންގެ މުއްދަތު ހަމަވެފައިވާއިރު، ފީފާ އިން ދާއިމީކޮށް، ބައްސާމް މައްސަލައިގައި ގޮތެއް ކަނޑައަޅާނީ، ރާއްޖޭގެ ކޯޓުތަކުގައި މި ހިނގާ މައްސަލަތަކުގައި ގޮތެއް ނިމުމުންކަން އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ