ފަނޑިޔާރުން ވަކިކުރުން ހާމަކަން ބޮޑުކޮށް ގެންދަން ލޭއޭޝިއާ އާއި އިންޑިއާ ބާ އެސޯސިއޭޝަނުން ގޮވާލައިފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމުގެ މަަސައްކަތް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަން ލޯއޭޝިއާ އާއި އިންޑިއާގެ ބާ އެސޯސިއޭޝަނުން މިއަދު ގޮވާލައިފި އެވެ.
ވީކިހިނެއް؟ - އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ޖޭއެސްސީން ގެންދިޔައީ ސިއްރުކޮށްގެނެވެ. ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމަށް އަޒްމިރަލްދާ އެދިވަޑައިގެންފައިވެ އެވެ. މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފަނޑިޔާރުން ވަކިކުރުމަށް ނިންމީ ވެސް ސިއްރުން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގަ އެވެ.
ތަފްސީލް - ލޯއޭޝިއާއިން ނެރުނު ބަޔާނުގައި ބުނީ، ފަނޑިޔާރުން ސަސްޕެންޑްކުރި ދަނޑިވަޅަކީ ދައުލަތާއި ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި، އަޑުއެހުމެއް ފަށަން ކުޑަތަންވެފައި ވަނިކޮށް ނިންމި ނިންމުމެއް ކަމަށެވެ.
އޭގެ ފަހުގައި ޖޭއެސްސީން މައްސަލަ ބަލަމުން ދަނީ ދެފުށް ފެންނަ ގޮތަކަށް ނޫންކަން ފާހަގަކޮށްފައިވެ އެވެ. އެ މަސައްކަތުގައި ހާމަކަމެއް ނެތް އިރު، ޑިއު ޕްރޮސެސް އާއި އިޖުރާއީ އިންސާފުވެރިކަމެއް ނެތް ކަމުގެ ކަންބޮޑުވުމަކީ ހައްގު ކަންބޮޑުވުމެއްކަން ފާހަގަކޮށްފައިވެ އެވެ.
ރާއްޖޭގެ ބާ ކައުންސިލާއި ކޮމަންވެލްތުގެ ލޯޔާސް އެސޯސިއޭޝަނުން، ފަނޑިޔާރުން ވަކިކުރުމުގެ ކަންކަން ސިއްރުން ގެންދާތީ އާއި އޭގެ އިންސާފެއް ނެތް ކަމަށް ފާހަގަކޮށް ހުރި ކަންބޮޑުވުންތައް ލޯއޭޝިއާއިން ވެސް ބަލައިގަންނަ ކަމަށް ބަޔާނުގައިވެ އެވެ.
އިންޑިއާގެ ބާ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވެސް ބުނީ ޖޭއެސްސީން މައްސަަލަ ގެންދިއުމުގައި ޑިއު ޕްރޮސެސްއެއް ނެތުމާއި ހާމަކަމެއް ނެތި ޖޭއެސްސީން މައްސަލައިގެ މަރުހަލާތައް ގެންދާތީ ހުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ.
މިކަން މިހެން ގޮސްފިނަމަ އަދި އެއީ ހަގީގަތެއް ނަމަ ދިވެހި ސަރުކާރުން ގާނޫނުގެ ވެރިކަމާއި ޖުޑީޝަރީގެ މިިނިވަންކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ކަމަށް ބެލެވެން ނެތް ކަމަށް ވެސް އިންޑިއާގެ ބާ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.
އެ އެސޯސިއޭޝަނުން ވެސް ވަނީ ރާއްޖޭގެ ބާ ކައުންސިލްގެ ބަޔާނާއި ކޮމަންވެލްތުގެ ލޯޔާސް އެސޯސިއޭޝަން އަދި ލޯއޭޝިއާގެ ބަޔާން އެންޑޯޒްކޮށްފަ އެވެ.
ލޯއޭޝިއާ އާއި އިންޑިއާގެ ބާ އެސޯސިއޭޝަނުން ގޮވާލާފައިވަނީ:
ރާއްޖޭގެ ބާ ކައުންސިލްގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދެންދެން ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް މަޑުޖައްސާލަން
ބާ ކައުންސިލްގެ މައިގަނޑު ކަންބޮޑުވުމަކީ ހާމަކަމެއް ނެތުން؛ އިޖުރާއީ އިންސާފު ގާއިމުކޮށް ބައްދަލުވުންތަކާއި އަޑުއެހުންތައް ސިއްރުނުކޮށް ދެފުށްފެންނަ ގޮތަށް ކުރިއަށް ގެންދިއުން
އެނގުން މުހިންމު - ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީން އެކުލަވާލި ރިޕޯޓް ރަނގަޅު ކަމަށާއި އެ ފަނޑިޔާރުން ވަކިކުރުމަށް ތަޅުމަށް ފޮނުވުމަށް ޖުޑީޝަރީ ކޮމިޓީން އިއްޔެ ނިންމި އެވެ. އެގޮތުން:
އެ ގޮތަށް ފާސްކުރީ ވެރިކަންކުރާ ޕީއެންސީގެ ފަސް މެންބަރުންގެ ވޯޓުން
ކޮމިޓީ ބައްދަލުވުން ވަކި ހިސާބަކުން ސިއްރުކޮށް، ވަކިކުރަން ފާސްކުރީ ސިއްރު ބައްދަލުވުމުގައި
ކޮމިޓީ ސިއްރުކުރަން ވޯޓަށް އެހި ހިސާބުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން ކޮމިޓީ ބޮއިކޮޓްކުރައްވައި ނުކުމެވަޑައިގަތް
ފަސްފަހަތް - އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ.
ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ. އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.
ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސްވީ އެވެ. އެއީ:
ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް
ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ބެންޗު ވެސް ބަދަލުކުރެވެނީ އޭގައި ހިމެނޭ ފަނޑިޔާރަކު ދުރުވާން ބޭނުންވުމުން ނޫނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ނޫނީ މަގާމުން ވަކިވުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ