ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ސަރުކާރުން ކުރާ މަސައްކަތްތައް މަޑުޖައްސާލަން އިންޑިއާގެ ބާ އެސޯސިއޭޝަނުން ވެސް މިއަދު ގޮވާލައިފި އެވެ.
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކި ކުރަން ކުރާ މަސައްކަތް މަޑުޖައްސާލަން ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިޔާ އެންޑަ ޕެސިފިކް (ލޯއޭޝިޔާ) އިން ވެސް ވަނީ މިއަދު ގޮވާލައިފަ އެވެ. އަދި ކޮމަވެލްތު ލޯޔާސް އެސޯސިއޭޝަނުން ވެސް ވަނީ އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ފަނޑިޔާރުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ތަހުގީގުގައި ޑިއު ޕްރޮސެސް ފޮލޯ ނުކުރުމާއި ޓްރާންސްޕޭރަންސީ ނެތް މައްސަލައިގައި ދިވެހިރާއްޖޭގެ ބާ ކައުންސިލާއި ލޯއޭޝިޔާ އާއި ކޮމަންވެލްތު ވަކީލުންގެ ޖަމިއްޔާއިން ހިއްސާކޮށްފައިވާ ކަންބޮޑުވުންތައް މި އެސޯސިއޭޝަނުން ވެސް ބަލައިގަންނަން،" އިންޑިއާ ބާ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އިންޑިއާގެ ބާ އެސޯސިއޭޝަނުން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބުމުގެ ކުރިން ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށެވެ.
ފަނޑިޔާރުންނަށް ދިފާއުފުވުމުގެ ފުރުސަތު ވެސް ނުދީ، މަގާމުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގައި އިޖުރާއީ އެއްވެސް މައްސަލައެއް ނެތް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އޮތީ އިއްޔެ ނިންމައިފަ އެވެ. އެގޮތަށް ނިންމީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމެއްގަ އެވެ.
ފަނޑިޔާރުން މަގާމުން ވަކިވާނީ، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނިންމުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސް ކުރުމުންނެވެ. ބެލެވޭ ގޮތުގައި މިއަދު ކުރިއަށްގެންދާ މަޖިލީހުގެ ޖަލްސާގައި އެކަމަށް ވޯޓަށް އަހާނެ އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ނިންމި އެވެ. އެކަމަކު، މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.
އަޒްމިރާްދާ އާއި މަހާޒް ވަކި ކުރަން ޖޭއެސްސީއިން ނިންމީ، އެ ދެ ބޭފުޅުންގެ ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ނުދީ އެވެ. ޖޭއެސްސީއިން ބުނީ، ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވެސް ފަނޑިޔާރުން އެދިވަޑައިގަތެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އިއްޔެ މައްސަލަ ނިންމީ ފަނޑިޔާރުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ނުދީ އެވެ. އަދި މައްސަލަ ވަކި ހިސާބަކުން ކުރިއަށްގެންދިޔައީ މަގުބޫލު ސަބަބެއް ނެތި ސިއްރުކޮށްގެންނެވެ. ކޮމިޓީ ސިއްރު ކުރަން ނިންމި ހިސާބުން ކޮމިޓީގައި ހިމެނޭ އިދިކޮޅު އެމްޑީޕީގެ ދެ މެންބަރުން ވަނީ ބައްދަލުވުން ބޮއިކޮޓް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިވާނީ މަޖިލީހުގެ ތަޅުމުން ޖޭއެސްސީގެ ރިޕޯޓު ފާސް ކުރުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކި ކުރަން މަސައްކަތް ކުރާތީ އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ އިތުރުން ބައިނަލްއަގްވާމީ ބައެއް ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް މަޑުޖައްސާލަން އިންޑިއާ ބާ އެސޯސިއޭޝަނުން ވެސް ގޮވާލައިފި ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް މަޑުޖައްސާލަން އިންޑިއާ ބާ އެސޯސިއޭޝަނުން ވެސް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ