ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދަށް ފިޔަވަޅު އެޅީ ގާނޫނާއި ހިލާފުވުން ކަމަށާ މި ސަރުކާރުން ދިވެހި އެއްވެސް ރައްޔިތަކު ފްރޭމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
މިރޭ އޮތް "އަހާ" ފޯރަމްގައި މިނިސްޓަރު އެ ޔަގީންކަން ދެއްވީ ޝަމްއާން މަގާމުން ދުރުކޮށް ޖަލުގައި ބަންދުކޮށްފައިވަނީ ފްރޭމް ކުުރުމުގެ އަމަލެއްގެ ތެރެއިން ކަމަށް ތުހުމަތު ކޮށް މީހަކު ސުވާލު ކުރުމުންނެވެ. އިހްސާން ވިދާޅުވީ އެއްވެސް ރައްޔިތަކު ފްރޭމް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ޝަމްއާން ފްރޭމް ނުކުރާ ކަމަށާ ނަމަވެސް އެއްވެސް ރައްޔިތަކު ތަފާތު ނުވާނެ ގޮތަކަށް ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމުގައި ޔުނީފޯމް އެޅި މުއައްސަސާތަކުގެ ވެރީންނާއި މުވައްޒިފުން ހާއްސަ ނަޒަރަކުން ބަލާނެ ކަމަށެވެ.
Advertisement
"ދިވެހި އެއްވެސް ރައްޔިތަކު ތަފާތު ނުވާ ގޮތަށް ވަކި މީހަކު އިސްތިސްނާ ނުވާގޮތަށް ގާނޫނު ތަންފީޒު ކުރާނެ މި ސަރުކާރުން. އެ ގާނޫނުތައް ތަންފީޒު ކުރަމުންދާއިރުގައި ޚާއްސަ ނަޒަރަކުން އަޅުގަނޑުމެން ބަލާނަން ޔުނީފޯމް އެޅި މުއައްސަސާތަކުގައި މަސައްކަތް ކުރާ މީހުންނަށް," އިހްސާން ވިދާޅުވި އެވެ.
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު
އިހްސާން ވިދާޅުވީ ކޮންމެ ރައްޔިތަކަށް ވެސް ސަރުކާރުން ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށް ދޭނެ ކަމަށެވެ.
"އަޅުގަނޑު ޔަގީންކޮށް އަރުވަން އެއްވެސް ރައްޔިތަކާ ދޭތެރޭގައި ގާނޫނާއި ގަވައިދާ ހިލާފަށް އަޅުގަނޑުމެން އަމަލެއް ނުކުރާނަން. ފްރޭމެއް ނުކުރާނަން," އިހްސާން ވިދާޅުވި އެވެ.
މިރޭގެ ފޯރަމްގައި އިހްސާން ވަނީ ޝަމްއާނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވެސް ވާހަކަ ދައްކަވާފަ އެވެ.
ވިދާޅުވީ އޭނާގެ ދަށުން މިހާތަނަށް މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނާ އަޅާބަލާއިރު ޝަމްއާނަކީ މަސައްކަތަށް ވަރަށް ރަނގަޅު ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ ކިތަންމެ ރަނގަޅަށް މަސައްކަތް ކުރެއްވިޔަސް ގާނޫނާއި ހިލާފުވުމުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ޝަމްއާނަށް ފިޔަވަޅު އެޅީ ގާނޫނާ ހިލާފުވުން، އެއްވެސް ރައްޔިތަކު ފްރޭމެއް ނުކުރާނެ: އިހްސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ