ގެދޮރު އެޅުމަށް މާލީ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ހާއްސަކޮށް ހުޅުވާލި "ހިޔާވެހި" ލޯނު ސްކީމަށް އެދި 2200 އަށްވުރެ ގިނަ މީހުން ހުށައަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މި ސްކީމްގެ ފުރަތަމަ ބުރުގައި ފޯމު ހުށައެޅުމަށް ދިން މުއްދަތު ރޭ ހަމަވެފައިވާއިރު ސްކީމަށް އެދި ޖުމްލަ 2256 ފޯމުވަނީ ހުށަހަޅާފައެވެ.
ތިން ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ ހިޔާވަހި ސްކީމްގައި ރަށްތަކަށް ހާއްސަ "ރަށްވެހި" ސްކީމަށް 1329 ފޯމު، އާބަން ސެންޓަރުތަކަށް ހާއްސަ "ސަހަރު" ސްކީމަށް 586 ފޯމު އަދި ފުރަމާލެއަށް ހާއްސަކޮށްފައިވާ "ފަހިމާލެ" ސްކީމަށް 341 ފޯމު ހުށައަޅާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހިޔާވަހި ފައިނޭންސިން ޕްރޮގްރާމްގެ ސްކީމްތައް:
- ރަށްވެހި ހިޔާވެހި ސްކީމް (ރަށްރަށަށް): އިކުއިޓީއަކާ ނުލައި 1 މިލިއަން ރުފިޔާގެ ލޯން
- ސަހަރު ހިޔާވެހި ސްކީމް (އާބަން ސެންޓަރުތަކަށް): 5-10 ޕަސެންޓް އިކުއިޓީ ބަހައްޓާފަ، 3 މިލިއަން ރުފިޔާގެ ލޯން
- ފަހިމާލެ ހިޔާވެހި ސްކީމް (މާލެ ސަރަހައްދަށް): 5-10 ޕަސެންޓް އިކުއިޓީ ބަހައްޓާފަ، 6 މިލިއަން ރުފިޔާގެ ލޯން
މާލީ އެކި ސަބަބުތަކުގެ ސަބަބުން މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް އެކަމުގެ ޙައްލެއް ގެނެސްދިނުމަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ދޫކުރާ ހިޔާވެހި ފައިނޭންސް ސްކީމް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މި ލޯނު ސްކީމަކީ 5 ޕަސެންޓު އިންޓްރެސްޓްގައި ކުރިއަށްގެންދާ ފައިނޭންސިން ޕްރޮގްރާމެކެވެ. އެހެންކަމުން މި ޕްރޮގްރާމަކީ ސަރުކާރުން މިހާތަނަށް ރާއްޖެގެ ހުރިހާ ސަރަޙައްދެއް ހިމެނޭގޮތަށް ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ލޯނު ޕްރޮގްރާމެވެ.
ހިޔާވަހި ލޯނު ސްކީމަށް 2200 އަށް ގިނަ މީހުން ހުށަހަޅާފައިވޭ: ހައުސިން މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ