ސަރުކާރުގެ ހަރަދުގައި ބޭރުގައި ކިޔަވާ ކުދިންެގެ ފައިސާ ނުދޭތީ ޝަކުވާ ބޮޑުވެއްޖެ

ސަރުކާރުގެ ސްކޮލާޝިޕް އަދި ލޯނު ސްކީމުތަކުގެ ދަށުން ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށް ދޭންޖެހޭ ސްޓައިޕެންޑާއި އެ ދަރިވަރުންގެ ކޯސް ފީ ނުވަތަ ޓިއުޝަން ފީ ނުދައްކާ އެތައް މަހެއްވެފައިވާ ކަމަށް އެ ސްކީމުތަކުގައި ތައުލީމު ހާސިލް ކުރާ ބައެއް ދަރިވަރުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ މަތީ ތައުލީމު ލޯނު ފުރުސަތުތަކާއި އެކި ސްކޯލާޝިޕް ސްކީމުތަކުގައި އެތައް ދަރިވަރުންނެއް އަންނަނީ ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލް ކުރަމުންނެވެ.
ތަފްސީލް - ސަރުކާރުން ދަރިވަރުންނަށް ދޭންޖެހޭ ސްޓައިޕެންޑު ނުލިބުމުގެ ސަބަބުން ދިރިއުޅުމުގެ ކަންތައް ހަމަޖައްސަން އުނދަގޫވާ ކަމުގެ ޝަކުވާ ދަރިވަރުން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ޔުނިވާސިޓީ އަށް ދައްކާ ޓިއުޝަން ފީ ނުދައްކާ އެތައް މަހެއް ވެފައިވާތީ ދަރިވަރުންގެ ކިޔެވުމަށް ބުރޫ އެރުމުގެ ބިރުވެސް މިހާރު އެބަ އޮތެވެ.
ޓޮޕް އެޗީވާސް ސްކޮޕާޝިޕްގެ ދަށުން އިނގިރޭސިވިލާތުގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރަކު 'ދައުރު' އާ ވާހަކަ ދައްކަމުން ބުނީ، އެ ދަރިވަރުގެ ޓިއުޝަންފީ ނުދައްކާތާ 6 މަސް ވެފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ޔުނިވާސިޓީ އަށް ޓިއުޝަން ފީ ދައްކަން ޖެހެނީ އަހަރަކު އެއްފަހަރު. [އެކެޑެމިކް] އަހަރު ފެށެނީ ސެޕްޓެމްބަރުގައި. އެކަމަކު މިހާތަނަށް ވެސް މިނިސްޓްރީ އިން ޔުނިވާސިޓީ އަށް ފައިސާ ދައްކާފައެއް ނުވޭ،" އެ ދަރިވަރު ބުންޏެވެ.
އެ ދަރިވަރު ބުނިގޮތުގައި:
ޔުނިވާސިޓީ އިން ހަޔާ އެޑިއުކޭޝަނަށް އިންވޮއިސް ފޮނުވީ މިިދިޔަ ސެޕްޓެމްބަރު ފަހުކޮޅު
ފައިސާ ދައްކާފައި ނުވާތީ ފެބްރުއަރީ މަހު ވެސް ޔުނިވާސިޓީ އިން މިނިސްޓްރީ އަށް ފޮލޯއަޕް މެއިލް އެއް ފޮނުވި
އެ ދަރިވަރު ބުނިގޮތުގައި، ޓިއުޝަން ފީ ދައްކާނެ ކަމުގެ ޔަގީންކަން މިނިސްޓްރީގެ ފަރާތުން ޔުނިވާސިޓީ އަށް ދިނެވެ. ނަމަވެސް ފީ ދެއްކިތޯ ޔަގީން ކުރުމަށް ދަރިވަރުގެ ފަރާތުން ޔުނިވާސިޓީ އަށް އީމެއިލް ކުރުމުން އަދިވެސް ފީ ދައްކާފައި ނުވާކަން އަންގާފައިވާ ކަމަށް ބުންޏެވެ.
"ޔުނިވާސިޓީ އިން ބުނި ތަކުރާރުކޮށް އެތައް ފަހަރަކު މިނިސްޓްރީ އާ ކޮންޓެކްޓު ކުރި ކަމަށް. އަދި ވަކި ވަރަކަށްވުރެ ގިނަ ދުވަސް ވާނަމަ ސްޕޮންސަރާ މުއާމަލާތު ކުރުން ހުއްޓާލާ ދަރިވަރު އަމިއްލަ އަށް ފައިސާ ދައްކަން އަންގާނެ ކަމަށް،" އެ ދަރިވަރު ބުންޏެވެ.
"ސެޕްޓެމްބަރުން ފެށިގެން މިއަދާ ހަމައަށް މިހާރު ހަ މަސް ވެއްޖެ ފީ ނުދައްކާ އޮންނަތާ. އަޅުގަނޑުގެ ޓިއުޝަން ފީ ނުދައްކާ އޮތްކަން އެނގުނު ހިސާބުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް އެތައް އީމެއިލް އެއް ފޮނުވައިފިން. ގުޅަން ވެސް މަސައްކަތް ކޮށްފިން. އެކަމަކު އެއްވެސް ކުރިއެރުމެއް އަދި ނުލިބޭ،" 
ކޯސް ފީ ދެއްކުން ލަސްވުމުގެ އިތުރުން ދަރިވަރުންނަށް ލިބެން ޖެހޭ ސްޓައިޕެންޑު ލިބުމުގައި ވެސް ލަސްތަކެއް އުޅޭކަމަށް އެ ދަރިވަރު ބުންޏެވެ.
"މިނިސްޓްރީ އަށް ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުވުމަށްފަހު، އެ އެއްޗެހި ލިބުނުކަން އެކޮޅުން ޔަގީންކޮށްދެން ވެސް އެތައް ދުވަހެއް އެބަ ނަގާ،" މިނިސްޓްރީގައި އިދާރީ ގިނަ މައްސަލަތައް އެބަހުރިކަން ފާހަގަ ކުރަމުން އެ ދަރިވަރު ބުންޏެވެ.
"ތިން އަހަރު ވީ އިރު މިއީ މިގޮތަށް ކަންތައް ލަސްވެ، ދަތިވި ފުރަތަމަ ފަހަރު. މިނިސްޓްރީ އާ ގުޅަން އުނދަގޫވެގެން އުޅެން ޖެހުނު ވެސް މިއީ ފުރަތަމަ ފަހަރު."
ކިޔެވުމުގެ އެންމެ ފަހު އަހަރަށް ވާއިރު ކޯސް ނިމެން ބާކީ އޮތީ 4 މަސްކަން ފާހަގަކޮށް އެ ދަރިވަރު ބުނިގޮތުގައި ކޯސް ފީ ނުދައްކާ ދިގުލައިގެން ދާނަމަ ގްރެޖުއޭޝަން ލަސްވުމުގެ ބިރު ވެސް އެބައޮތެވެ. 
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ދަރިވަރުންނަށް ޖަވާބުދާރީ ނުވާކަމަށާއި އެހީތެރިކަން ނުދޭ ކަމަށް ބުނެ އެހެން ގައުމުތަކުގައި ކިޔަވާ ދަރިވަރުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުންނަށް ވިސާ އާއި މާލީ ބައެއް ކަންކަމުގައި ހުރި ދަތިތަކަށް މިނިސްޓްރީގެ ފަރާތުން އެކަށީގެންވާ ހައްލެއް އަދި އިޖާބައެއް ނުލިބޭތީ އެކަމާ އެ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިނިސްޓަރުގެ ބަސް - މިނިސްޓްރީ އިން ދައްކަން ޖެހޭ ޓިއުޝަން ފީ އާއި ދޭން ޖެހޭ ސްޓައިޕެންޑު ލަސްވުމުން ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން އަދި މި އަހަރަށް ހަޔާ އެޑިއުކޭޝަން ލޯނަށް ހުޅުވާލުން ލަސްވާތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓަރު ހައިދަރު މިއަދު ވިދާޅުވީ މަސައްކަތް ކުރައްވަނީ ވީހާ ވެސް އަވަހަކަށް ލޯނު ސްކީމުތައް އިއުލާނު ކުރުމަށް ކަމަށެވެ.
"އެކަމަށް ބާއްވާ އިވެންޓުގައި [ކަންތައް] ލަސްވާ ސަބަބު ވެސް ހާމަކުރާނަން،" އިތުރު ތަފްސީލަކަށް ނުގޮސް މެސެޖަކުން ދެއްވި ކުރު ޖަވާބުގައި މިނިސްޓަރު ވިދާޅުވި އެވެ.
އެނގުން މުހިއްމު - ސްކޮލާޝިޕް އަދި ލޯނު ސްކީމުތަކުގެ ދަށުން މިހާރު ކިޔަވަމުން އަންނަ ކުދިންނަށް ދޭންޖެހޭ މާލީ އެހީތެރިކަން ދިނުމުގައި ލަސްތަކެއް އުޅޭކަމުގެ ޝަކުވާތައް އިތުރުވެފައިވާއިރު މި އަހަރަށް މަތީ ތައުލީމަށް ލޯނު ފުރުސަތަށް ހުޅުވާލުން ލަސްވުމުގެ ޝަކުވާ ވެސް އެބައޮތެވެ.
މި ރޯދަ މަހު ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ލޯނު ސްކީމަށް ހުޅުވާލަން ނޫސްވެރިންގެ ބައްދަލުވުން އޮންނާނެކަން ދެ ފަހަރަކު އަންގައި ފަހުން ކެންސަލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ