ގޫގުލްއިން އަލަށް ތައާރަފުކުރި 'ވިސްނުންތެރި' ޖެމިނައި 2.5 ޕްރޯ އިންޓަނެޓް އެޕްލިކޭޝަންތައް ފަރުމާކުރުމުގެ މަސައްކަތުގެ އެންމެ އިސް ސަފުގައި

ގޫގުލްއިން ޖެމިނައި 2.5 އެކްސްޕެރިމެންޓަލް އަންގާރަ ދުވަހު ތައާރަފުކޮށްފި އެވެ. މިއީ ސުވާލުތަކަށް ޖަވާބުދިނުމުގެ ކުރިން 'ވިސްނާ' ޓެކްނޮލޮޖީ ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލެކެވެ.
ގޫގުލްއިން ބުނެފައިވަނީ ޖެމިނައި 2.5 ޕްރޯ ބުދަދުވަހުން ފެށިގެން ގޫގުލް އޭއައި ސްޓޫޑިއޯގައި ޑިވެލޮޕަރުންނަށާއި މަހަކު 20 ޑޮލަރު ދައްކައިގެން ޖެމިނައި އެޑްވާންސްޑް ބޭނުންކުރާ ފަރާތްތަކަށް ލިބޭގޮތަށް ހަމަޖެހިފައިވާކަމަށެވެ. 
ގޫގުލްއިން މީގެ ފަހުން ނެރޭ ހުރިހާ އޭއައި މޮޑެލްތަކުގައިވެސް 'ވިސްނުންތެރި' ޓެކްނޮލޮޖީ އެކުލެވިގެންދާނެކަމަށް ބުނެފައިވެ އެވެ.
އޯޕަންއޭއައި އިން ފުރަތަމަ 'ވިސްނުންތެރި' މޮޑެލް o1 ތައާރަފުކުރީ ސެޕްޓެމްބަރ 2024ގަ އެވެ. އޭގެފަހުން އެންތްރޮޕިކް، ޑީޕްސީކް، ގޫގުލް އަދި xAI ފަދަ ކުންފުނިތަކުން ބޮޑެތި އަގުތަކުގައި ބޭނުންކުރެވޭ މިފަދަ ޓެކްނޮލޮޖީއަށް އިންވެސްޓްކޮށްފައިވެ އެވެ.
ގޫގުލްއިން ބުނާގޮތުގައި ޖެމިނައި 2.5 ޕްރޯ މޮޑެލްގެ އެންމެ ބޮޑު ބޭނުމަކީ ފެންނަން ރީތި ވެބް އެޕްލިކޭޝަންތައް އުފެއްދުމާއި ކޯޑިން އެޕްލިކޭޝަންތައް ތަރައްގީކުރުމެވެ.
އޭޑާ ޕޮލިގްލޮޓް ޓެސްޓުން ޖެމިނައި 2.5 ޕްރޯ އިން 68.6% ސްކޯއެއް ހޯދައި އޮޕެންއޭއައި، އެންތްރޮޕިކް އަދި ޗައިނީޒް އޭއައި ލެބް ޑީޕްސީކްގެ މޮޑެލްތަކަށްވުރެ މަތިވެފައިވާކަމަށް ކުންފުނިން ބުނެފައިވެ އެވެ.
އެހެންނަމަވެސް ސޮފްޓްވެއާ ޑިވެލޮޕްމަންޓް ގާބިލުކަން ވަޒަންކުރާ ވެރިފައިޑް އެސްޑަބްލިއު-ބެންޗް ޓެސްޓުން ޖެމިނައި 2.5 ޕްރޯއިން ލިބިފައިވަނީ 63.8% އެވެ. މިއީ އެންތްރޮޕިކްގެ ކްލޯޑް 3.7 ސޮނެޓް (70.3%) އަށްވުރެ ދަށް ސްކޯއެކެވެ.
މިމޮޑެލް ފުރަތަމަ ބޭނުންކުރެވޭއިރު 1 މިލިއަން ޓޯކަން (750,000 ލަފުޒު) އަދި އަވަހަށް 2 މިލިއަން ޓޯކަން ގެ ކެޕޭސިޓީ ލިބޭނެކަމަށް ގޫގުލްއިން ބުނެފައިވެ އެވެ.
ޖެމިނައި 2.5 ޕްރޯގެ އޭޕީއައި އަގުތައް ކަނޑައެޅިފައިނުވާއިރު ކުރިއަށް އޮތް ހަފްތާތަކުގައި އިތުރު މައުލޫމާތު ހިއްސާކުރާނެކަމަށް ކުންފުނިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ