ޕެރިސް (އޭޕްރީލް 10) - މޮންޓެ ކާލޯ މާސްޓާސްގެ ދެ ވަނަ ބުރުގައި، ޗިލީގެ އަލެހަންދްރޯ ޓަބީލޯ އަތުން ބަލިވެ، ސާބިއާގެ މަޝްހޫރު ޓެނިސް ތަރި، ނޮވަކް ޖޮކޮވިޗަށް މުބާރާތް ނިމިފަ އެވެ.
ޓެނިހުގެ މާސްޓާސް 100 ތަށި ހާސިލްކުރުމުގެ އަމާޒުގައި މަސައްކަތްކުރަމުން އަންނަ ޖޮކޮވިޗް، 37، ގެ އިންތިޒާރު އަންނަނީ ދިގުލަމުންނެވެ. މި ސީޒަނުގައި، ޖެހިޖެހިގެން ތިން މެޗުން ބަލިވެފައިވާ ޖޮކޮވިޗް، އެންމެ ފަހުން ކުޅުނު މެޗުގައި، މިއާމީ އޯޕަން ފައިނަލުގައި 19 އަހަރުގެ ޔަކޫބް މެންސިކް އަތުން ވަނީ ބަލިވެފަ އެވެ.
މޮންޓެ ކާލޯ މާސްޓާސްގައި ޓަބީލޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޖޮކޮވިޗް އަތުން ގިނަ ގޯސްތަކެއް ހެދުނުއިރު، މެޗުގެ ސެޓުތައް ދިޔައީ، 6-3، 6-4 އިންނެވެ. މިދިޔަ އަހަރު ވެސް އޭނާ ވަނީ ޖޮކޮވިޗްގެ މައްޗަށް މި މުބާރާތުގައި ކުރިހޯދައިފަ އެވެ.
މި މުބާރާތުގެ ތަށި ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ޖޮކޮވިޗް ބުނީ، ވަރަށް ރަނގަޅު ކުޅުމެއް ދައްކަން އުންމީދުކޮށްގެން އައިސް ދެއްކުނީ ވަރަށް އާދައިގެ ދަށް ކުޅުމެއް ކަމަށެވެ. އަދި، ކުރިއަށް ހުރި މުބާރާތްތަަކަށް އިތުރަށް ރަނގަޅުކުރަން ޖެހޭ ކަމަށް ޖޮކޮވިޗް ވަނީ ބުނެފަ އެވެ.
ޓެނިހުގެ ބޮޑެތި މުބާރާތައް ކަމަށްވާ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތްތަކުގެ 24 ތަށި ހަމަކޮށް ރެކޯޑެއް ގާއިމްކޮށްފައިވާ ޖޮކޮވިޗް، މޮންޓެ ކާލޯގައި ކުޅުނު ފުރަތަމަ މެޗުން ބަލިވުމުން، ކްލޭ ކޯޓުގައި އޭނާ ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ 10 މެޗަށް ފަހު ނިމުން އަތުވެފަ އެވެ.
މޮންޓެ ކާލޯ މާސްޓާސްގެ ތިން ވަނަ ބުރުން ސްޕެއިނުގެ ކާލޯސް އަލްކަރާޒް ވަނީ ފުރުސަތު ހޯދައިފަ އެވެ. އެއީ، އާޖެންޓީނާގެ ފްރަންސިސްކޯ ސެރުންޑޯލޯ އަތުން ފަހަތުން އަރައި މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 3-6 6-0 6-1 އިންނެވެ.
މޮންޓެ ކާލޯގައި ވެސް ޖޮކޮވިޗަށް ނާކާމިޔާބު މޮންޓެ ކާލޯގައި ވެސް ޖޮކޮވިޗަށް ނާކާމިޔާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ