ޗެމްޕިއަންސް ލީގުގެ ތަށި ނުލިބެންޏާ ޔަގީނުން ވެސް ޕެޕް ގާޑިއޯލާގެ އުއްމީދަކަށް ވާނީ މުބާރާތުގައި ވީހާ ވެސް ކުރިއަކަށް އަރާށެވެ. އެއީ ގަދަ 16އިން ޖާގަ ނުލިބި ކެޓުން ކަމަށް ޔަގީނުން ވެސް ނުވާނެ އެވެ.
އެކަމަކު ރޭ އަމިއްލަ ދަނޑުގައި ދެ ފަހަރަށް ލިބުނު ލީޑުގައި ވެސް ނުހިފެހެއްޓި، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަތުން 3-2 އިން ބަލިވުމާ އެކު މިހާރު މި އޮތީ ގަދަ 16އަށް ނުގޮސް ކެޓުމުގެ ބިރެވެ.
ފުރަތަމަ ހާފުގައި އެރިކް ހާލޭންޑް ޖެހި ލަނޑާއި ދެވަނަ ހާފުގައި އޭނާ ކާމިޔާބު ކުރި ޕެނެލްޓީން ސިޓީއަށް ލީޑު ލިބުނެވެ. ޕެނެލްޓީ އައީ 60 ވަނަ މިނިޓްގައި ރެއާލްގެ ކީލިއަން އެމްބާޕޭ ލަނޑެއް ޖަހައި 1-1 އިން އެއްވަރުކޮށްފައި އޮއްވަ އެވެ.
ރެއާލްގެ ފަހު ދެ ލަނޑު އައީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ބްރަހިމް ޑައަޒް އާއި އިތުރު ވަގުތުގައި ޖޫޑް ބެލިގަމްގެ ފަރާތުންނެވެ.
މެޗުގައި ސިޓީގެ ސަޕޯޓަރުން ވަރަށް ބޮޑު ފޮތިގަނޑެއް ހިފައިގެން ތިބީ ރެއާލްގެ ވިނީޝިއަސް ޖޫނިއާއަށް މަލާމަތްކުރާށެވެ. މިހާރު އަނިޔާގައި ހުރި ސިޓީގެ މިޑްފީލްޑަރު ރޮޑްރީއަށް މިދިއަ ސީޒަންގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ލިބުމުން ރެއާލްއިން ވަނީ އެ ރަސްމިއްޔާތު ބޮއިކޮޓް ވެސް ކޮށްފަ އެވެ. ރެއާލްއިން ދުށީ އެ އެވޯޑްގެ ހައްގުވެރިޔަކީ ވިނީޝިއަސް ކަމެވެ.
ރޮޑްރީގެ ފޮޓޯއާ އެކު ފޮތިގަނޑުގައި ޖަހާފައި އޮތީ 'ހިތް ނުކުންނަ ވަރަށް ރުއިން ހުއްޓާލާ!' އެވެ.
އެއީ ހިތްވަރެއް ކަމަށް ވިނީޝިއަސް ބުންޏެވެ. ރެއާލްއަށް ދެ ލަނޑު ޖަހަން ފުރުސަތު ހޯދައިދިނީ އޭނާ އެވެ.
ރޭގެ މެޗުން އެނގުނީ ރެއާލްއަކީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ދޫކޮށްލައިގެން ތިބޭނެ ބައެއް ނޫން ކަމެވެ.
މި ދެޓީމުގެ ދެވަނަ ލެގު އޮންނާނީ އަންނަ އަންގާރަދުވަހުގެ ރޭ ދަންވަރު އެވެ. މި މެޗުން އެއްވަރުވިޔަސް ރެއާލްއަށް ގަދަ 16 އިން ޖާގަ ލިބޭނެ އެވެ. ސިޓީއަށް އޮތީ މޮޅުވުމެވެ.
ރެއާލްއިން ފަހު ވަގުތު މޮޅުވެ މެންޗެސްޓަ ސިޓީއަށް ބޮޑު ބިރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ