އާމިނަތު ޝިޔާނާ މުހައްމަދަކީ އުމުރުން 30 އަހަރުގެ ޒުވާން އަންހެނެކެވެ. ޝިޔާއަކީ ކުރިން ވަރަށް ހަރަކާތްތެރި އަދި ދުޅަހެޔޮ ދިރިއުޅުމެއް އުޅުނު މީހެކެވެ. ނަމަވެސް، 2011 ވަނަ އަހަރުން ފެށިގެން އޭނާއަށް ވަނީ އެޕިލެޕްސީ (ފިޓު ޖެހުން) ގެ ބަލި ޖެހިފައެވެ. މި ބަލީގެ ސަބަބުން ޝިޔާގެ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
ޝިޔާއަށް މިހާރު ވަރަށް ގިނައިން ފިޓު ޖެހެއެވެ. ކޮންމެ ފަހަރަކު ފިޓު ޖެހުމުން އޭނާ ޖެހެނީ އައިސީޔޫގައި ބާއްވައިގެން ފަރުވާ ދޭށެވެ. ފިޓު ޖެހޭ ކޮންމެ ފަހަރަކު 15 ނުވަތަ 16 ފަހަރު ޖެހިޖެހިގެން ފިޓު ޖެހެއެވެ. މިއީ ވަރަށް ނުރައްކާތެރި އަދި ވޭންދެނިވި ހާލަތެކެވެ.
"ފިޓުޖެހޭ ކޮންމެ ފަހަރަކު އައިސީޔޫއަށް ލައިގެން ދެން ފުރައިގެން ދާން މިޖެހެނީ. މެދުނުކެނޑި ރެގިއުލާކޮށް ބޭސްކާއިރުވެސް ކޮންޓްރޯލް ނުކުރެވޭ."ޝިޔާ ބުންޏެވެ.
ޝިޔާގެ ބައްޔަށް ފަރުވާ ކުރުމަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ އެތައް ހޮސްޕިޓަލަކަށް ދައްކައި، އެތައް ބޭހެއް ބޭނުންކޮށްފައިވެއެވެ. ނަމަވެސް، އަދިވެސް އެކަށީގެންވާ ހައްލެއް ލިބިފައެއް ނުވެއެވެ. ޑޮކްޓަރުން މިހާރު ލަފާދެނީ ސިކުނޑީގެ ނުރައްކާތެރި އޮޕަރޭޝަނެއް ކުރުމަށެވެ. ނަމަވެސް، މި އޮޕަރޭޝަނަކީ ވަރަށް ނުރައްކާތެރި އަދި އަގުބޮޑު އޮޕަރޭޝަނެކެވެ.
ޝިޔާގެ ބަލީގެ ސަބަބުން އޭނާގެ އާއިލާއަށްވެސް ވަނީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ޝިޔާގެ ފިރިމީހާއަށް ވަޒީފާއަށް ނުދެވި، ދެ ކުޑަކުދިން ބެލެހެއްޓުމުގެ ޒިންމާވެސް އުފުލަން ޖެހިފައިވެއެވެ. މިކަމުގެ ސަބަބުން އާއިލާގެ އާމްދަނީއަށްވެސް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ.
"ގިނަ ބޭސްތައް ކާންޖެހޭތީ މީހާ ވަރަށް ޑައުންވެފަ ހުންނަނީ، ޖޮބަށްވެސް ނުދަން މިހާރު. ފިރިމީހާ ވެސް ޖޮބަށް ނުދެވޭ ޝިޔާ ބަލިކޮށް އުޅޭތީ،" ޝިޔާ ކިޔައިދިނެވެ.
އެންމެ ފަހުން މިމަހު 5 ވަނަ ދުވަހުވެސް ޝިޔާ ފެނުނީ ފެިޓު ޖެހިގެން ފާހާނަ ކައިރިޔަށް ވެއްޓިފައި އޮތްވާއެވެ. ފިޓުޖެހެން ފެށުމުން ކޮންޓްރޯލްނުވެ ފިޓް ޖެހެއެވެ. އެފަހަރުވެސް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދިނުމުންވެސް ރަނގަޅުނުވެގެން އޭޑީކޭ އައިސީޔޫއަށް ބަދަލު ކުރަން ޖެހުނެވެ. އޭޑީކޭ ޑޮކްޓަރުންވެސް ލަފާދިނީ ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ދިޔުމަށެވެ.
ޝިޔާ މިހާރު ބޭނުންވަނީ ބެންކޮކަށް ގޮސް އިތުރު ފަރުވާ ހޯދުމަށެވެ. ނަމަވެސް، މިއީ ވަރަށް އަގުބޮޑު ކަމެކެވެ. އެހެންކަމުން، ޝިޔާއަށް ބޭނުންވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމެވެ.
ޝިޔާއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އޭނާގެ ގުޅޭނެ ނަންބަރު:
7485558 (އާމިނަތު ޝިޔާނާ މުހައްމަދު)
އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި ( 7703505229101 ) އާމިނަތު ޝިޔާނާ މުހައްމަދު
އެކައުންޓް ނަންބަރު: އެމްއައިބީ ޑޮލަރު (7730000402871) އާމިނަތު ޝިޔާނާ މުހައްމަދު
ފިޓު ޖެހޭ ކޮންމެ ފަހަރަކު އައިސީޔޫގައި ބާއްވަން ޖެހޭ، އެތައް ވޭނެއް ތަހައްމަލް ކުރަމުންދާ ޝިޔާއަށް އެހީއެއް ވެދެއްވާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ