ބީއެމްއެލްގެ ސްކޯލާޝިޕް ފަންޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައފި

ބޭންކް އޮފް މޯލްޑިވްސްއިން ބޭންކިން އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާނެ ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމަށް ހިންގާ ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. ބީއެމްއެލްއިން ބުނީ މި ސްކޮލާޝިޕަކީ ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރަން ޝައުގުވެރިވާ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ދާއިރާއިރާއިން ބޭނުންވާ ކޮންމެ އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެއް ކަމަށެވެ. މި ސްކޮލާޝިޕަކީ މާލީ ދާއިރާގައި ދިވެހި ތަޖުރިބާކާރުން ބިނާކޮށް، ޤާބިލުކަން އިތުރުކުރުމަށް ބޭންކުން ކުރާ މަސައްކަތްތަކުގެ ތެރެއިން މުހިންމު އެއް މަސައްކަތްކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ. ބީއެމްއެލްއިން ބުނީ މި ފަންޑުގެ ދަށުން ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ޓިއުޝަން ފީއާއި މަހު އެލަވަންސްގެ އިތުރުން ވިސާ ފީއާއި ފޮތާއި އެސްޓަބްލިޝްމަންޓް އެލަވަންސްގެ އިތުރުން ދަތުރުފަތުރުގެ ޚަރަދު ބޭންކުން ހަމަޖައްސައިދޭނެ ކަމަށެވެ. އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިންނަށް މި ސްކޮލާޝިޕަށް ކުރިމަތިލެވޭނޭ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. މާލީ ދާއިރާއަށް ގާބިލު މީހުން އުފެއްދުމުގައި ބީއެމްއެލް ސްކޮލާޝިޕް ފަންޑުން ވަރަށް މުހިންމު ދައުރެއް އަދާކުރޭ. ޒުވާން ދިވެހިންނަށް ދުނިޔޭގެ ފެންވަރު ރަނގަޅު މަތީ ތައުލީމު ހޯދުމަށް އެހީތެރިވެދިނުމުން އަޅުގަނޑުމެން މި އިންވެސްޓްކުރަނީ ދިވެހިރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް.ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ނިމިދިޔަ 2022 ވަނަ އަހަރު ބީއެމްއެލް ސްކޮލާޝިޕް ފަންޑް ތައާރަފްކުރުމަށް ފަހު މިހާތަނަށް ނުވަ ދަރިވަރަކަށް ވަނީ ސްކޮލާޝިޕް ފޯރުކޮށްދީފައެވެ. ބީއެމްއެލްއިން ބުނީ އެ ދަރިވަރުން ޔޫކޭ އަދި އޮސްޓްރޭލިއާގައި ތައުލީމު ހާސިލުކުރަމުން ދަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކުގައި ކަމަށެވެ. މިއަހަރުގެ ސްކޮލާޝޮޕް ފަންޑަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވަނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހަށެވެ. ފަންޑަށް ކުރިމަތުލުމުގެ ޝަރުތުތަކުގެ މައުލޫމާތާއި ފަންޑަށް އެދި ހުށަހަޅާނެ ގޮތް ބީއެމްއެލްގެ ވެބްސައިޓު މެދުވެރިކޮށް ފެންނާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ