އިޓަލީގައި ބޭއްވި ވެޓަރަންސް މުބާރާތުން ރާއްޖޭގެ ލަތީފަށް އެއް ވަނަ އިޓަލީގައި ބޭއްވި ވެޓަރަންސް މުބާރާތުން ރާއްޖޭގެ ލަތީފަށް އެއް ވަނަ

އިޓަލީގެ ސާޑީނިއާގައި ބޭއްވި 10 ވަނަ ސާޑީނިއާ ވެޓެރަންސް އިންޓަނޭޝަނަލް މުބާރާތުގެ 70 އަހަރުން މަތީގެ ކެޓަގަރީގެ އެއް ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ކުރީގެ ރައީސް އަހުމަދު ލަތީފް ހޯދައިފި އެވެ.
ސާޑީނިއާގައި ބޭއްވި މި މުބާރާތުގައި 20 އަށް ވުރެ ގިނަ ގައުމުން 120 ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.
މި މުބާރާތުގެ ފައިނަލުގައި ލަތީފް ނުކުތީ އިޓަލީގެ ރޮމަންޔޯލީ އޫގޯއާ ދެކޮޅަށެވެ. މި މެޗު ލަތީފް ކާމިޔާބުކުރީ 3-0 ގޭމުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ލަތީފް 11-2 އިން ކާމިޔާބުކުރިއިރު، ދެ ވަނަ ސެޓު 14-12 އިން ކާމިޔާބުކުރި އެވެ. މެޗުގެ އެންމެ ވާދަވެރިކޮށް ދިޔައީ ތިން ވަނަ ސެޓެވެ. މި ސެޓު ލަތީފް ކާމިޔާބުކުރީ 22-20 އިންނެވެ.
މީގެ އިތުރުން މި ފަހަރުގެ މުބާރާތުގެ ޑަބަލްސް އިވެންޓުން ލަތީފް ވަނީ ދެ ވަނަ ވެސް ހޯދައިފަ އެވެ. ޑަބަލްސްގައި ލަތީފްއާއެކު ޕެއާއެއްގެ ގޮތުގައި ކުޅުނީ ޖަރުމަނުގެ ގުންޓާ އެވެ.
މި ކާމިޔާބީއާއެކު ލަތީފް ބުނީ، އޭނާގެ މިހާރުގެ އަމާޒަކީ އަންނަ އޮގަސްޓް މަހު ތޮއްޑޫގައި ބާއްވާ "ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް" މުބާރާތައް ކަމަށެވެ. އަދި އެ މުބާރާތުން ކާމިޔާބު ހޯދަން މަސައްކަތް ކުރާނެ ކަމަށް ލަތީފް ބުންޏެވެ.
ލަތީފް ވަނީ އޭނާގެ ކާމިޔާބީގެ އަސްލަކީ އޭނާގެ އާއިލާ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ