މިއަދުން ފެށިގެން ފަތުރުވެރިކަމުގެ ޚިދުމަތްތަކުން ނަގާ ޓެކްސް 17ޕަސަންޓަށް ބޮޑުވާނެ!

މިދިޔަ އަހަރުގެ ފަހުކޮޅު މަޖިލީހުން ފާސްކުރި އިސްލާހާ އެއްގޮތަށް މިއަދުން ފެށިގެން ފަތުރުވެރިކަމުގެ ޚިދުމަތުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީ 16 ޕަސަންޓުން 17 ޕަސަންޓަށް ބޮޑުވެއްޖެއެވެ. ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ބިލުތައް ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިިދިޔަ އަހަރުގެ ނޮވެމްބަރު ފަސްވަނަ ދުވަހުއެވެ. އެ އިސްލާހުގައި ގްރީން ޓެކްސް އާއި ޑިޕާޗާ ޓެކްސް ބޮޑުކުރަން ވެސް ހުށަހަޅާފައި ވެއެވެ. މީގެ އިތުރުން މި ބިލުގައި ވަނީ، ޓީޖީއެސްޓީ 16 ޕަސަންޓުން 17 ޕަސަންޓަށް ބޮޑު ކުރުމަށެވެ. މި އިސްލާހަށް އަމަލުކުރަން ފެށީ މިއަދުން ފެށިގެންނެވެ. https://x.com/MIRAmaldives/status/1939938633496060270 އެގޮތުން، މިއަދުން ފެށިގެން އެ ޓެކްސް ބޮޑުވިކަން ހާމަކޮށް މީރާއިން ނެރުނު ސާކިއުލާއެއްގައި ވަނީ، ފަތުރުވެރިކަމުގެ މުދަލާ ޚިދުމަތުގައި އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަން ޖެހޭ ކަންކަން ދުރާލާ ރާވައިގެން ކުރިއަށް ގެންދަން އެދިފައެވެ. މި ސަރުކާރުން އެއާޕޯޓު ޓެކްސް އާއި ފީ ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް)އާއި ޑިޕާޗާ ޓެކްސް ނަގާ މިންވަރު ވަނީ މިދިޔަ ޑިސެމްބަރު އެކެއްގައި އިތުރުކޮށްފައެވެ. ޓޫރިޒަމް ދާއިރާގެ މުހިންމު ޓެކްސްތަކެއް ބޮޑުކުރިއިރު ރާއްޖެއަށް ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ދިވެހި ބޭންކުތަކަށް ވައްދަން ލާޒިމުކުރުމާ އެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ ބޮލަކަށް ވަކި އަދަދަކަށް ޑޮލަރު ދިވެހި ބޭންކުގައި މާރު ކުރަން ވެސް ވަނީ ލާޒިމުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ