ޢުމުރުން ފާއިތުވާ ކޮންމެ ހިނދުކޮޅަކަށް ފަރުވާތެރި ނުވިނަމަ އާޚިރަތް ދުވަހު ގާތީ އިންތިހާއަށް ކަރުނައަޅަންޖެހުން!

މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަހުލުންނާއި ދަރިންނާމެދު ﷲ އަށް ތަޤުވާވެރިވާށެވެ. ވަގުތަށް ރައްކާތެރިވެ، އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެބައިމީހުން ތަރުބިއްޔަތުކުރާށެވެ. އެއީ ޢިލްމު ހޯދުމަށް ނުވަތަ ޢަމަލުކުރުމުގައެވެ. ޙަލާލު ގޮތުގައި ފައިދާ ހޯދުމުގައި ނުވަތަ ކިޔަމަންތެރިކަން އަދާކުރުމާއި ﷲ އަށް އަޅުކަންކުރުމުގައެވެ.  
ފަހެ، މީހަކު ހުސްފަޔާ އޮރިޔާން ޙާލު އެއްވެސް ނިވާކަމެއް ނެތި ޙިސާބު ބެއްލެވުމަށް އައިސް، އޭނާގެ ޢުމުރު ހޭދަކުރިގޮތާއި، އޭނާގެ ޒުވާންކަން ފަނާކުރިގޮތާމެދު ސުވާލު ވެވޭނެ ވަގުތަށް އިންތިޒާރުގައިހުރެ އެސުވާލުތަކަށް ޖަވާބު ތައްޔާކުރާހިނދު އެކަންތައްތަކުގެ ބޮޑުކަމާއެވެ! އެސުވާލު އަޅުގަނޑުމެންގެ ތެރެއިން މީހަކާ ކުރެވުމުން އޭނާގެ ހިތް މައްޗަށް އަންނަނީ ކޮންކަމެއް ހެއްޔެވެ؟ އޭނާގެ ޒުވާންކަމުގެ ދުވަސްވަރުގައި ކޮށްއުޅުނީ ކޮންކަމެއް ހެއްޔެވެ؟ ﷲގެ އަޅުތަކުންނޭވެ! ސުވާލަށް ޖަވާބު ތައްޔާރުކުރާށެވެ. އަދި ޖަވާބަކީ ރަނގަޅު ޖަވާބަށް ހަދާށެވެ.  
ﷲ ގެ އަޅުތަކުންނޭވެ! ތިއަބައިމީހުންގެ އުމުރުގެ ވަގުތުތައް ހޭދަކުރި ގޮތާބެހޭގޮތުން ﷲ ތަޢާލާ ތިއަބައިމީހުންނާ ސުވާލު ކުރައްވާނެއެވެ. ޤިޔާމަތްދުވަހު، ހަތަރުކަމަކާމެދު ސުވާލުވެވިއްޖައުމަށް ދާންދެން، އަޅާގެ ފައިތިލަ ހުރިތަނުން ގުޑުވާވެސް ނުލެވޭނެއެވެ. އެއީ އޭނާގެ ޒުވާންކަން ފަނާކުރީ ކިހިނަކުންކަމާއި، އޭނާގެ އުމުރު ހޭދަކުރީ ކިހިނަކުންކަމާއި، މުދާ ހޯދީ ކިހިނަކުންކަމާއި، އެ މުދާ ހޭދަކުރީ ކިހިނަކުންކަމާ އަދި ހަށިގަނޑު (ހުރިހާ ގުނަވަންތަކެއް) ބޭނުންކުރީ ކިހިނަކުންކަމާ އަދި އޭނާއަށް ދެއްވި ޢިލްމުން ޢަމަލުކުރީ ކޮން އެއްޗަކަށްކަމާމެދުގައެވެ. 
އެންމެހާ މުސްލިމުންނޭވެ! ޒަމާނަކީ މުދާފަދަ އެއްޗެކެވެ. އެ ދެކަމަށްވެސް ރައްކަތެރިވާން ޖެހެއެވެ. އަދި އެބޭނުންކުރުމުގައި އިޤްތިޞާދުކުރަން ޖެހެއެވެ. އަދި މުދަލާމެދު ދަންނައެވެ. އެ ޖަމާކޮށް ފަހުން ބޭނުންކުރުމަށް ރައްކާކުރެވެއެވެ. އަދި ކިއެއްތަ، އެ އިތުރު ކުރެވެއެވެ. ފަހެ، ޒަމާން އޭގެ އިދިކޮޅެވެ. ފާއިތުވާ ކޮންމެ މިނެޓަކާއި ހިނދުކޮޅެއް ދުވަހަކުވެސް ތިބާގެ ގާތަށް އެނބުރި ނާންނާނެއެވެ. އެކަމަށްޓަކައި ބިމުގައިވާ އެންމެހާ ތަކެތި އެއްކުރިކަމުގައިވިޔަސް މެއެވެ. 
އަދި ޒަމާނަށް ކަނޑައެޅިފައިވާ އަޖަލަކާއި ޢުމުރެއްވެއެވެ. އެއަށްވުރެ އަވަސްވުމެއް އަދި ލަސްވުމެއްވެސް ނުވެއެވެ. އޭގެ އަގު އަރައިގެން ދަނީ އެ ހޭދަކުރަން އެނގުމުންނެވެ. ފަހެ އެއަށް ރައްކާތެރިވުން ކޮންމެ އިންސާނެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. އަދި އޭގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހެއެވެ. އަދި ކިތަންމެ ގިނަ ވަގުތެއްގައިވެސް ނުވަތަ މަދު ވަގުތެއްގައިވެސް ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ. 
ޢުމުރާއި ޒަމާން ވަރަށް ކުރެވެ. މާޒީވި އެއްޗެއް ފާއިތުވީއެވެ. އަންނަން ހުރި އެއްޗެއް އަންނާނެއެވެ. މުޅި ޢުމުރުގައި އޮތީ ކިޔަންމަންތެރިކަން އަދާކުރުމުގެ ދުވަސްތަކެވެ. އެއިން އެއްފަރާތް ވެވޭކަށް ނެތެވެ. އަދި އެއިން ކޮންމެ ހިނދުކޮޅަކީ އިމްތިޙާނެކެވެ. އެއަށް ފަރުވާކުޑަކުރާނެ ޖާގައެއް ނެތެވެ. އެގޮތުން މިކުރު ޢުމުރުން ދާއިމަށް ދެމިތިބޭނެ ސުވަރުގެތައް ގަނެވޭނެއެވެ. އެތަނުގައި ދެމިތިބުން ޒަމާނާއެކު ނިމުމެއް ނުވެއެވެ. އަދި އޭގެ އިދިކޮޅާމެދު ދަންނައެވެ. އޭނާގެ ޢުމުރުގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފިމީހާއަށްވަނީ ގެއްލުމާއި ހަލާކެވެ.
 
- الشيخ عبد الله بن عبد الرحمن البعيجان –حفظه الله
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ