ބީރައްޓެހި 141
"ދުނިޔެއަކީ ރީތި ދަޅައެކެވެ. އެ ދަޅައަށް ހެއްލުމެއްނެތި ހެއްދެވި ފަރާތް އިސްކުރުމުން ހިތަށް ބަޔާން ނުކުރެވޭފަދަ އުފާތައް ލިބޭނެއެވެ. ދެދުނިޔެއިންވެސް މެއެވެ." *** ވިދުވަރުގެ އަލި އެޅުނުހެން ހީވުމާއެކު ލޯމަތިން އުވައިސް ގެއްލުނެވެ. މިފަހަރުވެސް ކުޑަދޮރުތައް ތެޅިގެން ދިޔުމާއެކު އެތަން އަމާންވިއެވެ. މަދީނާ ތަޅުންމައްޗަށް ވެއްޓުމާއެކު އޭނަ ނޭވާ ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ. އެ އަނދިރިކަން ވެރިވެ ހަލާކުވެފައިވާ ޖަގަހައިގާ ގުގުމާފައިވަނީ އުވައިސްގެ ފަނޑުވަމުން ދިޔަ އަޑެވެ. "އަހަރެން އޭނަދެކެ ލޯބިވޭ.." އެ ބާބު ނިމުނީހެއްޔެވެ؟ މިހާރު އެކަނިވެރިކަން އިހުސާސްވެ ހިތް ޒަޚަމްވެފައިވާ ހާލުގައި މަދީނާ އަނގޮޓީގައި ހިފަހައްޓާލައިގެން އިންއިރު އުވައިސްގެ އަތުގެ ބީހުން އިހުސާސްވިއެވެ. އަދިވެސް އެ އަޑުގެ ހޫނުކަން އިވެއެވެ. އެލޮލުގައި އޭނައަށްޓަކާ ވީ ލޯބި ވަރަށް ތަފާތެވެ. އޭނައަކީ ހިފެހެއްޓުމެއްނެތް ލޯބި ހައްގުވާފަދަ ނަޒަރަކުން ބެލިއެވެ. އެކަމަކު މިހާރު އެދިޔައީއެވެ. އެ ހަޅޭކުގެ އަޑަށްވުރެ ހިމޭންކަމުން ހިތަށް ލިބޭ އަނިޔާ ބޮޑެވެ. *** ފަޒާގައި ވަނީ ކަނިލަމުންދާ ކްރިމްސަން ކުލައެއް ހިފާފައެވެ. ނިވެމުންދާ އަނގުރު އަލިފާންހެންނެވެ. ހިޔަނިތައްވެސް ދުންތައްފަދައިން އެނބުރެމުން ދިޔައީ އެތައް ޖަޒުބާތުތަކެއް އުފުލަމުންނެވެ. ނަފްރަތާއި ކެކުޅުމާއި އަނިޔާތަކާއި ބޭނުންވުމުންނެވެ. އުވައިސް ގައިދުކުރެވިފައިވީ ދިގު ޗޭނުތަކުންނެވެ. ބިންމަތީގައި ފައިތިލަ ނުޖެހިވާއިރު ސަލީބަށް އަރުވާފައިވާ މީހެކޭ ތަފާތެއްނެތެވެ. ތާޒާ ޒަޚަމްތަކެވެ. އޭނަގެ ހަކަތަ ހުސްވަމުންދާއިރުވެސް ލޮލުން ފެނުނީ ރުޅިވެރިކަމުގެ އަލިފާނާއި ދެކޮޅުވެރިކަމެވެ. ބިރެއް ނެތި ކުރިމަތިލާން ހުރިކަމެވެ. އަނދިރީގެ ތެރެއިން ފެނުނު ސޫރައެއް ވައިގެ ތެރޭގައި ފިޔަޖަހަމުން ކައިރިވިއެވެ. އުމުރުން ދުވަސްވާވަރަކަށް އިތުރުވަމުންދާ ނަފްރަތުގެ ކުލަވަރު ލޮލުން ފެންނައިރު މަކަރުވެރިކަމުގެ ވިދުވަރުވެސް ފެނެއެވެ. ނަމަވެސް ރީތިކަމުގެ ދެވަނައެއް ނެތް ސޫރައެކެވެ. އޭނަ ހިނގުމުގެ ބަދަލުގައި ޚަރާބުވެފައިވާ ފެންގަނޑެއްގެތެރެއިން އަންނަ ރާޅެއްފަދައިން އައެވެ. އޭނަގެ ލޯ ގުޅިފައިވަނީ އުވައިސްއާއެވެ. އެލޮލުގައިވަނީ ނުކިޔަމަންތެރި ލޯތްބެކެވެ. "ބަލާލަބަލަ ވެފައި ތިހިރަ ވަރެއް... މުޅިން ހަލާކުވެ ކުދިކުދިވެފައި. ވަރުގަދަ ފަހުލަވާނު ކަސްތޮޅު އަޅާފައި އާރެއް ބާރެއްނެތި. ދުވަހަކުވެސް މިހާ ބަލިކަށިވިތަ؟ އޭނަދެކެ ލޯބިވުމުގެ ކުރިން؟" އިވޯން ސުވާލުކުރިއެވެ. "ކަލެއަކަށް ލޯތްބަކީ ކޯނޗެއްކަމެއް ނޭގޭ، ދުވަހަކުވެސް ލޯތްބެއް ނުވަމު.."އުވައިސް ބޯ އުފުލައިލީ ދަތްދޮޅިއަށް ބާރުކޮށްލަމުންނެވެ. ހުރިހާ ވޭނެއްގެ ތެރެއިންވެސް އޭނަ ފައުޅުކުރީ ނުކިޔަމަންތެރިކަމެވެ. ލޯބީގައި މަރުވާންވެސް ޖެހިލުން ނުވާފަދައެވެ. "ނޫން އުވައިސް، އަހަންނަކީ ކާކުކަން ނޭގޭތީ ތިހެން ބުނީ. ތިއީ ކުރިން މަގޭ މީހެއް، މަގޭ. އަހަރެމެން ގުޅިފައިވީ..ފުރާނައާއި ޖިސްމުވެސް... ތި ހިތް ނުދިނަސް އަހަރެމެން އޮތީ އެހެން ހުރިހާ ގޮތަކުން ގުޅި ލާމެހިފައި...." އުވައިސް އެ އަލިފާނުގެ ޗޭނުތަކުން ސަލާމަތްވާން ބާރުލުމުން އެ ދަގަނޑުތައް އެކަތި އަނެކައްޗަށް ޖެހި ހުޅު ހިފަންފެށިއެވެ. "ދުވަހަކުވެސް މަގޭ އަންބެއްގެ މަގާމުނުދެން އެ ގުޅުމަކީ ކެހިވެރި މަޅިއެއް، ލެއިން ކަޅިވެފައިވާ ލައުނަތެއް. އެއްވެސް މާނައެއް ހުރި އެއްޗެއްނޫން." "ތިހިސާބުން ނުބައިކޮށް ތި ވިސްނެނީ. އަހަރެމެންގެ ދުނިޔޭގައި އެފަދަ ގުޅުމަކަށް ކޮންމެހެން ހުއްދައަކަށް ބޭނުމެއްނުވޭ. ހަމައެކަނި ބޭނުންވާ އެއްޗަކީ ބާރު. އަދި މިހާރު ތިވަނީ ބަދެވިފައި، ބޭނުމިއްޔާ އޭނައަށްޓަކާ އަނދައި ގުރުބާންވޭ. މުޅި ވުޖޫދު ހޭދަތިކުރަނީ މަދީނާއައި އޭނަގެ ކުޑަ ނާޒުކް އާއިލާ ހިމާޔަތްކުރުމުގައެއްނު. އެކަމަކު އކަން ކާމިޔާބެއްނުވާނެ. ޔަގީނުންވެސް މަގޭ ފަރާތުން ދުވަހަކުވެސް ސަލާމަތްކަން ލިބުމެއްނެތް. އުމުރު ދުވަހު ދަރިފަސްކޮޅަށް ދާންދެން އަހަރެން އެމީހުންގެ ބޯކޮޅު ބަލާނަން..."އޭނަގެ ފިނި ހިނިގަނޑު މުޅިތަނުގައި ހިފައިލިއެވެ. އިންސާނަކަށް އަޑު އިވުނުނަމަ ހިތް ހުއްޓޭވަރުވެއެވެ. ފަހަތުން ހިޔަނިތައް ބޯވަމުން ދިޔައެވެ. "އޭނަގެ ބައްޕަ ދަންނަމެއްނު... ކަލޭގެ ޖަމާއަތުގެ މީހުން އުޅުނީ އެމީހުންނަށްވެސް ދޭހަނުވާ އެއްޗެއް އެކޮޅުކޮޅުން ޖަހައިލަން. މިބުނީ އެމީހުން ނަބީލާއަށް ރުގުޔާ ކުރި ވާހަކަ. އޭގެ ސަބަބުން އަހަރެމެންގެ ދުނިޔެއަށް ވަދެވެން ހުރި ދޮރު ތަޅައިލީ.. އެ އަހަރެން އަންދައިނުލީ ކިރިޔާ... އޭގެ ސަބަބުން އަސްލު އޭނަވެސް ބަލިކަށިވީ...އެހެންވެ އަހަރެންގެ މިލްކު އެއްޗެއް އަހަރެންވެސް ބޭނުންވާނެ. ހަމައެކަނި އޭނައެއްނޫން. އޭނަގެ އަންހެންދަރިވެސް...އޭނަގެ ދަރިފަސްކޮޅު....." އެ ހީލަތްތެރިކަމުން ފުރިފައިވާ ވާހަކަތަކުން އޭނަގެ ސިކުނޑިއަށް އުދަގޫވިޔަސް ކެތްތެރިކަން އިތުރުކުރިއެވެ. "މަދީނާގެ ފަރާތުން ބަދަލުހިފަންވީ ކީއްކުރަން؟ އޭނަގެ ކުށެއްނެތް. މައުސޫމް......" "އެކަމަކުވެސް އެކުއްޖާގެ ވަނީ އޭނަގެ ލޭ... އަދި އުވައިސް މަދީނާ ސަލާމަތްކުރަން އުޅުނީމެއްނު..އަދި ލޯބިވާން އުޅުނީމެއްނު.. އެހެންވެ ތިހާ ބަލިކަށިވީ. އެހެންވެ މަގޭ މީހަކަށްވެސް ހަދަން މަޖުބޫރުވީ...ސަބަބަކީ އަނދިރީގެ މަޚުލޫކަަށްވާތީ. އަލިކަމަށް ނިސްބަތްނުވާކަން ގަބޫލުކުރޭ..." އުވައިސްގެ ހަޅޭކުގެ އަޑުން ފާރުތައްވެސް ގުޑައިލިއެވެ. ވޭނުން ކަޅިވެފައިވާ ފަދަ ހަޅޭކެކެވެ. ހުސްކަމުގެ ތެރޭގައި މުޅި ފަޒާވެސް ގުގުމައިލިއެވެ. "އަހަންނަކީ ކަލޭގެ މީހެއްނޫން. މަދީނާގެ މިލްކެއް. މި ޗޭނުތަކުގައި އަނދާ އަޅިޔަށް ވިޔަސް މަށަށް ހެޔޮ. އެކަމަކު ކަލެއަށް ފަހަރެއްގައިވެސް އޭނަގެ ގައިގާ އަތެއް ނުލެވޭނެ..." ފުރަތަމަ ފަހަރަށް އިވޯންގެ ޝުއޫރުތައް ކަސިޔާރުވިއެވެ. ހިތް ހަލާކުވުމާއި ރުޅިވެރިކަމާއި އެވާހަކަތައް ގަބޫލުކުރަން ހިތް އެއްބަސްނުވުމުގެ މަސްހުނި އަސަރުތައް ލޮލުގައި ފިޔަ ޖަހައިލިއެވެ. "ނޫން. ފަހަރެއްގައިވެސް އެހެނެއްނުވާނެ. ދާއިމަށް މަގޭ ހައްގެއް. މިލްކެއް.. އިންސާނާގެ އުމުރަކީ ކޮބާ؟ އަހަރެެމެން ފުރާވަރަށް ނޭޅެނީސް އެމީހުންގެ އަޖަލު ޖެހި ވަކިވެގެން ހިނގައިދޭ. އެހެންވީމަ ބޭކާރުކަމެއްގައި ވަގުތި ތި ދުއްވައިލަނީ އުވައިސް. މަދީނާ ތި ލޯބި ގަބޫލުކުރާނެހެން ހީވޭތަ؟ އޭނަ އިންތިޒާރު ކުރާނެތަ؟ އޭނަގެ މަތިން ހަނދާން ނައްތާލާ..."އިވޯން އުވައިސްއާއި މޫނު ކައިރިކޮށްލިއެވެ. "ނޫނީ....އަހަރެން އޭނަގެ ތުންފަތުން ހުރިހާ ހިނިތުންވުމެއް ދަމައިގަންނާނަން... ފަހަރަކު ހިނިތުންވުމެއް.....އަދި އެ މަންޒަރު އުވައިސް އަށް ޖެހޭނީ ބަލަހައްޓައިގެން ކަރުނަ އަޅާ ހުންނަން. އެގޮތް ބޭނުންތަ؟" އުވައިސްއަށް ލޯ މަރައިލެވުނީ ބިރަކުން ނޫނެވެ. ނަފްރަތުގެ ސަބަބުންނެވެ. އަދި އަމިއްލަބާރެއް ނެތީމައެވެ. އެކަމަކުވެސް ކޮންމެވެސް ދިމާލަކުން އަޖައިބެއްފަދަ ގޮތަކަށް ހިތްވަރުގެ ކަނި ޖަހައިލިއެވެ. "އަހަރެންގެ ހަށިގަނޑު މިހެން ގައިދުކޮށްގެން އުޅެވިދާނެ.. އެކަމަކުވެސް އޭނަ އަހަންނަށް ދިން އެއްޗެއް ދުވަހަކު ހަލާކުކޮށެއް ނުލެވޭނެ...." އުވައިސްގެ ވަށައިގެން އެނބުރެމުން ސެނބުރެމުން ދިޔަ ހިޔަނިތައް ދަތުރުކުރިއެވެ. މިހާރު އޭނަގެ އަޑުގައިވީ އެކަނި ނުކިޔަމަންތެރިކަމެއްނޫނެވެ. ޔަގީންކަމެކެވެ. "އޭނައާއި...ދުރުގައި ހުރޭ..." އިވޯން ކުޑަކޮށް ފަހތަށް ސޮއްސައިލިއިރު ހިނިތުންވުން އިއާދަވިއެވެ. ކުރިއަށްވުރެ ބަލިކަށިއެވެ. "ތި ލޯބި ދިގުދެމިގެންވަނީ ކިހާ ދުވަހަކަށް ކަން ބަލަމާ..." "އަދި އެ މަދީނާ އުވައިސް އަކީ ހުރި މީހެއްކަންވެސް ހަނދާންނެތޭނެ ދުވަހެއް އަންނާނެކަން..." އޭނަގެ އަތުގެ އިޝާރާތާއެކު މުޅި ހިސާބު ކަޅުފޮއި ރެއެއްހެން އަނދިރިވިއެވެ. އުވައިސް އިތުރު އެއްޗެކޭ ނުބުނެ މަޑުމަޑުން ނަޒަރު ހުއްޓައިލީ އޭނަގެ އަތުގައި އޮތް އަނގޮޓިއަށެވެ. އަނދިރި ނިމުމެއްނެތް ރޭގަނޑުގެ ތެރެއިން ފެންނަ ހަމައެކަނި އަލިކަމަކީ އެއީއެވެ. *** މަޑު މަޑު ވައިރޯޅިއެއް އެދޮރުގައި ދަމާފައިވާ ފަރުދާގެ ހިންމިތަކުގެ ތެރެއިން ދެމިގެން ހަލުވައިލީ ހެނދުނުގެ ރަންދޯދިތައްވެސް އެތެރެއަށް ވަނުމުގެ ވަސީލަތަކަށް ވެގެންނެވެ. ތަންކޮޅެއް ދުރުން ދޫނިތަކެއް ލަވަޖަހާ އަޑު ފިޔަވާ މުޅި ހިސާބުގައިވަނީ ހިމޭންކަމުގެ ރަހުމަތެވެ. މާޒިމް ގަދަ ނިންޖެއްގެ ތެރެއިން ހޭލިއިރުވެސް ކަންނެތްކަން މުޅި ޖިސްމު ހިސާރުކޮށްފައިވިއެވެ. އަރާމު ހޫނުކަމެއްގެ ރާހަތުވެސް ލިބުނެވެ. އޭނަ އެސްފިޔަޖަހައިލުމުން ފުސްވެފައިވާ ލޯ ސާފުވިއެވެ. އުރުޖުވާންވެސް ކުޑަކޮށް އޭނަ އޮތް ފަޅިއަށް އަރިވެލިއިރު ނޭވާވެސް އެެއްވަރަކަށް ލަމުން ދިޔައެވެ. އެދެމީހުން ގެ ދޭތެރޭގައި އޮތް ކުޑަ ބޮއްޔަކަށްވެގެން ދަރިފުޅު މިރެލް ނިދާފައި އޮތްއިރު ނާޒުކްކަމުގެ މިސާލެކެވެ. ބާލީސްމަތީ ފެތުރިފައިވާ ބުޅި އިސްތަށިގަނޑާއެކު އެއް އަތުން އޭނަގެ މަންމަގެ ހެދުމުގައި ހިފަހައްޓާލައިގެން އަނެއް އަތްތިލަމަތީގައި އޮށޯވެލައިގެންނެވެ. އެހެން ދުވަހު ބުމަވެސް ތަންކޮޅެއް ބާރުވެލާފައި ހުންނަކަމަށް ދެއްކިޔަސް މިއަދު މޫނުމަތިން ފެންނަނީ މައުސޫމްކަމާއި ނާޒުކްކަމެވެ. ތުންފަތް ކުޑަކޮށް ދުރުކޮށްލެވިފައިވާއިރު މޭމަތި އުފުލެމުން ތިރިވަމުން ދިޔައެވެ. މާޒިމް ގުޑާނުލާ އޭނަގެ ހަޔާތުގެ އެންމެ މުހިއްމު ލޯބިވާ ދެ އަންހެންކުދިންނަށް ބަލަން އޮތީ އުފާވެރި އިހުސާސްތަކާއެކުގައެވެ. އެވެސް ހަނދާނުގައި ހަރުލާނެ ހިނދުކޮޅެކެވެ. އޭނަ އެދެމައިންނަށް ބަލަން އޮވެފައި ހިނިތުންވެލިއެވެ. އެހެން އެއްވެސް އިންސާނަކަށް ނުފެންނާނެ ހިނިތުންވުމެކެވެ. ތޫފާނަކަށްފަހު އިންސާނެއްގެ ރޫހުއަށް ލިބޭ ހިތްހަމަޖެހުން ފައުޅުވުމެވެ. "އެދެކުދިން މިތިބީ ސަލާމަތުން. ދޭ އާ މައިން.."އަމިއްލަ ނަފުސާއި އޭނަ މުޚާތަބުކުރިއެވެ. އޭނަ ސީލިންއަށް ބަލަހައްޓައިގެން އޮތްއިރު ސީލިންއާއި އަލި ކުޅެމުން ދިޔައީ އެކި ނަމޫނާތައް ކުރަހަމުންނެވެ. "ފަހަރެއްގައި ވަގުތު ޖެހުނީކަން ނޭގޭ... ކޮންމެވެސް އާ ކަމަކަށް މި މީހުންނަށްޓަކާ. މަގޭ އާއިލާއަށްޓަކައި.. މިރެލްވެސް ބޮޑުވަމުން ދަނީ. އެކުދިން އަމިއްލަ ޖާގަ ބޭނުންވާނެ. އަމިއްލަ ދިރިއުޅުމެއް. މި ގެއިން މި ފެންނަ މަންޒަރުތަކާއި ހައިޖާނުން ނިކުމެވި އެކުދިންގެ ދިރިއުޅުމަށް މިކަމުގެ ހިޔަނި އެއްވެސްވަރަކަށް ނޭޅީ...." އޭނަ މަޑުމަޑުން އުރުޖުވާންގެ ބޯ ދަށުން އޭނަގެ އަތް ނެގިއެވެ. އަދި އެނދުގައި އިށީނެވެ. ނިދީގައި އޮތް މިރެލްގެ ކުޑަ ކުޑަ ފައިތިލަ އޭނަގެ ބުރަކަށީގައި ލައްކިއެއް ޖެހިއެވެ. މާޒިމްއަށް ހީލެވުނެވެ. "ފަހަރެއްގައި މާލެއަކީ ހަމައެކަނި ސަލާމަތްވާން ދާން އޮތްތަނެއް ނޫން. އެއީ ކަން ނޭގޭ އަހަރެމެންގެ ދިރިއުޅުން އަލުން ފަށަން ޖެހޭނެ ތަން. މާޒްވިލާ. ހަމައެކަނި އަހަރެމެން އެގޭގައި ދިރިއުޅޭނީ. ބިރުވެރިކަމުގެ ޒައްރެއް ނެތި މިރެލްއަށް ހުނުމާއި ސަކަރާތްޖެހުމުގައި އުޅެވޭނެ، އުރޫޖުއަށްވެސް ހުވަފެނުގައި ތަޅުލެވިގެން ނޫޅެ ހަމަޖެހިގެން ނިދޭނެ..." އޭނަ އެނބުރިލާފައި އަނެއްކާ އެދެމައިންނަށް ބަލަން ފެށިއެވެ. "އަބަދުވެސް އަހަރެމެންނަށް އެނބުރި އާދެވިދާނެ. މޫސުމެކޭ އެއްގޮތަށް އުޅޭ ތަން ބަދަލުކުރެވިދާނެ، އެކަމަކު އެންމެ ފަހަރަކަށް ނަމަވެސް އަހަރެމެންގެ ތަނަކަށް މާޒްވިލާ ހަދަމާ. އަލިކަން ހޯދަމާ.." ފަރަހްވެސް ދިޔައީއެވެ. އޭނަ ހުއްޓަސް އޭނަގެ ހިޔަނިތައް ވިޔަސް އަލުން މިތަނަކަށް ދެނެއް ނާންނާނެކަން ޔަގީން..." މާޒިމް އެނދުގެ އަރިމަތީގައި ހުރި މޭޒުން ފޯނު ނަގައިގެން ސްކްރޯލް ކުރަންފެށިއެވެ. ޖެހިލުންވެފައިވެސް އޭނަ މާލޭގެ މޫސުމްގެ އެޕެއް ހުޅުވައިލިއެވެ. ރީތި ދުވަހެކެވެ. ކަނޑު މަޑެވެ. "އަހަރެން އުރޫޖްއާއި ވާހަކަދައްކާނަން.. އެއީ ޗުއްޓީއަކަށްވެސް ހަދައިލެވިދާނެ. ހަފްތާތަކަށް ނަމަވެސް ދެވިދާނެ..ނޫނީ މުޅި އުމުރަށްވެސް ތިބެވިދާނެ..." މާޒިމް ބަލައިލިއިރު އެދެމައިން އަދިވެސް ނިދީގެ އަރާމު އުނގުގައެވެ. މިރެލްގެ އިނގިލި ކުޑަކޮށް ތަޅުވައިލިއިރު އުރުޖުވާންވެސް ކުޑަކޮށް ހިރިލިއެވެ. މާޒިމްއަށް ހީލެވުނެވެ." ޔޫ ޓޫ ހޭވް ނޯ އައިޑިއާ ހައު މަޗް އައި ނީޑް ދިސް...."އޭނަ އަނެއްކާވެސް އެނދުގައި އޮށޯވެލީ އޭނަގެ އަތުން އެދެމައިން ވަށައިލަމުންނެވެ. ހޫނުކަމާއި ހިމާޔަތުގެ ހިމޭން ވައުދެއްފަދައިންނެވެ. *** ހުޅުވާލެވިފައިވަ ކުޑަދޮރު ކައިރީގައި ހަށަން ބަދެލައިގެން ހުރި ޚުޝަލްެ ނަޒަރު ހުއްޓިފައިވަނީ ބަގީޗާއަށެވެ. ހެނދުނުގެ އިރު ދިގު ހިޔަނިތައް މުޅި ތަނަށް ފަތުރާލާފައިވިއެވެ. ލޭލާ ސޯފާގައި އިށީދެލައިގެން އިންއިރު އެމޫނުގައިވަނީ ކަންބޮޑުވުމެވެ. ބީޖްކުލައިގެ ހިޖާބަކުން އިސްތަށިގަނޑު ފޮރުވާފައިވާއިރު މޫނާއި ނިކަން ގުޅެއެވެ. މިއަދުވެސް އޭނަ އެގެއަށް އައީ ތެރަޕީ ސެޝަންއަށެވެ. އެކަމަކު އެކަހަލަ ވާހަކައެއް ދެކެވޭވަރަށްވުރެ ގޭތެރޭގެ މައްސަލަ ހޫނުހެން ހީވިއެވެ. "ސޯ...." ޚުޝަލް ފަރުވާތެރިކަމާއެކު ބުނަމުން ދިޔައެވެ."ކެނާން....އޭނައަށް އެބަ ހިނގޭ...ހަގީގަތުގައި އެކަނި ހިނގެނީއެއްނޫން. ދުވަންވެސް ދުވާ... އެހެން އެކަކުވެސް އެނދުން ނުތެދުވަނީސް ބޭރަށް ގޮސްފި...." ލޭލާގެ މޫނުގެ އަސަރުތަކަށް ބަދަލެއްނައެވެ. ހިމޭނެވެ. އެކަމަކު އެމޫނުގެ ކުލަވަރަށް ބަދަލެއްނައުމުން އޭނަ ބުމަ އަރުވައިލިއެވެ. "ލޭލާއަށް ސަޕްރައިޒަކަށް ނުވި...."ލޭލާ ޖަވާބުދޭން އިރުކޮޅެއްނެގިއެވެ. އިސްޖަހައިލިއެވެ. "އައިމް ނޮޓް. ނޮޓް ކޮމްޕްލީޓްލީ..." "ކިހާ ދުވަހެއް ވެއްޖެ އެނގޭތާ؟" ޚުޝަލް އެހިއެވެ. "ކުޑަ ދުވަސްކޮޅެއް....އެކަމަކު އެވާހަކަ ޝެއާކުރަން ޖެހެނީ އަހަރެން ކަމަށް ނުދެކޭތީ..." ލޭލާގެ އަޑު ،ަޑެވެ. "ޔޫ ނިއު... އެކަމަކކު އެއްވެސް މީހެއްގެ ގާތު ނުބުނެ ހުރީ...ކީއްވެ؟" ޚުޝަލްގެ ލޯ ހަނިވިއެވެ. "ސަބަބަކީ އޭނަގެ ހިތާމަ. ހައެކަނި ރިކަވާ ވަމުންނެއް ނޫން އައީ...އެކްސިޑެންޓްގެ ފަހުން ދިމާވި.....އެހެންވެ އިޓް ބްރޯކް ސަމްތިން އިން ހިމް....ފަހަރެއްގައި މައިބަދައެއްނޫން ބަޓް ސަމްތިން ޑީޕާ.....ފަހަރެއްގައި އޭނަ ތެދުވެ ހުރިހާ ކަމަކާއި ކުރިމަތިލުމަށްވުރެ އެހެން އިށީދެގެން އިނުން ފަސޭހަވީ...." ލޭލާގެ އަޑުގައި ސާބިތުކަމެއްވިއެވެ. އޭނަވެސް އެކަމުގައި ކެނާންއާއި ބައިވެރިވުމަކީ ކުށެއްކަމަށް ގަބޫލެއްނުކުރެއެވެ. "އެކަމަކު އެކަމާއި ގުޅިގެން ދޮގުހެދުން؟ އަހަރެމެން އެންމެނަށް؟ މަދީނާއަށް؟" ޚުޝަލްއަށް އޭނަގެ ނުރުހުން ވަންހަނާ ނުކުރެވުނެވެ. ލޭލާއަށް ޖަވާބެއް ދިނުމުގެ ކުރިން ގޭގެ މައިދޮރު ހުޅުވުނު އަޑު އިވުނެވެ. ދުވާ ބޫޓެއްގެ އަޑު މުށިތަކުގެމަތީގައި ޖެހެމުންދާ އަޑު ގުގުމައިލިއެވެ. ކެނާން އެމީހުން ކުރިމައްޗަށް ނުކުމެވުނުއިރު އޭނަ ހުރީ ކަޅުކުލައިގެ ދޫ ހަރުވާޅަކާއިއެކު އަޅި ޖިމް ޝާޓެއްގައެވެ. އެދެމީހުން ފެނުމުން އޭނަގެ ފިޔަވަޅު މަޑުޖެހުނުއިރު ހިމޭންކަން ދުންފިނި ފަދައިން އެތިން މީހުން ވަށައިލިއެވެ. ޚުޝަލް ބަލަހައްޓައިގެން ހުރީ ގަބޫލުކުރަން ދަތި ތޫނު ނަޒަރަކުންނެވެ. ކެނާންއަށް ދެއަތް ކުޑަކޮށް ހިއްލައިލެވުނީ އަމާންކަން ދޭފަދަ ގޮތަކަށެވެ. "އެއްވެސް އެއްޗެއް އެހުމުގެ ކުރިން...."އޭނަގެ އަޑު އެއްވަރަކަށް ހިފެހެއްޓިފައިވިއެވެ." އައި ކުޑްންޓް....އަހަރެން ބޭނުމެއް ނުވީ...އަހަރެން ބޭނުންވީ ބަލިކަށިވާން. ބްރޯކެން ވުމުގެ އިހުސާސް މުޅިން ދެނެގަންނަން....ފަހަރެއްގައި. އެއީ ކަން ނޭގޭ އަހަންނަށް ބޭނުންވި އެއްޗަކީ....ތި ސުވާލަށް ޖަވާބުދެވުނު ކަމަށް ވަންޏާ......." އެ ލަފުޒުތައް ބާރުވީމަ މަތީބައިގާ ތިބި ނާޝިދުއާއި އެހެން ދެމީހުންނަށްވެސް ރީތިކޮށް އިވުނެވެ. ދުވަހަކުވެސް އެ ގޭތެރެ އެހާ ހިމޭންވިކަމެއް ނޭގެއެވެ. ޚުޝަލް އެއްޗެކޭ ބުނުމުގެ ކުރިން ކެނާން އޭނަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އޭނަ ދޮރު ލައްޕަލީ މަޑުންނެވެ. އިތުރު އެއްޗެއްވެސް ނުބުނެއެވެ. ދޮރުގެ އެތެރެއަށް ވަންގޮތަށް ލޯމައްޗަށް ގެއްލުނީއެވެ. "ބައެއްފަހަރު މީހުން ބޭނުމެއްނުވޭ ހީލް ވާކަށް، އެ ހިނދުކޮޅުގައި މަޑުކޮށްލަން ބޭނުންވަނީ..." ލޭލާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ޚުޝަލް ހިމޭނުން ހުރީ އެކަން ހިތަށް އިހުސާސްކޮށްދިނުމާއި އަދި ގަބޫލުކުރަން އުދަގޫވުމުގެ ބުރަދަނުގައި ތާށިވެގެންނެވެ. *** ކެނާން އޭނަގެ ކޮޓަރީގެ އެނދުގައި އިށީދެލައިގެން އިންއިރު ނަޒަރުވަނީ އަތްތިލައަށް ހުއްޓިފައެވެ." އަހަރެން ދުވަހަކުވެސް މިގޭގައި ހުންނަން ނުޖެހޭ. މިއީ މިކަމުގައި ހިމަނަން ޖެހޭ ބައެއް ނޫން...މެދީނާ. އުރުޖުވާން. މިގެ....." ވައިރޯޅިތައް ފަރުދާތަކާއި ކުޅެލުމާއެކު ކެނާންއަށް ޚިޔާލުކޮށްލެވުނީ މާޒްވިލާއެވެ. މިތަނާއި އެތައް ތަނެއް ދުރުގައެވެ. ހިމޭން އެކަނިވެރި ތަނެކެވެ. އެއްވެސް ކަމެއް މީހަކަށް ބަޔާންކޮށްދޭން ޖެހޭ ތަނެއްވެސް ނޫނެވެ. އެއްވެސް މީހަކަށް ޖަވާބުދާރީވުމުގެ ބަދަލުގައި އޭނައަށް ފިލައިގެން ދާން އޮތް ތަނަކީ އެއީކަމަށް ވެދާނެއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ