ލިވަޕޫލްގެ މޮޅު ކުޅުން ގެއްލެން އަދި ކައިރި ވެސް ނުވޭ، ރޭ ފެނުނީ އެކަން

މިދިއަ ހޮނިހިރުދުވަހު ޕްރިމިއަ ލީގުގައި އެސްޓަން ވިލާ އަތުން މޮޅުވުމުގެ ކުރިން ލިވަޕޫލް ހޭދަކުރީ ވަރަށް ހިތްދަތި، ގޮތް ނޭނގޭ ދުވަސްތަކެކެވެ. އޭގެ ކުރިން ކުޅުނު ހަ މެޗުން އޮތީ ބަލިވެފަ އެވެ.
ޕްރިމިއަ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަންގެ އެ ބަދުނަސީބާ އެކު ގިނަ މީހުންނަށް ވިސްނުނީ މި ސީޒަންގައި ދެން މާ ބޮޑު އުއްމީދެއްކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. ނަމަވެސް ކޯޗު އާނޭ ސްލޮޓް އަބަދުވެސް ދެކެމުން އައީ މުޅި ޓީމުގެ ކުޅުންގަނޑު ރަނގަޅުވާނެ ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ އެކަން ދައްކާލީ ސްޕެއިންގެ ބިޔަ ކްލަބް ރެއާމް މެޑްރިޑްއާ ދެކޮޅަށެވެ. މެޗުގެ 61 ވަނަ މިނިޓްގައި މެކް އެލިސްޓާ ޖެހި ހަމައެކަނި ލަނޑުން މޮޅުވުމުގެ އިތުރުން ރެއާލްގެ ގޯލަށް ގިނަ ހަމަލާތަކެއް ވެސް ލިވަޕޫލުން އުފެއްދި އެވެ. އެގޮތުން ނުވަ ބޯޅަ، ގޯލަށް ސީދާކުރި އެވެ. އޭގެ ބަދަލުގައި ރެއާލްއަށް އަމާޒުކުރެވުނީ އެންމެ ދެ ހަމަލާ އެވެ.
މިއީ މި ސީޒަންގައި ލިވަޕޫލްގެ އެންމެ މޮޅު މެޗުކަމާ މެދު ޝައްކެއް ނެތެވެ.
ސްލޮޓް ބުނީ ކުޅުންތެރިން ކައިރީގައި އޭނާ ދައްކަމުން އަންނަ ވާހަކަތައް ގަބޫލުކޮށް އެ ފެންވަރުގެ ކުޅުމެއް ކުޅެވުނީތީ އުފާކުރާ ކަމަށެވެ.
ރޭގެ މެޗުން މޮޅުވުމުން ލިވަޕޫލް ތާވަލްގައި އޮތީ ހަ ވަނައިގަ އެވެ. ޗެމްޕިއަންސް ލީގުގެ ލީގު ބުރުން ގަދަ އަށް ޓީމު ނޮކްއައުޓް ބުރަށް ދާނެ އެވެ. ނުވަވަނައިން ފެށިގެން 24އާ ހަމައަށް ޖާގަ ލިބޭ 16 ޓީމު ކުޅެން ޖެހޭނީ ޕްލޭ އޮފް މެޗުތަކެވެ. ގަދަ 16އަށް ދާނީ އެ މެޗުތައް ކާމިޔާބުކުރާ އަށް ޓީމެވެ.
މިހާރު ތާވަލްގެ ކުރީގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ބަލިކުރި ބަޔާން މިޔުނިކް އާއި އާސެނަލް އެވެ. 
ބަޔާން މިޔުނިކް، ކުޅުނު 4، ޕޮއިންޓް 12
އާސެނަލް، ކުޅުނު 4، ޕޮއިންޓް 12
ޕީއެސްޖީ، ކުޅުނު 4، ޕޮއިންޓް 9
އިންޓަ މިލާން، ކުޅުނު 3، ޕޮއިންޓް 9
ރެއާލް މެޑްރިޑް، ކުޅުނު 4، ޕޮޮއިންޓް 9
ލިވަޕޫލް، ކުޅުނު 4، ޕޮއިންޓް 9
ޓޮޓެންހަމް، ކުޅުނު 4، ޕޮއިންޓް 8
ބޮރޫޝިއާ ޑޯޓްމުންޑް، ކުޅުނު 3، ޕޮއިންޓް 7
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ