ކޮލެޖެއްގެ ގޮތުގައި ހިންގާތާ މެދުކެނޑުމެއް ނެތި 15 އަހަރު ވެފައިވާ ތަންތަނަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް ގާނޫނަށް އިސްލަހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޔުނިވާސިޓީ ދަރަޖަ ލިބޭނެ ޝަރުތައް ލުއުކޮށް މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު މިދިޔަ އަހަރު ޖުލައިގައި ހުށަހެޅުއްވީ، މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު އެވެ.
މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިިކަ ކޮމިޓީގައި މި ބިލު، އަހަރަކަށް ވުރެ ގިނަ ދުވަހު އޮތުމަށްފަހު، އިއްޔެ އެ ކޮމިޓީން ވަނީ ބައެއް ކުދި ބަދަލުތަކާއެކު ބިލުގެ މަސައްކަތް ނިންމާފަ އެވެ. އަދި މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހެޅި އެވެ.
ތަފްސީލު - ކޮމިޓީން ގެނައި ބަދަލުތަކާއެކު ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 55 މެންބަރުން ވޯޓުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
މި ބިލުގައި މައިގަނޑު އިސްލާހެއްގެ ގޮތުގައި އޮތީ، ޔުނިވަސީޓީގެ ދަރަޖަ ދިނުމަށް ކޮލެޖްތަކުން ފުރިހަމަ ކުރަން ޖެހޭ ބައެއް ޝަރުތުތަކަށް ލުއި ދިނުމުގެ އިތުރަށް، ބައެއް ޝަރުތުތައް އިތުރަށް ތަފްސީލު ކުރުމެވެ. އެގޮތުން، ރިފާއު ހުށަހެޅުއްވީ، މެދުނުކެނޑި 15 އަހަރު ވަންދެން ހިދުމަތް ދެމުން އަންނަ ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް ހެދުމަށެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން:
ޔުނިވަސީޓީގެ ދަރަޖަ ލިބޭނީ ކޮލެޖެއްގެ ގޮތުގައި ހިންގަމުން އަންނަތާ 20 އަހަރު ވެފައިވާ ތަންތަނަށް
ބޭރު ގައުމެއްގެ ޔުނިވަސީޓީއެއް ރާއްޖޭގައި ހިންގާ ނަމަ، އެ ތަނެއް އެ ގައުމެއްގައި ރަޖިސްޓްރީކޮށްގެން ހިންގާތާ 10 އަހަރު ވާން ޖެހޭ؛ އިސްލާހުގައި މި މުއްދަތަކަށް ބަދަލު ގެނެސްފައި ނުވޭ
ކޮމިޓީން ބިލު ނިންމި އިރު، ދެ ތިން މާއްދާއަކަށް އިސްލާހު ގެނައުމަށް ހިމަނާފައިވެ. އެއީ:
ބިލު މަޖިލީހަށް ހުށަހެޅިއިރު، ޔުނިވާސިޓީއަކަށް އެދޭ ކޮލެޖްގައި ވަކި ދާއިރާތަކެއް ކޯސްތައް ހިންގަން ޝަރުތުކޮށްފައިވޭ
ނަމަވެސް ކޮމިޓީން ނިންމީ ވަކި ދާއިރާއެއް ހަނިނުކޮށް، ކޮންމެ ދާއިރާއެއްގެވެސް ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އަދި ލެވެލް 9ގެ މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވާސީޓީއެއްގެ ޕްރޮގްރާމްތައް ހިންގަމުން ދިޔުން ޝަރުތުތަކުގެ ތެރޭގައި ހިމެނުމަށް
ކުރިން އޮތް ގޮތުން، އާޓް އެންޑް ހިއުމަނިޓީޒް، އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސް އެންޑް މެޑިސިން، ނެޗުރަލް ސައިންސް އަދި ސޯޝަލް ސައިންސް ފަދަ ދާއިރާތަކުން ލެވެލް7 އަދި ލެވެލް 9ގެ މަދުވެގެން ތިން ދާއިރާއަކުން އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވާސީޓީއެއްގެ ޕްރޮގްރާމްތައް ހިންގަން ޖެހޭ
ކޮމިޓީން ދެން ގެނައި ބަދަލަކީ، މި އިސްލާހުތަކާ ގުޅިގެން އެކުލަވާލަން ޖެހޭ ގަވައިދުތައް، މިއައަށް އަމަލުކުރަން ފަށާތާ ދެ މަސް ތެރޭގައި ހެދުން
ބިލުގައި ހިމެނޭ ޔުނިވާސީޓީގެ ދަރަޖަ ދެވޭ ތަންތަނުގައި ހުންނަން ޖެހޭ އެހެނިހެން ޝަރުތައްތައް:
މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ގެންދިޔުން
ބައިނަލްއަގުވާމީ ފެންވަރުގެ ޖަމާއަތްތަކާ އެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖަކަށް ވުން
އެކަޑަމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑަމިކް މުވައްޒަފުން މަދުވެގެން %10އަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުން
މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމްވެފައި ހުރުން
ފާހަގަކޮށްލެވޭ ކަމެއް - މިހާރު ރާއްޖޭގައި ހިންގަނީ ސަރުކާރުގެ ދެ ޔުނިވަސިޓީ އެކެވެ. އެއީ، ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އެވެ.
މި އިސްލާހު ފާސްވެއްޖެ ނަމަ، މިހާރު ކޮލެޖްތަކުގެ ގޮތުގައި ހިނގަމުން އަންނަ ގިނަ ތަންތަނަށް ޔުނިވަސިޓީގެ ދަރަޖަ ލިބުމުގެ ފުރުސަތު ފަހިވާނެ އެވެ.
މިފަދަ އިސްލާހެއް މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް ދެތިން ފަހަރެއްގެ މަތިން މަޖިލީހަށް ހުށަހަޅާފައިވެ އެވެ.
15 އަހަރުވެފައިވާ ކޮލެޖްތަކަށް ޔުނިވާސިޓީގެ ދަރަޖަ ދެވޭ އިސްލާހު ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ