އޭއައި ޓޫލް ބޭނުންކޮށްގެން ވިޔަފާރިނުކުރަން އެމެޒޯނުން އެދިއްޖެ
އޭއައި ޓޫލް ބޭނުންކޮށްގެން ވިޔަފާރިކުރުން ހުއްޓާލުމަށް އޮންލައިން ވިޔަފާރި ކުންފުނި އެމެޒޯނުން އެދިއްޖެއެވެ. ދުނިޔޭގެ އެންމެ ބޮޑު އީ-ކޮމާސް ކުންފުނި ކަމަށްވާ އެމެޒޯން.ކޮމް އިން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސާޗް ސްޓާޓަޕް ކަމަށްވާ ޕާޕްލެކްސިޓީ އޭއައި އަށް، އެ ކުންފުނީގެ އޭއައި ބްރައުޒާ އެޖެންޓް ކަމަށްވާ ކޮމެޓް ބޭނުންކޮށްގެން އޮންލައިންކޮށް ވިޔަފާރިކުރުން ހުއްޓާލުމަށް އެދި ލިޔުމެއް ފޮނުވައިފިއެވެ. https://sun.mv/213316 އެމެޒޯނުން ތުހުމަތުކުރާ ގޮތުގައި، ޕާޕްލެކްސިޓީ އޭއައި އިން ދަނީ އެމެޒޯންގެ ޚިދުމަތް ބޭނުންކުރުމުގެ ޤަވާއިދާ ޚިލާފަށް، އެ ކުންފުނީގެ ޕްލެޓްފޯމްގައި ވިޔަފާރިކުރާ ވަގުތު އެއީ އޭއައި އެޖެންޓެއްކަން ހާމަނުކޮށް، ކޮމްޕިއުޓާ ފްރޯޑް ހިންގަމުންނެވެ. މީގެ އިތުރުން، ޕާޕްލެކްސިޓީގެ ޓޫލްގެ ސަބަބުން އެމެޒޯންގެ ވިޔަފާރީގެ ތަޖުރިބާ ދަށްވެ، ޕްރައިވެސީގެ މައްސަލަތައް ކުރިމަތިވާ ކަމަށް ވެސް އެމެޒޯނުން ބުނެއެވެ. މިކަމާ ގުޅިގެން ޕާޕްލެކްސިޓީ އިން ނެރުނު ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ، އެމެޒޯނުން ދަނީ އެ ކުންފުނީގެ ވާދަވެރި އޭއައި ޝޮޕިން އެޖެންޓް އުފައްދާ ކުޑަ ކުންފުންޏަކަށް ބިރުދެއްކުމުގެ އުކުޅު ބޭނުންކުރަމުން ކަމަށެވެ. އަދި އެމެޒޯނުން ވިޔަފާރިކުރުމަށް ކަސްޓަމަރުން ބޭނުންވާ އެޖެންޓެއް ހޮވުމުގެ އިޚްތިޔާރު އެ މީހުންނަށް ލިބެންވާނެ ކަމަށް ޕާޕްލެކްސިޓީން ބުނެއެވެ. މި މައްސަލަ ކުރިމަތިވެފައި މިވަނީ، އޭއައި އެޖެންޓްތައް ބޭނުންކޮށްގެން އޮންލައިންކޮށް ވިޔަފާރިކުރުމާއި އެހެނިހެން ކަންކަން ކުރުމުގެ ޒަމާނެއް ފެށިފައިވާ ދަނޑިވަޅެއްގައެވެ. އެމެޒޯނުން ވެސް ދަނީ ބައި ފޯ މީ އަދި ރޫފަސް ފަދަ އޭއައި ޝޮޕިން އެޖެންޓްތައް ތަރައްޤީކުރަމުންނެވެ. ޕަޕްލެކްސިޓީގެ ސީއީއޯ އަރަވިންދު ސްރީނިވާސް ވިދާޅުވީ، އެމެޒޯނަކީ އެ ކުންފުނިން އިލްހާމް ލިބިގަނެފައިވާ ކުންފުންޏެއް ނަމަވެސް، އެމީހުންގެ އެސިސްޓެންޓް ނޫން އެހެން އެސިސްޓެންޓެއް ބޭނުންކުރުމަށް މަޖުބޫރުކުރުމަކީ ކަސްޓަމަރުންނަށް ފައިދާހުރި ކަމެއް ނޫން ކަމަށެވެ. ޕާޕްލެކްސިޓީ އަކީ އެމެޒޯންގެ ކްލައުޑް ޔުނިޓް ކަމަށްވާ އެމެޒޯން ވެބް ސާވިސަސް (އޭޑަބްލިއުއެސް) ގެ ބޮޑު ކަސްޓަމަރެކެވެ. އަދި އެމެޒޯންގެ ބާނީ ޖެފް ބެޒޯސް ވެސް ވަނީ ޕާޕްލެކްސިޓީގައި އިންވެސްޓްކުރައްވާފައެވެ. ނަމަވެސް، މިފަދަ އޭއައި އެޖެންޓްތަކުގެ ސަބަބުން އެމެޒޯންގެ ފައިދާ ބޮޑު އިޝްތިހާރު ވިޔަފާރިއަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ. އެހެނީ، އޭއައި ބޮޓްތަކުން ވިޔަފާރިކުރާ ނަމަ، އެމެޒޯންގެ ވެބްސައިޓްގައި އިޝްތިހާރުކުރުމުގެ އަގު ދަށްވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ