މުއިއްޒުގެ ވެރިކަމުގެ 100 ދުވަސް ފަހަނައަޅާ ގޮސް މި މަހުގެ 17 އަށް 730 ދުވަސް ވާނެއެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީގައި 6،000 ޓޫރިސްޓު އެނދާއިއެކު ގާއިމުކުރަން ރައީސް މުއިއްޒު ވިދާޅުވި "އައްޑޫ އައްސޭރި ޓޫރިޒަމް"ގެ ހިޔަނިވެސް އަދި ނުފެނެއެވެ.
2024 ވަނަ އަހަރުގެ ފެބްރުއަރީ 22 ގައި އިފްތިތާހުކުރި "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން" އަކީ ފަސް އަހަރު ދުވަހުގެ ޑެސްޓިނޭޝަން ޑިވެލޮޕްމަންޓް ސްޓްރެޓެޖީއާއެކު ތަފްސީލީ އެނަލިސިސް ރިޕޯޓެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އެ ޕްލޭނެކެވެ. އެ ޕްލޭންގައި 6،000 ޓޫރިސްޓް އެނދު ގާއިމުކުރުމާއި، 10،000 ވަޒީފާ އުފެއްދުމާއި ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުން ހިމެނިފައިވެއެވެ.
މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި ސީޕްލޭން ހަބެއް ގާއިމުކުރުމަށްވެސް މުހިންމު ރިޔާސީ ވައުދެއް ވެސް ވަނީ ވެފައެވެ. ނަމަވެސް މިހާތަނަށް އެ ޕްލޭނާ އެއްގޮތަށް ކަންކަން ތަންފީޒުކުރެވެމުން ނުދެއެވެ. ޕްލޭން ތަންފީޒު ކުރުމަށްޓަކައި ސަރުކާރަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.
ކުރައްވާ ކޮންމެ ދަތުރެއްގައި ބޮޓިހާ ވާހަކަ ދެއްކެވިޔަސް އަމަލީ ގޮތުން ކަމެއް ކުރެވޭތަނެއް ނުފެނެއެވެ. ކުރީ ސަރުކާރުން އައްޑޫ ސިޓީގެ އެކިއެކި ރަށްތަކުގައި ޓޫރިޒަމް ޒޯނުތައް ގާއިމުކޮށް ބިންތަކެއް އެތައް ބަޔަކަށް ވަނީ އެވޯޑު ކޮށްފައެވެ. ބިންތައް ތަރައްގީ ކުރުމަށް ލުއި ލޯނު ދިނުމަށްވެސް އޭރު އޮތީ އެކަށައެޅިފައެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވެ 2 އަހަރު ވެގެން ދާއިރު މުއިއްޒު ސަރުކާރުން އެ ބިންތައް ތަރައްގީ ކުރުމަށް ލުއިލޯނު ލިބޭނެ ގޮތެއް ހަދާދީފައެއް ނުވެއެވެ.
ވައުދާއި އެއްގޮތަށް އެއްވެސް ކަމެއް ކޮށްނުދެއްވާ އަނެއްކާވެސް އައްޑުއަށް ވަޑައިގެން ވައުދު ތަކުރާރު ކުރެއްވުމާއި އައު ވައުދުވެ ވަޑައިގަތުންނޫން ކަމެއް ރައީސް މުއިއްޒު ނުކުރައްވައެވެ. ރައްޔިތުންނަކީ ގަޅިން ކަމުގައި ހީކުރައްވައިގެން ކަނޑާ ބައިސާ ތަކާއި ހުޅުވާ އޭޓީއެމަކުން އައްޑޫ ރައްޔިތުން ޅޮސް އުނދޯއްޔަށް އަރުވައިގެން ގެންގުޅެވިދާނެ ކަމަށް ހީކުރުމަކީ މުއިއްޒުގެ މޮޔަކަމެވެ.
ކަނޑާ ބައިސާއާއި ހުޅުވާ އޭޓީއެމަކުން އައްޑޫ ޅޮސް އުނދޯއްޔަކަށް ނުލެވޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ