ކޮރަޕްޝަން, ކޮރަޕްޝަން, އެތާވެސް, މިތާވެސް!
        ފުލުހުންގެ ތިޖޫރީން 30,000 ޑޮލަރު ގެއްލިއްޖެއެވެ. ރާއްޖެއަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓް ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ. މޯލްޑިވް ގޭސްގެ މަސައްކަތް ގައުމީ ސަލާމުން ފެށި ނަމަވެސް ފައިސާތަކަކަށް ވީގޮތެއް ނޭނގިގެން އުޅުނެވެ. އެއާޕޯޓަށް ގެންދިޔަ ލައްކައެއްހާ ޑޮލަރު ފޭރިގަނެގެން ފިލައިފިއެވެ. އެމްޑީޕީ ވެރިކަމުގައި ދެ މިލިއަން ރުފިޔާގެ ޖަނަރޭޓަރު ފެނަކައަށް ގަތީ 17 މިލިއަނަށެވެ. އާއްމުންނަށް އެޅި ފްލެޓްތައް އެމްޑީޕީގެ ވެރިކަން ނިމެން ކައިރި ވެފައި ވަނިކޮށް ބަހާލީ ގާތް މީހުންނަށް ހިތު ހުރި ގޮތަކަށެވެ. މި ސަރުކާރަށް ވެސް ކޮރަޕްޝަންގެ ތުހުމަތެވެ. އިދިކޮޅު ޕާޓީތައް ވެސް އެހާލުގައެވެ. ސަލާމަތެއް ނެތެވެ.  https://www.sun.mv/212647 މިހެން ލިޔަންވެއްޖެއްޔާ މިފަހުން އެކަނި ހިނގި ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ވެސް ބޮޑުތަރުތީބަށް ވުރެން ދިގުވާނެއެވެ. ވައްކަމާއި ކޮރަޕްޝަން ފެތުރެމުން ދަނީ ފަތުއަޑުކިޔައިފައެވެ. އެންމެ ބޮޑު ހިތާމައަކީ ގައުމު މިހާ ހިސާބަށް ދިޔައިރު މުއައްސަސާއަކަށް ވާކަހަލަ މުއައްސަސާއެއް ވެސް ނެތުމެވެ.  އަމަންއަމާންކަން ބެލުމުގެ ޒިންމާ ހަވާލުކޮށް, ބޮޑު ހޭދައެއް ކުރާ ފުލުހުންގެ ތެރޭގައި ކޮރަޕްޝަނާއި ޖިނާއީ ކުށްތައް ކުރާ ކަމުގެ ތުހުމަތު ބޮޑެވެ. ސިފައިންނަށް ވެސް އެތައް ތުހުމަތެކެވެ. ދެން އަމަންއަމާންކަން ބެލެހެއްޓޭނެ މިންވަރު ވިސްނަވާށެވެ. އަނެއްކޮޅުން ސަރުކާރު ކުންފުނިތަކާއި އޮފީސްތަކާއި އަދުލު އިންސާފު ގާއިމު ކުރަން އުފައްދާފައިވާ އިދާރާތަކާއި މިނިވަން މުއައްސަސާތަކުގެ ހާލު އެހާ ދަށެވެ.  ރަނގަޅު މަސްދަރުތަކުން އަޑުއިވޭ ވާހަކަތަކުން ބިރުން ފިއްކަނޑައިގެން ދާވަރުވެއެވެ. ކަސްޓަމެއް, އެމްޕީއެލްއެއް, އެމްއޭސީއެލްއެއް ކިޔާނެ ކަމެއް ނެތެވެ. ގިނަ ތަންތަނުގެ ހާލަތު ދަށެވެ. ކޮރަޕްޝަން ބަލަން އެތައް މިލިއަނެއް ހަރަދު ކުރާ އޭސީސީގެ ވާހަކަ އަދި ރަނގަޅު ވާނީ ނުދެއްކިއްޔާއެވެ. އޭރަކު އޮންނަ ސަރުކާރަކުން އެޅިހާ ބަތަކަށް ރިހައެވެ.  https://www.sun.mv/203597 ވަކި ތަނެއް ވަކި ފެންވަރެއް ނޫނެވެ. އެ މީހަކަށް ހިންގުނު ގޮތަކަށް ކޮރަޕްޝަން ހިންގަނީއެވެ. ވެވުނު ގޮތަކަށް މުއްސަނދި ވަނީއެވެ. ގައުމެއްގެ ހާލަތު މިހާ ހިސާބަށް ދިއުމަކީ ގައުމީ ސަލާމަތަށް ވެސް އޮތް ނުރައްކަލެކެވެ. ހަމަ އެހެންމެ އިގްތިސާދީ ކާރިސާއެއް ވެސް ދުރު ނުވެދާނެއެވެ. ހުރިހާ ކަމެއް ބޮއްސުންލީމާ ވެއްޓޭނީ އަނދަވަޅަކަށެވެ. އެހެންވާކަށް ނޭދެމެވެ. އެކަމަކު މިސްރާބު ހުރީ އެކަހަލަ ގޮތަކަށެވެ.  އަސްލު މައްސަލައަކީ ކޮބާ؟ ގައުމެއްގައި ކޮރަޕްޝަން އިންތިޚާއަށް އާއްމުވާން މެދުވެރިވާ ގިނަ ސަބަބުތަކެއް ހުރެއެވެ. އަސްލު މައްސަލަ ހައްލު ކުރެވޭނީ އެ ސަބަބުތައް ހޯދައި ބަލައި ދިރާސާކޮށްގެންނެވެ. އެއަށް ފަހު އެއަށް ހައްލު ހޯދައިގެންނެވެ. ރާއްޖޭގައި އެކަން ކުރަން ލަސްވެއްޖެއެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު, އަދި ގާނޫނީ ތަޖުރިބާކާރު, ހުސްނުއް ސުއޫދު, "ސަން" އަށް ވިދާޅުވިގޮތުގައި ކޮރަޕްޝަނަކީ ހަދާ ގާނޫނަކުން ހުއްޓުވޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެކަން ހިނގާ މައިގަނޑު ސަބަބުތައް ހޯދައި, ބަލައި މުޅި ސަގާފަތް ބަދަލު ކުރަން ޖެހޭ ކަމަށް ސުއޫދު ވިދާޅުވިއެވެ.  ސުއޫދު ގަބޫލު ކުރައްވާގޮތުގައި  އެންމެ ދަށުން ފެށިގެން ކޮރަޕްޝަން މިހާ އާއްމުވެފައިވާ މައިގަނޑު ތިން ސަބަބެއް އެބައޮތެވެ. އޭގެ ތެރެއިން އެއް ކަމަކީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހުމެވެ. ޚާއްސަކޮށް މާލެ ސަރަހައްދުގެ ހާލަތު ގޯސްކަމަށާއި އެހެންކަމުން ހޯދުނު ގޮތަކަށް ފައިސާ ހޯދަން އުޅޭ މީހުން ގިނަ ވަނީ ކަމަށް ސުއޫދު ގަބޫލު ކުރައްވައެވެ.    ރަސްމިއްޔާތެއްގައި ހުސްނުއްސުއޫދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން   ސުއޫދު ގަބޫލު ކުރައްވާ އަނެއް ސަބަބަކީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ އިންތިޒާމުތަކެއް މިހާރު ނެތުމެވެ. ކަންކަން މޮނީޓާކޮށް ކޮންޓްރޯލް ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތްތަނުގައި ލިޔެކިޔުމުން ކަންކަން ކުރާ އުސޫލަށް އަމަލު ނުކުރުމަކީ ވެސް ކޮރަޕްޝަން އިތުރުވާ ކަމެއް ކަމަށް ސުއޫދު ވިދާޅުވިއެވެ.  އިތުރު ސަބަބަކަށް ސުއޫދު ފާހަގަ ކުރެއްވީ ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންގެ ކޮމިޓްމެންޓާއި ޑެޑިކޭޝަން ނެތުމެވެ. ރަސްމީ މަސައްކަތު ވަގުތު ވެސް ސީދާ މަސައްކަތަށް ފޯކަސް ނުކުރާއިރު އޮފީސް ނިމުމާއެކު ދެން އުޅެނީ އާމްދަނީ ހޯދަން ކޮންމެ ވެސް އަމިއްލަ މަސައްކަތެއްގައި ކަމަށް ސުއޫދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ސިފައިންނާއި ފުލުހުން ޓެކްސީ ކުރުމާއި އޭސީ މަރާމާތު ކުރުންފަދަ ކަންކަން ކުރުން ހިމެނެއެވެ. އޭގެ ނަތީޖާއަކީ ގާނޫނު ތަންފީޒު ކުރަން, ކުރަން ޖެހޭ މަސައްކަތަށް ދޭން ޖެހޭ ވަގުތު ނުދެވުން ކަމަށް ސުއޫދު ވިދާޅުވިއެވެ. ފާޅުގައި ވައްކަން ކުރުން އާއްމު ވެފައިވާ އަނެއް ސަބަބަކީ އަދަބު ނުލިބޭތީ ކަމަށް ސުއޫދު ވިދާޅުވިއެވެ. އެގޮތުން ކޮރަޕްޝަންގެ ބައެއް މައްސަލަތައް ދައުވާ ވެސް ނުކޮށް ނިމޭއިރު އަނެއްބައި މައްސަލަ ތަކުގައި ހުކުމެއް އިއްވި ނަމަވެސް ތަންފީޒު ނުކޮށް ސަލާމަތްވެވޭވުމަކީ މިފަދަ ކުށްތައް ކުރަން މީހުން ޖެހިލުން ނުވާ ސަބަބެއް ކަމަށް ސުއޫދު ވިދާޅުވިއެވެ. "މި އުޅެނީ އެއްވެސް ގޮތަކަށް ގާނޫނު ނެތިގެނެއް ނޫން. ގާނޫނު އެބަހުރި. ތަންފީޒު ނުވަނީ," ސުއޫދު ވިދާޅުވިއެވެ. ސުއޫދުގެ އެ ވާހަކައަށް ބާރު ލިބޭ ހެއްކަކީ ކޮރަޕްޝަން އެންމެ ދަށް ގައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ އާއި ސިންގަޕޫރެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެ ގައުމުތަކުގައި ކުށްކޮށްފިނަމަ އެއީ ކޮންމެ މީހެއް ވިޔަސް އަދަބު ދޭނެއެވެ. ތަންފީޒު ކުރާނެއެވެ. ވެރިއެއްތޯ އާދައިގެ މީހެއްތޯ ބެލުމެއް ނެތިއެވެ. ނަތީޖާއަކީ ކޮރަޕްޝަން އިންތިޚާއަށް ދަށްވުމެވެ. ހައްލު ލަސްވެއްޖެ, އެކަމަކު ހައްލަކީ ކޮބާ؟ ކޮރަޕްޝަންގެ ވަބާއަކީ ގައުމުތައް ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހެވެ. އަދި ފަގީރުކަން ބޮޑުވާ މައިގަނޑު އެއް ސަބަބެވެ. އެކަމަކު މިއީ ހައްލު ކުރެވޭނެ ކަމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުން މި ވަބާއިން ސަލާމަތް ވެފައި އެބަހުއްޓެވެ. ކުރީގެ ފަނޑިޔާރަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިގޮތުގައި މި މައްސަލަ ހައްލު ކުރެވެން އޮތީ މޫނަކަށް, ކަނދުރާއަކަށް ނުބަލައި, ގާބިލް މީހުން މަގާމުތަކަށް ލައިގެންނެވެ. "ގާބިލް މީހުން ތަންތަނާ ހަވާލުވެ ތިއްބެވި ނަމަ މި މައްސަލަ ހައްލު ވާނެ. މިހާރު މިވާ ގޮތަކީ ޕްރޮފެޝަނަލް ވިސްނުން ދޭ މީހާ ޖެހެނީ ބޭރުވާން." އޭނާ ވިދާޅުވިއެވެ.  އޭނާގެ ނަޒަރުގައި ރާއްޖޭގެ ކަންކަން މިހާ ހިސާބަށް މިދިޔައީ ގާބިލް ނޫން މީހުން އިސް މަގާމުތަކުގައި ތިބީމައެވެ. އިންސާފު ގާއިމު ކުރުމުގައި ވެސް އޮތީ އެކަން އެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެއް ޒާތެއްގެ މައްސަލައިގައި ވަކި މީހަކަށް އަދަބު ދީފައި އަނެއް މީހާގެ މައްސަލަ ނުބަލާ ބާއްވާކަމީ އެކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ. ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވިގޮތުގައި ރާއްޖޭން ކޮރަޕްޝަން ނައްތާލުމަކީ ކުރެވޭނެ ކަމެކެވެ. އޭނާގެ ނަޒަރުގައި އެކަން ކުރަން ބޭނުންވަނީ ހަމައެކަނި މީހުންނެއް ނޫނެވެ. ރަނގަޅު ސިސްޓަމެކެވެ.  "މީހުންނަށް ބަރޯސާ ނުވާންވީ. މީހުންނަށް އިތުބާރު ނުކޮށް ހިންގޭ ކަހަލަ ސިސްޓަމް ހަދަންވީ. އެ ސިސްޓަމުން އެކަން ބަލާ ގޮތަށް. މީހާ ކޮރަޕްޓް ނުވާނެ ކަމަށް ބަލައިގެން ސިސްޓަމް ހަދާތީ މިކަން ނުވެގެން މިއުޅެނީ," ޝަމީމް ވިދާޅުވިއެވެ.    ކުރީގެ ޕީޖީ ހުސައިން ޝަމީމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ އެންމެ ފަހުން ހަވާލުވެ ހުންނެވި ޕީޖީ އޮފީހުގެ ތެރޭގައި ކޮރަޕްޝަނަށް ޖާގަ ނުދެއްވި ގޮތެވެ. އެކަން ކުރެއްވީ މައްސަލައެއް ޕީޖީއަށް ހުށަހެޅުމުން އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ތިން ލޭޔަރެއް ކަނޑައަޅައިގެން ކަމަށް ޝަމީމް ވިދާޅުވިއެވެ. އެއް މައްސަލައެއްގައި ތިން ވަކީލަކަށް އެއްގޮތަކަށް އެއްބަސް ނުވެވިއްޖެ ނަމަ އެކަން ދެން ހުށަހަޅަނީ ސީދާ ޕީޖީއަށެވެ. އެކަމުގައި ދެން ޕީޖީ ގޮތެއް ނިންމަނީއެވެ. މީގެ އެންމެ ތަފާތު އެއްކަމަކީ އެ ހުރިހާ ލޭޔަރެއްގެ ތެރެއިން ވެސް ނިންމާ ގޮތް ލިޔުމުން ފެންނަން އޮންނަން ޖެހޭ ގޮތަށް އުސޫލު އޮތުމުންނެވެ.  ހަގީގަތަކީ ކޮރަޕްޝަން ހިންގެނީ ވެރިން އެ ފުރުސަތު ދެއްވާތީއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގީވެސް ރައީސް އަބްދުالله ޔާމީން އެކަން ނުހުއްޓުވައި އޮތަތީއެވެ. ފެނަކަ ތެރެއިން އެތައް ވައްކަމެއް މިދިޔަ ސަރުކާރުގައި ކުރީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް އެކަން ނުހުއްޓުވައި ފުރުސަތު ދެއްވީތީއެވެ. އަދި މިއަދު ވައްކަންތައް ހިނގާނަމަ ހިނގަނީ ވެސް ހަމަ އެ ބީދައިންނެވެ. އެޗްޑީސީ ތެރެއިން މި ސަރުކާރުގައި ހިންގި ކަންކަމަކީ އެފަދަ މިސާލެކެވެ.   ސުއޫދު ގަބޫލު ކުރައްވާގޮތުގައި ރާއްޖެފަދަ ކުދި ގައުމުތަކުގައި ކޮރަޕްޝަން ހުއްޓުވޭނީ ގައުމުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކު އެކަމަށް ތެދުވެރިވެގެންނެވެ. ރާއްޖޭގައި ސިސްޓަމް މިއޮންނަ ގޮތުން މުއައްސަސާތަކަށް އެ ބާރު ނެތް ކަމަށް ސުއޫދު ވިދާޅުވިއެވެ.  ސުއޫދުގެ އެ ވާހަކައަށް ބާރު ލިބޭ އަނެއް ހެއްކަކީ ހަމަ ސިންގަޕޫރެވެ. އެ ގައުމުގެ ތަރައްގީގެ ބާނީ ލީ ކުއާން ޔޫ, ވެރިކަން ކުރެއްވީ ހުރިހާ ބާރެއްހެން އޮވެއެވެ. ބޭނުންފުޅުނަމަ ބޭނުން ކޮންމެ ކަމެއް ކުރެވެން އޮތެވެ. ސިންގަޕޫރު އެ ދެކޭ ތަރައްގީގެ އަސްލަކީ ލީ ކުއާން ޔޫ އިހުލާސްތެރި ވުމެވެ. ރާއްޖެއިން ވެސް ވައްކަމާއި ކޮރަޕްޝަން ނައްތާލެވޭނީ އެފަދަ ވެރިއަކު ލިބިގެންނެވެ.  ކޮރަޕްޝަނާ ހެދި ގައުމު މިދަނީ ވަރަށް ނުބައި މިސްރާބަކަށެވެ. އެކަން ހުއްޓުވެން އޮތީ އިހުލާސްތެރިން ތިބެގެންނެވެ. މިހާރުގެ ހާލަތު ވަރަށް ގޯހެވެ. އެތާ ވެސް ކޮރަޕްޝަނެވެ. މިތާ ވެސް ކޮރަޕްޝަނެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
             
            