އިންޑިއާ އާއި އެމެރިކާއާ ދެމެދު 10 އަހަރުގެ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިންޑިއާ އާއި އެމެރިކާއާ ދެމެދު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މެލޭޝިޔާގެ ވެރި ރަށް ކުއާލަލަމްޕޫރުގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެމެރިކާގެ ފަރާތުން ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އެވެ. އަދި އިންޑިއާގެ ފަރާތުން އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހް އެވެ.
ހެގްސެތު އެކްސްގައި ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ގުޅިގެން މަސައްކަތް ކުރުމާއި މައުލޫމާތު ހިއްސާ ކުރުމާ އަދި ޓެކްނޮލޮޖީގެ ގޮތުން ގުޅުން ބަދަހިވެ، ސަރަހައްދީ ގުޅުން ވަރުގަދަ ވާނެ ކަމަށެވެ.
މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާއާ ދެކޮޅަށް %50 ޑިއުޓީ ޓެރިފެއް ނެގުމަށް އިއުލާން ކުރުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ވިޔަފާރީގެ ނުތަނަވަސް ކަމަށް ލުޔެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އޭގެ ތެރޭގައި އިންޑިއާ އިން ރަޝިއާގެ ތެލާއި ހަތިޔާރު ގަންނާތީ %25ގެ ޑިއުޓީ އަދަބު ވެސް ހިމެނެ އެވެ.
އެ އެއްބަސްވުމުގެ ސަބަބުން އިންޑިއާ އާއި އެމެރިކާއާ ދެމެދު އޮންނަ ދިފާއީ ގުޅުމުގެ ސިޔާސަތުތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ބެލެވެ އެވެ.
"މިކަމުން ދޭހަވަނީ ސްޓްރެޓީޖިކް އެއްބައިވަންތަކަން އިތުރުވެ، އެއްބާރުލުންދިނުމުގެ އާ ޒަމާނެއްގެ ފެށުން. ދިފާއީ ކަންކަމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައި ތަނބު. އަޅުގަނޑުމެންގެ އެއްބަސްވުމަކީ އިންޑޯ-ޕެސިފިކް ސަރަހައްދަކީ މިނިވަން، ހުޅުވާލެވިފައިވާ އަދި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެމި އޮންނާނެ ގުޅުމެއް،" ސިންހް ވިދާޅުވި އެވެ.
ޔޫރޭޝިއާ ގްރޫޕްގެ ތިންކް ޓޭންކްގެ ޕްރަމިތު ޕާލް ޗައުދުރީ ވިދާޅުވީ އެ އެއްބަސްވުމަށް މި އަހަރުގެ ޖުލައި ނުވަތަ އޯގަސްޓް މަހުގެ ތެރޭގައި ނިމުމެއް އަންނާނެ ކަމަށް ބެލެވުނު ކަމަށެވެ. ނަމަވެސް އެއްބަސް ވުމަކަށް ނާދެވި ލަސްވީ، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދުނު މައްސަލަ ހައްލު ކުރުމުގައި ޓްރަމްޕްގެ ދައުރެއް އޮތް ކަމަށް ޓްރަމްޕް ވިދާޅުވުމުން އިންޑިއާ އިންޑިއާ އިން ހިތްހަމަނުޖެހުމުންނެވެ.
އެ އެއްބަސްވުމަކީ ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ އަށް ޓެކްނޮލޮޖީ ފޯރުކޮށްދީ ދިފާއީ ދާއިރާ އާ ދެމެދު ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން އެންމެ ފަހުގެ އެއްބަސްވުން ކަމަށް ސިންހް ވިދާޅުވި އެވެ.
އިންޑިއާ އާއި އެމެރިކާއާ ދެމެދު އޮތް ދިފާއީ ގުޅުން އަންނަނީ ވަރަށް ކުރިއަރަމުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ ފެބުރުއަރީ މަހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާ ކުރެއްވި މައިގަނޑު މައުލޫއަކީ ޑިފެންސް ދާއިރާ އެވެ. އަދި އެމެރިކާ އިން އިންޑިއާއަށް އަސްކަރީ އާލާތްތައް ވިއްކުން އެތައް ބިލިއަން ޑޮލަރަކަށް އިތުރުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ނަތީޖާއެއްގެ ގޮތުން އިންޑިއާއަށް އެފް-35 ސްޓީލްތު ފައިޓާ ޖެޓްތައް ފޯރުކޮށްދިނުމަށް މަގުފަހިވާނެ އެވެ.
ނަމަވެސް އިންޑިއާ އިން ރަޝިއާގެ ތެލަށް ބަރޯސާވުމާއި ރަޝިއާއާ އެކު އޮތް ދިފާއީ ގުޅުންތަކުގެ ސަބަބުން ޓްރަމްޕްގެ ސަރުކާރު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ.
ރަޝިއާ އަކީ އިންޑިއާއަށް އެންމެ ގިނަ އަދަދަކަށް ހަތިޔާރު ސަޕްލައިކުރާ ގައުމެވެ. ނަމަވެސް އިންޑިއާ އިން އަމިއްލައަށް އުފައްދާ ހަތިޔާރުގެ ނިސްބަތް އިތުރުވުމާ އަދި އިތުރު ގައުމުތަކުން އިމްޕޯޓް ކުރާ ހަތިޔާރުގެ ނިސްބަތް އިތުރުވާތީ ރަޝިޔާ އިން އިމްޕޯޓް ކުރާ ހަތިޔާރުގެ އަދަދު އަންނަނީ މަޑުމަޑުން ދަށްވަމުންނެވެ.
އެމެރިކާ އިން ދިފާއީ އަދި ހަކަތަ ހޯދުމުގެ މަސައްކަތް އިތުރުކުރަން އިންޑިއާ އިން ތައްޔާރަށް އޮތް ކަމަށް ދާދިފަހުން ވަނީ ބުނެފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މަޝްވަރާތައް ދަނީ ކުރަމުންނެވެ. އަދި އަންނަ މަހު ހައްލެއް ހޯދޭނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ