މިއަހަރުގެ އޮލިވް ނުވަތަ ޒައިތޫނި މޫސުން އެންމެ ފައްކާވި ދުވަސްކޮޅާ ދިމާކޮށް ފަލަސްތީނު ރައްޔިތުންގެ ޒައިތޫނި ދަނޑުތަކަށް، ޔަހޫދީ ވަގުންގެ އުނދަގޫ ބޮޑުވެއްޖެއެވެ.
އަލް ޖަޒީރާއިން މިއަދު ބުނެފައިވަނީ ވެސްޓްބޭންކްގައި އިސްރާއީލުން އާބާދުކޮށްފައިވާ ޔަހޫދީން ފަލަސްތީނުގެ ޒައިތޫނި ދަނޑުތަކަށްވަދެ، ގަސްތަކުން ޒައިތޫނި ވަގަށް ބިންނަ މައްސަލަ ބޮޑުވެފައިވާކަމަށެވެ. މި މައްސަލަ އެންމެ ބޮޑުވެފައިވަނީ ނާބްލްސް އަދި ރާމަﷲގައެވެ. ފަލަސްތީނު ރައްޔިތުންގެ ހިމާޔަތުގައި ބަޔަކު ނެތުމުން ޔަހޫދީން ކިތަންމެވަރަކަށް ދަނޑުތަކުން ވައްކަންކުރިނަމަވެސް އެކަން ހުއްޓުވުމަށް ކުރެވޭނެ ކަމެއް ނޯވެއެވެ.
ފަލަސްތީނު މީހަކު ޒައިތޫނި ބިންނަނީ.. ފޮޓޯ: އޭއެފްޕީ
އިސްރާއީލް ސިފައިން ވަނީ މީގެ ކުރިން އެތައް ފަހަރަކު މި ސަރަހައްދުތަކުގައިވާ ޒައިތޫނި ދަނޑުތަކުން ފަލަސްތީނު ރައްޔިތުން ބޭރުކޮށް އެ ދަނޑުތަކަށް ނާދެވޭނޭހެން ބަންދުަވެސްކޮށްފައެވެ. މީގެ އިތުރުން ގިނަ ދުވަސްވީ ޒައިތޫނި ގަސްތައް ވަނީ ނައްތާލާފައެވެ. އިސްރާއީލުން ކިތަންމެ ދަތިކުރިނަމަވެސް ފަލަސްތީނުގެ އެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅުމަށް ކޮށްއުޅޭ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޒައިތޫނި ދަނޑުތަކުންނެވެ.
އިސްރާއީލުން ވަރަށްފަހަކުން ވަނީ ފަލަސްތީނު ރައްޔިތުންގެ ޒައިތޫނި ދަނޑުތައް ހަލާކުކޮށްލުމަށް ކެމްޕެއިނެއްވެސް ފަށާފައެވެ. މި ކެމްޕެއިނުގެ ދަށުން މިމަހުގެ ތެރޭގައި ބައެއް ދަނޑުތަކުގައި ހުޅުޖަހައި އަނެއްބައި ދަނޑުތަކުގެ ގަސްތައް ވަނީ ކަނޑާލާފައެވެ.
ފަލަސްތީނު މީހަކު ޒައިތޫނިތަކެއް ދައްކާލަނީ.. ފޮޓޯ: އޭއެފްޕީ
ފަލަސްތީނުގެ އޮލިވް ދަނޑުތަކަކީ އެމީހުންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ބައެވެ. ފަލަސްތީނު ރައްތިތުންގެ ތެރެއިން 80،000 އާއި 100،000 މީހުންނަކީ އޮލިވްދަނޑުތަކުން ލިބޭ ނަފާއިން ދިރިއުޅުން ކުރިއަށްގެންދާ މީހުންނެވެ. މި މަސައްކަތް ކުރާ މީހުންގެ 15 އިންސައްތަ އަކީ އަންހެނުންނެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު އަދި ނޮވެމްބަރަކީ އޮލިވްގެ ވިޔަފާރި އެންމެ ރަނގަޅު ދުވަސްވަރެވެ. ރިޕޯޓްތައް ބުނާގޮތުގައި 2018 ވަނަ އަހަރާ ހަމަޔަށް އާއިރު، އޮލިވް ވިޔަފާރިން ފަލަސްތީނަށް އަހަރެއްގެ މައްޗަށް ޖުމްލަ 191 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ.
އޮލިވް ނުވަތަ ޒައިތޫންނަކީ ފަލަސްތީނުގެ ފަހްރެކެވެ. ނަމަވެސް ފަލަސްތީނު ރައްޔިތުންގެ އަތުން ޒައިތޫނި ގަސްތައް އަތުލުމަށް އިސްރާއީލުން 2023 ވަނަ އަހަރުފެށި ކެމްޕެއިނުގެ ދަށުން ފަލަސްތީނު ރައްޔިތުންނަށް ކުރިން ހައްދާވަރާ ގާތަށްވެސް ޒައިތޫނި ނުހެއްދެއެވެ.
    
    ފަލަސްތީނު ރައްޔިތުންގެ ޒައިތޫނި ދަނޑުތަކަށް، ޔަހޫދީ ވަގުންގެ އުނދަގޫ ބޮޑުވެއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
                     
                     
             
             
             
             
            