ވެލެންސިއާ ބަލިކޮށް މާޒިޔާއަށް ފަސް ޕޮއިންޓުގެ ލީޑެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާ ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ ވެލެންސިއާ އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު ހަ މެޗުން ލިބުނު 18 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ތިންވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބު އޮތީ ޖުމްލަ 13 ޕޮއިންޓާއެކުއެވެ. އެއީ ކުޅުނު ފަސް މެޗާއެކުއެވެ. ވެލެންސިއާ އިން ވަނީ މި މެޗުގައި ރަނގަޅު ޑިފެންސިވް ގޭމެއް ކުޅެން މަސައްކަތްކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާޒިޔާއަށް މި ހާފުގައި ކާމިޔާބުކުރެވުނީ މުހައްމަދު އިލާން އިމްރާން ކާމިޔާބުކުރި ލަނޑު އެކަންޏެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ 17 ވަނަ މިނިޓުގައެވެ. އިލާން ވަނީ ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނިޓުގެ ތެރޭގައި ލީޑު ފުޅާކޮށްފައެވެ. މިއީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ތިންވަނަ ލަނޑު ސާޖިއޯ ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރާ މެޗުގެ 55 ވަނަ މިނިޓުގައެވެ. މާޒިޔާގެ ހަތަރުވަނަ ލަނޑު ޖެހީ އަޙްމަދު އައިހަމެވެ. އޭނާ މި ލަނޑު ޖެހީ އިލާން ތަނަވަސްކުރި ބޯޅައަކުންނެވެ. މީގެއިތުރުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރުވަގުުތުގެ ތެރޭގައި މާޒިޔާގެ ފަސްވަނަ ލަނޑު ޖެހީ ފޯވާޑް ސާޖިއޯއެވެ. އޭނާ މި ލަނޑު ޖެހީ އައިހަމް ނެގި ކޯނަރަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ