މަންމަ އަތުން ފައިސާ ހޯދާތީ ދެބެން އަރާރުންވެ ހިންގި މާރާމާރީއާ ގުޅިގެން ކޮއްކޮ ޖަލަށް
        މަންމަ އަތުން ފައިސާ ހޯދާ މައްސަލައިގައި އެއްބަނޑު އެއްބަފާ ދެބެން އަރާރުންވެ ހިންގި މާރާމާރީއަކާ ގުޅިގެން ކޮއްކޮ ޖަލަށްލާން ހުކުމްކޮށްފިއެވެ.  މާލޭގައި ހިނގި ހާދިސާއަކާ ގުޅިގެން ދައުލަތުން, އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ކުރި މި މައްސަލައަކީ އާއިލީ އަރާރުންވުމެއްގެ ތެރެއިން އުފަންވެގެން ދިޔަ މައްސަލައެކެވެ.  މި މައްސަލައިގައި އިއްވި ހުކުމަކީ ދެ މަހާއި 22 ދުވަހުގެ ޖަލު ހުކުމެވެ.  މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ހުކުމް ކުރި މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލަ އުފެދުނީ މަންމަ އަތުން ފައިސާ ހޯދަން ކޮއްކޮ އުޅުމުންނެވެ. އެކަމާ ބޭބެ ހުރަސް އަޅައި، އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި ކޮއްކޮގެ އަތުގައި އޮތް ވަޅިއަކުން ބޭބެއަށް ހަމަލާދިން ކަމަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.  މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކޮއްކޮވަނީ ބޭބެ މަރާލާނެ ކަމަށް ބުނެ އިންޒާރުވެސް ދީފައެވެ. އަދި އެ އިންޒާރަށް ފަހު ކުޑަ ވަޅިއެއް ނަގައި ހިނގި ކަންތައްގަނޑުގެ ތެރޭގައި ބޭބެގެ އަތަށް ވަނީ އަނިޔާވެފައެވެ. އެ އަނިޔާއަށް ހޮސްޕިޓަލުން ފަރުވާވެސް ހޯދަން ޖެހުނެވެ.  މި މައްސަލައިގެ ޝަރިއަތުގައި ކޮއްކޮވަނީ މާފަށް އެދިފައެވެ. އެހެންނަމަވެސް ބޭބެ ބޭނުންވީ ދައުވާ ކުރަން ކަމުން ދައުލަތުން މައްސަލަ ކުރިއަށް ގެންގޮސް، ކުށް ސާބިތު ކުރީއެވެ.  ކުށް ސާބިތު ކުރުމުން ކޮއްކޮ ދެން އެދުނީ ލުއި އަދަބެއް ނުވަތަ ޖޫރިމަނާއެއް ކޮށްދިނުމަށެވެ. އެހެންނަމަވެސް މައްސަލަ އުފެދެން ޖެހުނު މައިގަނޑު ސަބަބަކީވެސް ފައިސާ ހޯދުން ކަމަށްވެފައި ކޮއްކޮއަކީ ޖޫރިމަނާ ދެއްކޭނެ ފަދަ މީހެއް ނޫން ކަމަށް ގާޒީ ފާހަގަ ކުރެއްވިއެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
             
            