އައްޑޫގެ ވޯޓުން ރުޅިވެރިކަން އިތުރުނުވާނެ ކަމަށް އުންމީދުކުރަން: ނަޝީދު

އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ އާއި މީދޫ ވަކިވާން އެ ރަށުގެ މީހުން މިއަދު ނިންމި ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަނުދޭން އެންމެން ވެސް ބާރުއަޅާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ވީކިިހިނެއް؟ - އެ އަތޮޅު ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫ އާއި މީދޫން މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައި، ވޯޓުލީ މީހުންގެ އަގުލަބިއްޔަތުން އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަށް ނިންމިއިރު، ފޭދޫގެ ވޯޓު ބުރަވީ ސިޓީ ކައުންސިލްގައި ދެމިއޮތުމަށެވެ.
ވޯޓުގެ ނަތީޖާއަކީ:
ފޭދޫގެ ގާތްގަނޑަަކަށް %75 ވޯޓު ލިބުނީ ސިޓީ ކައުންސިލުން ވަކިވާން ނުފެންނަ ކަމަށް
މީދޫގެ ގާތްގަނޑަކަށް %85 ވޯޓު ލިބުނީ ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށް
ހުޅުދޫގެ ގާތްގަނޑަކަށް %69 ވޯޓު ލިބުނީ ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށް
ތަފްސީލް - ރާއްޖޭގެ ރައީސްކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ފުރަތަމަ ވެސް ފާހަގަކުރެއްވީ، ހުޅުދޫ އާއި މީދޫ ސިޓީ ކައުންސިލުން ވަކިވާން އަގުލަބިއްޔަތު ލިބުނު ނަމަވެސް ގިނަ މީހުންގެ ވޯޓު ބުރަވަނީ މުޅި އައްޑޫ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ.
އެ ގޮތުން، ނަޝީދު ފާހަގަކުރެއްވި ގޮތުގައި:
ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ވޯޓު ދިނީ 2،251 މީހުން
ވަކި ކައުންސިލެއް ހަދަން ވޯޓު ދިނީ 2،176 މީހުން
ބުނީ ކީކޭ؟ - "މި ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދިނުމަށް ހުރިހާ ބޭފުޅުން ވެސް ބާރު އަޅުއްވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" އިދިކޮޅު މައި ޕާޓީ، އެމްޑީޕީއާ އެކީ އަލުން ސިޔާސީ މަސައްކަތް ފައްޓަވާފައިވާ ނަޝީދު ލިއުއްވާފައިވެ އެވެ.
އެނގުން މުހިންމު - މި ވޯޓާ ދިމާކޮށް ނަޝީދު ތާއީދުކުރައްވަނީ އައްޑޫ ސިޓީ ކައުންސިލް އެ ގޮތުގައި ބައިނުކޮށް ބޭއްވުމަށް ކަމަށް ކުރިން ވިދާޅުވެފައިވެ އެވެ. އަދި ކުރަންވީ ކަމަކީ ބޭރުގެ ފަންނީ މީހުން އައްޑޫގައި ވަޒީފާ އަދާކުރަން ޝަރުތުކޮށް، ދިވެހި ރައްޔިތުކަން ދީގެން އައްޑޫގެ އާބާދީ 50،000އަށް ވުރެ މަތިން ކުރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
ފާހަގަކޮށްލެވޭ - އައްޑޫ ސިޓީ ކައުންސިލް މިހާރު މި އޮތް ގޮތަށް އެކުލަވާލީ ވެސް ނަޝީދުގެ ވެރިކަމުގައި 9 އޮކްޓޯބަރު 2010ގަ އެވެ. އޭރު ސިޓީއެއްގެ ލަގަބު ދެނީ ރަށެއްގައި ނުވަތަ ރަށްތަކެއް ހިމެނޭ ސަރަހައްދެއްގައި މަދުވެގެން 25،000 މީހުން ހަމަވާނަމަ އެވެ.
އޭރު ވެސް ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނެގުމަށް ފަހު ވެސް، ސިޓީ ކައުންސިލް އެކުލަވާލަން ނިންމީ ވެސް ސިޓީ އެކުލަވާލެވޭ އާބާދީ ހަމަވަނީ މުޅި އަތޮޅު އެއްވެގެން ކަމަށް ވާތީ އެވެ. އޭރުގެ ނަތީޖާއަކީ:
ސިޓީ ކައުންސިލެއް ހެދުމަށް އޭރު ތާއީދުކުރީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ހުޅުދޫން
އޭރު ސިޓީ ކައުންސިލް ހެދުމަށް ދެކޮޅު ހެދީ ފޭދޫ އާއި މީދޫން
އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފުވައްމުލަކަށް ސިޓީގެ ލަގަބު ދިނުމަށް، ގާނޫނަށް ގެނައި ބަދަލާ އެކު މިހާރު 10،000 މީހުން ރަށެއްގައި ހަމަވާ ނަމަ ސިޓީގެ ލަގަބު ދެ އެވެ. އައްޑޫގެ ވެރިރަށް ހިތަދޫގައި އެކަނި އެ އާބާދީ ހަމަވިއަސް، އައްޑުއަށް މިދިޔަ ސަރުކާރުތަކުން އެއްވެސް ބަދަލެއް ނުގެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ