އެމްޑީޕީގެ 'ފަނިވި' ގައުމީ މަޖިލިހުގެ ޖަލްސާ އާއި މިހާރުގެ ހާލަތު

އެމްޑީޕީގެ ޗެއާޕާސަން ކަމުން ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމުން އެ މަގާމަށް ވަގުތީ ގޮތުން ބޭފުޅަކު އިންތިހާބުކުރަން މިދިއަ ހުކުރުދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާ ހޫނުވެގެން ހުއްޓާލިކަން އެންމެންނަށް ވެސް އެނގޭނެ އެވެ. ނަމަވެސް އެމްޑީޕީގެ އާންމު މެމްބަރުންނަށް ވެސް މި ވަގުތު އެނގުން ދުރީ ޕާޓީގެ އެތެރޭގައި އޮތް މައްސަލަގަނޑުގެ ބޮޑުކަމެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ ހިންގުމުގެ ބާރު މިހާރު އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅަކު ވެސް ނޫނެވެ. ނުވަތަ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ އަތްޕުޅަކު ވެސް ނޫންމެ އެވެ. މިވަގުތު އެމްޑީޕީގެ އެންމެ ބާރުގަދަ ބޭފުޅަކީ، ގަބޫލުކުރާށެވެ!، ޗެއާޕާސަންގެ ނައިބު، އިދާރީ، އިބްރާހިމް ވަހީދެވެ. އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމަކަށް، ނުވަތަ ގައުމީ މަޖިލިހާ ޖެހިގެން ދެން އޮންނަ އެންމެ ބާރުގަދަ ގުނަވަން، ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ވެސް ބޭއްވޭނީ އޭނާ ބާއްވައިދެއްވިއްޔާ އެވެ.
ގައުމީ ހިންގާ ކޮމިޓީއަކީ ގައުމީ މަޖިލިހުގެ ދެ ޖަލްސާގެ ދެމެދު ގައުމީ މަޖިލިހުގެ މަސްއޫލިއްޔަތުތައް އުފުލަން އޮންނަ، އެހެން ގޮތަކަށް ބުނާ ނަމަ، ގައުމީ މަޖިލިހުގެ ކުޑަ ކޮމިޓީއެކެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން މަދުވެގެން ކޮންމެ ދެ މަހަކުން އެއްފަހަރު ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ބާއްވަން ވާނެ އެވެ. އެ ބައްދަލުވުން ބޭއްވެންދެން ގައުމީ މަޖލިހުން ކުރަން ޖެހޭ ކަންކަން ކުރުމުގެ ޒިންމާ އޮންނަނީ ގައުމީ ހިންގާ ކޮމިޓީއަށެވެ. އެ ކޮމިޓީން ވަކި ކަމަކާ މެދު ނިންމާ ނިންމުން ދެން އެންމެ އަވަހަކަށް އޮންނަ ގައުމީ މަޖިލިހަށް ހުށައަޅައި ފާސްކުރަން ޖެހެ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު އެކުލަވާލާފައި އޮތީ، އެވަރުގެ ބޮޑު އަދި ޒިންމާދާރު ޕާޓީއަކާ އަޅާބަލާއިރު ވަރަށް ދޯދިޔާކޮށެވެ. މިސާލަކަށް ޗެއާޕާސަންއަކީ ޕާޓީ ހިންގުމުގެ އެންމެ އިސް ޒިންމާ ނަންގަވާ ފަރާތް ކަމަށް ވިޔަސް އޭނާ އިސްތިއުފާ ދެއްވައިފި ނަމަ ދެން ހަދާނެ ގޮތެއް ވެސް އަސާސީ ގަވާއިދުގައި ނެތެވެ. އާ އިންތިހާބު ބާއްވަން ޖެހޭނެ މުއްދަތެއް، ނުވަތަ އޭނާ އިންތިހާބުކުރި ދައުރުގައި އާ އިންތިހާބެއް ބާއްވަން ޖެހޭނެ ކަމަކަށް ވެސް ބުނެފައެއް ނުވެ އެވެ.
ޗެއާޕާސަން އިސްތިއުފާ ދެއްވުމުން އޭނާގެ ބާރުތައް ފުރޮޅޭނެ ފަރާތެއް ވެސް އަސާސީ ގަވާއިދުގައި ސީދާ ކަނޑައަޅާފައެއް ނެތެވެ. ޗެއާޕާސަންގެ ނައިބު، އިދާރީއަށް އެ ޒިންމާ ނެންގެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަނީ، އަސާސީ ގަވާއިދުގެ 72 ވަނަ މާއްދާގެ ބ އިންނެވެ. އެ އަކުރުގައި ބުނެފައިވެ އެވެ:
ޗެއާޕާސަންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް އުޒުރުވެރިވާ ހާލަތްތަކުގައި އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުން
އެމްޑީޕީގެ ރައީސް ޝާހިދަށް ޕާޓީ ހިންގުމުގެ ތެރެއަށް ވެންނެވޭނެ ޖާގަ އަސާސީ ގަވާއިދުގައި ނުދެ އެވެ. އޭނާއަކީ ގައުމީ މަޖިލިހާއި ގައުމީ ހިންގާ ކޮމިޓީން ކަނޑައަޅާ ސިޔާސަތުތައް ހަމައެކަނި ތަންފީޒުކުރައްވަން ހުންނަވާ ބޭފުޅެކެވެ. އެހެންކަމުން މިހާރު އެމްޑީޕީ އޮތް ހާލަތުގައި ޝާހިދަށް ވެސް ކުރެއްވޭނެ ކަމަކީ، ކުރީ ދުވަހު ވަހީދަށް ފޮނުއްވި ސިޓީގައި ވިދާޅުވި ހެން، ހުއްޓާލި ގައުމީ ޖަލްސާ އަލުން ބާއްވައިދިނުމަށް މަޝްވަރާ އެރުވުމެވެ.
މިދިއަ ހުކުރުދުވަހުގެ ރޭ އޮތް ގައުމީ މަޖިލިހުގެ ޖަލްސާގެ އެޖެންޑާ އެކެއްގައި އޮތީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ޗެއާޕާސަންގެ މަގާމު ހުސްވުމުން އާ އިންތިހާބު ބޭއްވެންދެން ތިން މެމްބަރުންގެ ކޮމިޓީއަކާ ޕާޓީ ހިންގަން ހަވާލުކުރަން، ގައުމީ ހިންގާ ކޮމިޓީން ހުށައެޅި ހުށައެޅުމާ މެދު ގޮތެއް ނިންމުމެވެ.
ރިޔާސަތުގައި އިންނެވި ވަހީދު އެ އައިޓަމް ކުރިއަކަށް ނުގެންދަވަ އެވެ. އޭނާ އުޒުރަކަށް ދެއްކެވީ އެކަން ނުކުރެވޭނެ ކަމަށް ގާނޫނީ ލަފާ ލިބިވަޑައިގެންފައި އޮތުމެވެ.
ދެެވަނަ އައިޓަމަކީ ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަށް ވޯޓަށް އެހުމެވެ. އެ ތިން ބޭފުޅުންނަކީ:
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް 
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު
އެކަމަކު އެ ވޯޓުގެ ކުރިން އަސްލަމްއާ މެދު ގޮތެއް ނިންމަން ޖެހެ އެވެ. ވަގުތީ ޗެއާޕާސަން އިންތިހާބުކުރަނީ ގައުމީ މަޖިލިހުގެ ތެރެއިން ކަމަށް ވެފައި އެނޫން ގޮތަކަށް އަމަލްކުރާ ނަމަ އެ އިހުތިޔާރު އޮތީ ގައުމީ މަޖިލިހަށެވެ.
އެކަމަކު އަސްލަމާ މެދު ގައުމީ މަޖިލިހުގެ އަގުލަބިއްޔަތު އޮތީ ކިހިނެއްތޯ ބަލަން ފުރުސަތެއް ނުދެއްވަ އެވެ. މިފަހަރު ވެސް ވަހީދު ދެއްކެވި އުޒުރަކީ ގާނޫނީ ލަފަ އެވެ. 
އޭނާ ދެން ހުޅުވާލައްވަނީ އަބްދުﷲއަށް ރުހުން ހޯދުމުގެ ވޯޓަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސްގައި ވޯޓު ނަގަނީ އަތް ހިއްލައިގެންނެވެ. ޖަލްސާ ބޭއްވި ހޯލުގައި ގޮނޑިތައް ޖަހާފައި ހުރީ ތިން ބަރިއަކަށެވެ. ކޮންމެ ބަރިއެއްގައި ވަކި އަދަދަކަށް ގޮނޑި ބަހައްޓައިގެންނެވެ.
ވަހީދު ފުރަތަމަ އިއުލާންކުރެއްވީ އަބްދުﷲއަށް ލިބިވަޑައިގަތީ 47 ވޯޓު ކަމަށް، އެތަނުގައި ތިއްބެވި ބައެއް މީހުން ބުންޏެވެ. ޖަލްސާގައި ތިބި 96 މީހުންގެ ތެރެއިން، ރިޔާސަތުގައި އިންނެވި ވަހީދު ނުހިމަނައި، ވޯޓު ލެވޭނެ މީހުންގެ އަދަދަކީ 95 ކަމަށް އޭނާ އިއުލާންކުރެއްވި އެވެ. އެހެންކަމުން އަބްދުﷲއަށް އިންތިހާބު ކާމިޔާބުކުރެއްވޭނީ 48 ވޯޓު ހަމަވެގެންނެވެ.
އެކަމަކު 47 ވޯޓުން އަބްދުﷲ އިންތިހާބު ވެއްޖެ ކަމަށް ވަހީދު އިއުލާންކުރެއްވުމާ އެކު ބައެއް މީހުން މައްސަލަ ޖެއްސީ އެއީ އޮޅުވާލުމެއް ކަމަށް ބުނެ އެވެ. އެހެންވެ އަލުން ވޯޓުގެ އަދަދު އެއްކުރެއްވުމަށް ފަހު ވަހީދު އިއުލާންކުރެއްވީ އަބްދުﷲގެ ނަން ފާސްނުވާ ކަމަށެވެ.
މި ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި އެންމެ ފަހުން ވަހީދަށް ޖެހިވަޑައިގަތީ ޖަލްސާ މެދުކަނޑާލައްވާށެވެ. އިތުރަށް ކުރިއަށް ގެންދެވޭނެ މާހައުލެއް ވެސް ނެތެވެ.
އޭގެ އަނެއް ދުވަހު ވަހީދު ވަނީ އެރޭގެ ވޯޓުގެ ކަންކަން ދިޔަ ގޮތް ކަމަށް ވިދާޅުވެ ތަފުސީލު ސިޓީއެއް ޝާހިދަށް ފޮނުއްވައިފަ އެވެ. އޭގައި އޮތީ "އިތުރަށް ބެލިބެލުމުން ފާހަގަވީ" އަބްދުﷲއަށް 49 ވޯޓު ލިބިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ވޯޓު ދިން އެކަކު ފަހުން އެކަމާ ދެކޮޅު ހެދުމުން، އެ ވޯޓު އުނިކުރުމުން 48 ވޯޓު ހަމަވާ ކަމަށް ވެސް ސިޓީގައި ލިއުއްވި އެވެ. އެހެންކަމުން ވޯޓު ލެވޭ 95 މީހުންގެ ތެރެއިން 48 ވޯޓާ އެކު ވަގުތީ ޗެއާޕާސަންގެ މަގާމަށް އަބްދުﷲ އިންތިހާބުވި ކަމަށް، ވަހީދު ނިންމެވި އެވެ.
އެ ޖަލްސާގެ ކަންކަން ދިޔަ ގޮތް ބަޔާންކުރައްވައި ޝާހިދަށް ވަހީދު ފޮނުއްވި ސިޓީއަށް ފަހު އަބްދުﷲ ވެސް ސިޓީއެއް ފޮނުއްވި އެވެ. އެ ސިޓީގައި އޭނާ ވިދާޅުވީ ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާ އިންތިހާބުކުރި ކަމަށާއި ނަމަވެސް އޭނާގެ ނަން އަނބުރާ ގެންދަވަން ނިންމެވި ކަމަށެވެ.
އޭގެ ސަބަބަކީ "ޕާޓީގެ ބަދަހިކަން ދެމެހެއްޓުން" ކަމަށް ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވި ގޮތުގައި އޭނާ ވާދަކުރެއްވީ ޝާހިދުގެ އިތުރުން ޕާޓީގެ އެޑްވައިޒަރު ކުރީގެ ރައީސް ސޯލިހުގެ ވެސް ތާއީދާ އެކު އެވެ. ނަމަވެސް ފަހުން އެ ބޭފުޅުންގެ ތާއީދު އޭނާއަށް ލިބިވަޑައެއް ނުގަންނަވަ އެވެ. އެހެންވެ އަބްދުﷲގެ ނަޒަރުގައި އެއީ ޕާޓީގެ އެތެރޭގައި ހަމަނުޖެހުން އުފެއްދުމެވެ.
ސޯލިހު ފަހުން ތާއީދުކުރެއްވީ އަސްލަމަށެވެ. ނަމަވެސް ގައުމީ މަޖިލިހުގެ މެމްބަރަކަށް އޭނާ ނުވާތީ އޭނާއަށް ފުރުސަތު އޮތީ ގައުމީ މަޖިލިހުން އެހެން ގޮތަކަށް ފާސްކޮށްގެންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސްގައި އެގޮތަށް މީގެ ކުރިން އެތައް ކަމެއް ނިންމާފައި އެބަ ހުއްޓެވެ. މިސާލަކަށް އެމްޑީޕީ ސަރުކާރުގެ ކުރީގެ ކެބިނެޓް މިނިސްޓަރުންނަށް ގައުމީ މަޖިލިހުން ޖާގަ ދީފައި އޮތީ ގައުމީ މަޖިލިހުން ފާސްކޮށްގެންނެވެ. އަސާސީ ގަވާއިދުގައި ނެތް ކަންކަން ގައުމީ މަޖިލިހަށް ނިންމެ އެވެ.
"އެޖެންޑާގައި ހިމެނޭ ކަންކަމަށް ވޯޓަށް އަހަން ޖެހޭނެ ކަމަށް ފެންނަނީ،" އެރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު، މިވަގުތު އެމްޑީޕީގެ އެތެރޭގައި އޮތް ހަމަނުޖެހުންތަކާ ގުޅިގެން ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވި އެވެ.
މިސާލަކަށް އޭނާ ނެންގެވީ ރައްޔިތުންގެ މަޖިލިހުގައި ކަން ކުރާ ގޮތެވެ. ވަކި ކަމަކާ ދެކޮޅަށް މަޖިލިހުގެ ގާނޫނީ ޓީމުން ލަފާ ދީފައި އޮތަސް ރިޔާސަތުން ވޯޓަށް އަހަ އެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި އިއްޔެ ވެސް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް އޮތެވެ. އެ ބައްދަލުވުމުގައި ވަހީދުގެ އަރިހުން އެދުނީ ގައުމީ މަޖިލިހުގެ އާ ޖަލްސާއެއް ނަމަވެސް ނުވަތަ ހުއްޓާލި ޖަލްސާ އަލުން ފަށައިގެން ނަމަވެސް މި މަހު 7ގެ ކުރިން ޖަލްސާއެއް ބާއްވައި، ވަގުތީ ޗެއާޕާސަންގެ މައްސަލަ ނިންމަވާދެއްވުމަށެވެ.
އާއެނކެވެ. އެމްޑީޕީ ހިންގުމުގެ ބޮޑު ބާރު މިހާރު އޮތީ ޑެޕިއުޓީ ޗެއާޕާސަން ވަހީދު އަތްޕުޅުގަ އެވެ. ގައުމީ މަޖިލިހުގެ ޖަލްސާއެއް ބޭއްވޭނީ އޭނާ ބާއްވައިދެއްވިއްޔާ އެވެ. ސުވާލަކީ އޭނާ ހުންނެވީ ކޮން ފަޅިއެއްގައި ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތެވެ. ފައްޔާޒު އިސްމާއިލް/ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ