ކާންސް ފިލްމު ފެސްޓިވަލްގައި އޯޑިއަންސްގެ ތައުރީފު ހޯދި 'ހޯމްބައުންޑު' ސިނަމާތަކަށް

މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި ޕްރިމިއާކޮށް ގިނަ ބައެއްގެ ތައުރީފު ލިބުނު ފިލްމު "ހޯމްބައުންޑް" ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށް ފިލްމު ރިލީޒްކުރާ ތާރީޚު ވެސް އިއުލާނުކޮށްފިއެވެ. މިހާރު ކުރިއަށްދާ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފް)ގެ ކްރިޓިކުންގެ ތައުރީފު އޮހުނު މި ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚަކީ މި މަހުގެ 26 ވަނަ ދުވަހެވެ. މި ފިލްމަކީ 2015 ވަނަ އަހަރު ބޭރުގެ އެތައް ފެސްޓިވަލްތަކެއްގައި ދައްކައިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދި "މަސާން"ގެ ޑައިރެކްޓަރު ނީރަޖް ގިވާންގެ ފިލްމެކެވެ. ކަރަން ޖޯހަރު، އާދަރު ޕޫނަވައްލާ އަދި އަޕޫރުވާ މެހެތާ ޕްރޮޑިއުސަރުންގެ ޓީމުގައި ހިމެނޭ މި ފިލްމަކީ ދަރުމާ ޕްރޮޑަކްޝަންސް ބެނާގެ ދަށުން ނީރަޖު ގެނެސްދޭ ފިލްމެކެވެ. ފިލްމު "ހޯމްބައުންޑު"ގެ ކާސްޓުން ފިލްމުގެ ޕްރޮޑިއުސަރުންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ ނިއުޔޯކް ޓައިމްސްގައި 2020ވަނަ އަހަރު ޝާއިއުކުރި ލިޔުމެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ކާސްޓުންނަކީ ބޮލީވުޑްގެ އެންމެ އުއްމީދީ ޒުވާނުން ތަރިން ކަމަށްވާ އިޝާން ހައްތަރު، ވިޝާލް ޖެތުވާ އަދި ޖާންވީ ކަޕޫރެވެ. ކަޝްމީރަށް ނިސްބަތްވާ ނޫސްވެރިޔާ އަދި ލިޔުންތެރިޔާ ބަޝާރަތު ޕީރް ނިއުޔޯކް ޓައިމްސްގައި "އަ ފްރެންޑްޝިޕް، އަ ޕެންޑެމިކް އެންޑް އަ ޑެތު ބިސައިޑްސް އަ ހައިވޭ"ގެ ނަމުގައި ލިޔުނު އާޓިކަލް ހާއްސަކޮށްފައި ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެތެރޭ ކުރިމަތިލާންޖެހުނު ހާދިސާތަކުގެ މައްޗަށެވެ. ހަމައެއާއެކު ކުޑަ އިރުއްސުރެ އެކީގައި ބޮޑުވަމުން އައި ދެ އެކުވެރިން ފުލުހުންނަށް ވުމަށް ބައިވެރިވާންޖެހޭ އިމްތިހާނަށް ތައްޔާރުވުމުގައި ދިމާވާ ގޮންޖެހުންތައް ވެސް ފިލްމުން ފެންނާނެއެވެ. މި ފިލްމު ސިނަމާތަކަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު، މި ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު މާޓިން ސްކޮސީސް ވެސް ހިއްސާވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ