މަތީ ތައުލީމުގެ ލޯނުތަކަށް މިހާތަނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

މަތީ ތަޢުލީމުގެ ބޭނުމަށް ދަރިވަރުންނަށް މިދިޔަ އަހަރުން ފެށިގެން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ޢާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް އެކަނި ވެސް 365 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ މަތީ ތަޢުލީމުގެ ބޭނުމަށް ދަރިވަރުންނަށް ލޯނުގެ ގޮތުގައި ދޫކޮށްފައެވެ.
އެގޮތުން މިހާތަނަށް މުޅި ޖުމްލަ 1،226 ކުއްޖަކު ތަޢުލީމު ހާސިލްކޮށްފައިވާއިރު، އޭގެ ތެރެއިން 964 ކުއްޖަކު ވަނީ ދަސްވެނިވެފައެވެ. އަދި މި އަހަރު އެކަނި ވެސް 396 ކުއްޖަކު ކިޔަވާއިރު، 382 ކުއްޖަކު ވަނީ ދަސްވެނިވެފައެވެ.
އެ ވުޒާރާގެ ހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް މުޅި ޖުމްލަ 1،000 ކޯހަށް އިއުލާންކުރިއިރު، އެ ކޯސްތަކަށް 2،051 ދަރިވަރަކު ނަގައިފައިވެއެވެ. އޭގެ ތެރެއިން މި އަހަރު އެކަނި ވެސް 500 އަށް ކޯސް އިއުލާންކުރިއިރު، އެ ކޯސްތަކުގައި 805 ކުއްޖަކު ވަނީ ބައިވެރިވެފައެވެ.
އަދި ރާއްޖެއާއެކު ރާއްޖެއިން ބޭރުގެ 40 ޤައުމެއްގައި މިވަގުތު ވެސް 1،733 ދަރިވަރަކު ތަޢުލީމު ޙާސިލްކުރާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އެއީ 692 ފިރިހެން ދަރިވަރުންނާއި 1،733 އަންހެން ދަރިވަރުންނެވެ. 
ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން މިއަހަރު ދަރިވަރުންގެ ލޯނުގެ ސްކީމުތަކަށް ޚަރަދުކުރަން ބަޖެޓުގައި ހިމަނާފައިވަނީ 768 މިލިއަން ރުފިޔާއެވެ. އެގޮތުން މާލީ ވުޒާރާގެ އެންމެ ފަހުގެ ދައުލަތުގެ ޚަރަދުތަކުގެ ތަފްސީލުގެ ހިސާބުތަކުގައިވާ ގޮތުން، މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯނު ސްކީމްތަކަށް 351.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ