ބިދޭސީ މަސައްކަތްތެރިން ބަލައިފާސްކުރުމާ ގުޅޭގޮތުން އިނގިރޭސި ބަހުން ފުލުހުން ނެރުނު ބަޔާން "ގެއްލިއްޖެ" ބިދޭސީ މަސައްކަތްތެރިން ބަލައިފާސްކުރުމާ ގުޅޭގޮތުން އިނގިރޭސި ބަހުން ފުލުހުން ނެރުނު ބަޔާން "ގެއްލިއްޖެ"

ބިދޭސީ މަސައްކަތްތެރިން ބަލައިފާސްކުރުމަށް ރައީސް މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެން އެކަމާ ގުޅޭގޮތުން ފުލުހުން އަމަލުކުރާ ގޮތާ ގުޅޭގޮތުން އިނގިރޭސި ބަހުން ނެރުނު ބަޔާން އެ އިދާރާގެ ސޯޝަލް މީޑިއާތަކުން "ގެއްލިއްޖެ" އެވެ.
ރޭގަނޑު 12 ގެ ފަހުން އާންމު ތަންތަނުގައި އާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރަން މުއިއްޒު އެންގެވީ އިއްޔެ އެވެ. އެއާއެކު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފުލުހުން ބަޔާންތަކެއް ނެރުނެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ދިވެހި ބަހުން ލިޔަންކިޔަން ދަންނަނީ ވަރަށް މަދު އަދަދެއްގެ ބައެކެވެ. ގިނަ މީހުންނަށް ފަހުމުވާނެ ގޮތަށް އިނގިރޭސި ބަހުން ނެރުނު ބަޔާން ޑިލީޓުކުރީ ކީއްވެގެން ކަމެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އެ ބަޔާން ފުލުހުން ޕޯސްޓުކުރީ ރޭގެ ވަގުތެއްގަ އެވެ. ޑިލީޓުކޮށްލީ މިއަދުގެ ވަގުތެއްގަ އެވެ.
ފުލުހުން ޓްވީޓު ޑިލީޓުކުރިކަން އެނގޭ ފޮޓޯއެއް
ފުލުހުން އެ ބަޔާން އިނގިރޭސިން ޕޯސްޓުކުރި ޓްްވީޓު ކޯޓުކޮށް މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރެއްވުމުގެ ދިގު ތާރީހެއް އޮތް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ވަނީ ހިޖުރަވެރި މަސައްކަތްތެރިންނަކީ ކުށްވެރިން ނޫން ކަމަށް ބުނެފަ އެވެ.
މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް އަމަލުކުރަން އެންގެވީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި އާއި ރަށު ތެރޭގެ އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ކުރަމުން ދާތީ ކަމަށެވެ.
އަދި، އެ ވަގުތުތަކުގައި މަގުމަތީގައި އުޅޭ ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް އުޅެމުންދާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއްވާ ނަމަ އެ ފިޔަވަޅު އެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ވާނީ ދަންނަވާފައި،" މުއިއްޒު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
މިފަދައިން އަމަލުކުރަން މުއިއްޒު އެންގެވިއިރު، އެއްވެސް މީހެއްގެ މެދުގައި ތަފާތު ކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފު ކަމެކެވެ. އެގޮތުން ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައި އޮންނަނީ، ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާން ކޮށްފައި ހުރި ހައްގުތައް ހުރިހާ އެންމެންނަށް ވެސް ހަމަހަމައަށް ލިބިގެންވާ ކަމަށެވެ.
އަދި، އެ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަމަށް ބަލައިގެން ނުވާ ކަަށް އެ މާއްދާގައި ބަޔާން ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ