ތާވަލުގެ ފުލުގައި އޮތް ވުލްވްސް އަތުން އަމިއްލަ ދަނޑުގައި އާސެނަލްއަށް އުނދަގޫ މޮޅެއް

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރުވަގުތު ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މޮޅުވެ އާސެނަލް އިން އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން އެސްޓަންވިލާ އަތުން ބަލިވެފައިވާއިރު، ލީގުގައި ވުލްވްސް އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން އެޓީމު ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އިންނެވެ.
މުޅި މެޗުގައި ވެސް މޮޅަށްކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައެވެ. މިލަނޑަކީ އާސެނަލްގެ ފޯވާޑް ބަކަޔޯ ސަކާ ގޯލު ކުރިމައްޗަށް ކުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ވުލްވްސްގެ ކީޕަރު ސޭމް ޖޯންސްޓަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ވުލްވްސް އިން މެޗުގެ ނަތީޖާއެއްވަރުކުރި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް ޓޮލޫވަލޭސް އިމަނުއެލް އަރޮކޯޑޭ އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އާސެނަލް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑަކީ ވުލްވްސްގެ މިޑްފީލްޑަރު ޔަރސަން މޮސްކޭރާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 16 މެޗުން އާސެނަލްއަށް 36 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށްވުރެ އިތުރަށް އެއްމެޗުކުޅެ ފަސް ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ވުލްވްސް އިން ލީގުގައި ކުޅުނު 16 މެޗުން ލިބުނު ދެ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.
ލީގުގައި އާސެނަލްއަށް ކުރިއަށް އޮތީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެވަޓަން އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ވުލްވްސް އިން ނުކުންނާނީ ބްރެންޓްފޯޑާއި ދެކޮޅަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ