ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތުގެ އިސް ކޮމާންޑަރު ރާއިދު ސާދު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެފި
އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ސިޓީއަށް ދިން ހަމަލާއެއްގައި ހަމާސްގެ އިސް ކޮމާންޑަރު ރާއިދު ސާދު, ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ. އިއްޔެ ދިން ހަމަލާގައި ފަސް މީހުން މަރުވެ 25 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްޙީ އިދާރާތަކުން ބުނެއެވެ. ނަމަވެސް ހަމާސްއިން ރާއިދު ސާދު ޝަހީދުވިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ހަމާސް އިން ބުނީ ޣައްޒާ ސިޓީގެ ބޭރުގައި ދުއްވާފައި ދިޔަ އާންމުންގެ އުޅަނދަކަށް އިސްރާއީލުން ހަމަލާ ދީފައިވާ ކަމަށެވެ. އަދި އެއީ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ. ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ ނަބުލްސީ ޖަންކްޝަންގައި އިސްރާއީލުގެ ޑްރޯނެއް އުޅަނދެއްގައި ޖެހި، އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފަލަސްތީނުގެ ވަފާ ނޫހުންވެސް ރިޕޯޓުކޮށްފައިވެއެވެ. އެ ހަމަލާއަކީ ހަމާސްގެ މެމްބަރު ޝަހީދުކޮށްލި ހަމަލާކަން ކަށަވަރެއް ނޫނެވެ. ޓެލެގްރާމްގައި އިސްރާއީލު ސިފައިން ކުރި ޕޯސްޓެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ދެ އަހަރަށް ވުރެ ގިނަ ދުވަހު ވަރަށް ބޮޑަށް ހީނަރުވެ ބަލިކަށިވެފައިވާ ހަމާސްގެ ގާބިލްކަން އަލުން ގާއިމް ކުރުމަށް ކޮމާންޑަރު ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އަދި އޭނާ އަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާތަކުގެ އެއް މޭސްތިރި ކަމަށްވެސް އިސްރާއީލުން ބުނެފައިވެއެވެ. ބަނޑުހައިހޫނުކަން އާންމުވެފައިވާ ޣައްޒާގެ ކުޑަކުދިންތަކެއް ކާނެ އެއްޗެއް ހޯދުމަށް ކިޔޫގައި ޖެހިގެން. ފޮޓޯ/އޭއެފްޕީ ސާދު ޝަހީދުކޮށްލާފައިވާނަމަ، އެއީ އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ޝަހީދުކޮށްލި, ހަމާސްގެ އެންމެ އިސް ފަރާތަށް ވާނެއެވެ. ހަމާސްގެ މަސްދަރުތަކުން ވަނީ އޭނާ އަކީ އިއްޒުއްދީން އަލް ހައްދާދަށް ފަހު އެ ޖަމާއަތުގެ ހަތިޔާރު އެޅި ގޮފީގެ ދެވަނަ ކޮމާންޑުގެ ގޮތުގައި ސިފަކޮށްފައެވެ. ސާދު ކުރިން ހުރީ ހަމާސްގެ ޣައްޒާ ސިޓީ ޔުނިޓްގެ އިސްވެރިއަކަށް ކަމަށާއި އެއީ އެ ޖަމާއަތުގެ އެންމެ ބޮޑު އަދި އެންމެ ރަނގަޅު އެއް ޔުނިޓް ކަމަށް އެ މަސްދަރުތަކުން ބުނެއެވެ. އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލަން އެއްބަސްވި ފަހުން އިސްރާއީލުން ކޮންމެ ދުވަހަކު ވެސް ޣައްޒާއަށް ހަމަލާދެމުން އަންނަ ކަމަށް ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެގޮތުން އެއްބަސްވުމާ ގާތްގަނޑަކަށް 800 ފަހަރު ޚިލާފުވެ، 386 މީހުން ވަނީ މަރާލާފައެވެ. އިސްރާއީލުން ދަނީ އެހީދޭ ޓްރަކްތަކުގެ ބޮޑު ބައެއް ޣައްޒާ ސަރަހައްދަށް ވަނުމަށް ހުރަސް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ މައްސަލަ ބޮޑުވެ، އދ ގެ ޖެނެރަލް އެސެމްބްލީން ހުކުރު ދުވަހު ވަނީ އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީތެރިކަމުގެ ފުރުސަތު ހުޅުވާލައި، ހަމަލާދޭ ވަސީލަތްތަކަށް ހުއްޓުވައި، ބައިނަލްއަގްވާމީ ގާނޫނުތަކަށް އަމަލުކުރުމަށް ގޮވާލާ ގަރާރަކަށް ތާއީދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ