އިންޑިގޯ އޮޕަރޭޝަންތަކުގެ 90 ޕަސަންޓް އާންމު ހާލަތަށް އައިސްފި
އިންޑިގޯގެ ފްލައިޓް އޮޕަރޭޝަންތަކުގެ ގާތްގަނޑަކަށް 90 ޕަސެންޓް އާންމު ހާލަތަށް އައިސްފައިވާ ކަމަށް ޔޫނިއަން މިނިސްޓަރު އޮފް ސްޓޭޓް ފޯ ސިވިލް އޭވިއޭޝަން މުރުލިދާރު މޮހޯލް އިއްޔެ ވިދާޅުވެއްޖެއެވެ. އޭނާ އެގޮތަށް ވިދާޅުވީ ފަރްގިސަން ކޮލެޖުގައި ބޭއްވި ޕޫނޭ ބުކް ފެސްޓިވަލް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. "ވައިގެ ޚިދުމަތްތައް މަޑުމަޑުން ފަށާނެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިރުޝާދުތަކެއް ނެރުއްވައި، އަދި އިންޑިގޯގެ ބަޔާނެއް ހޯދާފައި. ގާތްގަނޑަކަށް 90 ޕަސެންޓް ފްލައިޓް އޮޕަރޭޝަންތައް ވަނީ އާންމު ހާލަތަށް އައިސްފައި," މޮހޯލް ވިދާޅުވިއެވެ. މުވައްޒަފުން މަދުވެ، އިންޑިގޯއިން ވަނީ އެތައް ހާސް ފްލައިޓެއް ކެންސަލްކޮށްފައެވެ. އެންމެ ގިނައިން ފްލައިޓް ކެންސަލްކޮށްފައި ވަނީ މި މަހުގެ ފަސްވަނަ ދުވަހެވެ. ފްލައިޓް ކެންސަލްވުމުން ޕަސިންޖަރުން ވަރަނާސީގެ ލާލް ބަހާދުރު ޝާސްޓްރީ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑުކޮށްގެން. ފޮޓޯ/އޭއެފްޕީ ހަލަބޮލި ދުވަސްވަރަކަށް ފަހު އިންޑިގޯ އޮޕަރޭޝަންތައް މަޑުމަޑުން ހަމަޔަކަށް އެޅެމުން އަންނައިރު، އިއްޔެވެސް ވަނީ 2،050 އަށް ވުރެ ގިނަ ފްލައިޓް އޮޕަރޭޓް ކޮށްފައެވެ. އަދި އެ އެއާލައިންގެ އޮޕަރޭޝަނަލް ސްޓެބިލިޓީ ވިދިވިދިގެން ފަސް ދުވަހު ދަމަހައްޓާފައިވާ ކަމަށާއި، ފްލައިޓްތައް 138 މަންޒިލަކަށް ދަތުރުކުރާ ކަމަށް އިންޑިގޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ. ފްލައިޓްތައް ކެންސަލްވުމުން ޕަސިންޖަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން އިންޑިގޯއިން ވަނީ ރީފަންޑުވެސް ދީފައެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި ފްލައިޓް ކެންސަލްވެ، އެއާޕޯޓުތަކުގައި ތާށިވި ޕަސިންޖަރުންނަށް ޖުމްލަ 500 ކްރޯޑް ރުޕީސްއަށް ބޮޑު ބަދަލެއް ދޭނެ ކަމަށްވެސް އިންޑިގޯއިން ވަނީ ބުނެފައެވެ. އިންޑިގޯގެ ދަތުރުތައް މަދުވެފައިވަނީ، ޕައިލެޓުން އަރާމުކުރުމަށް އިތުރު ވަގުތު ދޭންޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން ގަވައިދަށް ގެނައި ބަދަލަށް އަމަލުކުރަން ފަށައި، ވަގުތު ޖެހުނުއިރު އިންޑިގޯއަށް ތައްޔާރު ނުވެވި, ޕައިލެޓުންގެ ދަތިކަން ބޮޑުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ