މަސްވެރި ސިނާއަތަށް އެންމެ ބޮޑަށް އިންވެސްޓްކުރީ މި ސަރުކާރުން

މިއިން ޒަމާނަކު މަސްވެރިކަމުގެ ސިނާޢަތަށް ސަރުކާރަކުން އިންވެސްޓް ނުކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮށްފައިވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޝިޔާމް ވިދާޅުވީ މި ސަރުކާރު ޙަވާލުވި އިރު މަސްވެރިކަމުގެ ސިނާޢަތް އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ ދުރު ވިސްނުމެއް މީގެ ކުރީ އެއްވެސް ސަރުކާރަކުން ގެންގުޅެފައި ނުވާކަމަށާ ހޯދާފައި ހުރީ ވަގުތީ ޙައްލު ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މަސްވެރި ސިނާއަތް ތަރައްގީކުރުމަށް ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. މީގެ ކުރީސަރުކާރުން ސިޔާސީ ބޭނުމަށްޓަކައި މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާ އަށް ބޮޑުކުރި ކަމަށާއި އެ އަގުގައި ބެހެއްޓިނަމަ ސަރުކާރުން މިފްކޯއަށް އަހަރަކު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހުނީސް ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން އަމިއްލަ ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ދިޔަ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރުން މަސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ޖުމްލަ ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން އެކިއެކި ވުޒާރާތަކާއި މިނިސްޓްރީގެ ޓީމުން ކުރި މަސައްކަތުން 4.5 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ފަށާފައިވާ ކަމަށާ އެ މަޝްރޫއުތައް ކުރިއަތް އޮތް 2 އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. މިއީ މިއިން ޒަމާނަކު މަސްވެރިކަމުގެ ސިނާޢަތަށް އެހެން އެއްވެސް ސަރުކާރަކުން އިންވެސްޓް ނުކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓްތަކެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.
މީގެ އިތުރަށް ވަޒީރު ވިދާޅުވީ މިފަސް އަހަރު ނިމޭއިރު ރާއްޖޭގައި އެއްފަހަރާ 25000 ޓަނު މަސް ރައްކާކުރެވޭނެ ގާބިލްކަން އިތުރުކުރެވިގެންދާނެ ކަމަށާ މިގޮތުން ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އަދި މި ފަސް އަހަރު ނިމިގެންދާއިރު މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ