މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހިއްކަން ފެށި ރަސްމާލޭގެ ބިން ހިއްކުން އެއްކޮށް ނިމޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިހާތަނަށް ދެއްވި އެއްވެސް ތާރީހަކަށް އެ މަސައްކަތް ނިމިފައި ނުވަނީސް، ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރަސްމާލެ ހިއްކާ ނިންމާނެ އައު ތާރީހު އިއުލާނު ކުރެއްވީ ވެރިކަންކުރާ ޕީއެންސީ އިން ރޭ ބޭއްވި އެއްވުމުގައި މުއިއްޒު ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.
ރޭ އެމަނިކުފާނު ރަސްމާލޭގެ ވާހަކަ ދެއްކެވީ މާލޭގެ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ މީހުންނަށް އެ ތަނުން ގޯތި ދޭން މި ފަހުން އިއުލާނުކުރި ވާހަކަ ތަކުރާރު ކުރެއްވުމަށްފަހު އެވެ.
"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑު އިހަށްދުވަހު މިއައީ ރަސްމާލެ ހިއްކާތަން ބަލާލަން ގޮސްފަ. ވަރަށް ބާރަށް އެކަން އެ ދަނީ. މި އަންނަ މަހު އިތުރު ޑްރެޖަރުތައް ގެނެވި، ތިންގުނައަށް ސްޕީޑު ބާރުވީމަ، އިރާދަކުރެއްވިއްޔާ ފަސް ވަރަކަށް މަސް ތެރޭގަ އެތަން އެއްކޮށް ހިއްކާ މި ނިމެނީ،" މުއިއްޒު ވިދާޅުވި އެވެ.
ޑިސެމްބަރު 18، 2023، ގައި މަސައްކަތް ފަށައި ޖުމްލަ އަށް މަހުން ހިއްކަން ބުނި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގައި ހިމެނެނީ ޖުމްލަ 1153 ހެކްޓަރުގެ ބިމެވެ. ވޭތުވެދިޔަ 22 މަސް ދުވަހުގެ ތެރެއިން ބޮޑު ބައެއް ވޭތުވީ ރަސްމާލެ ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުކޮށެވެ.
ރަސްމާލެ ހިއްކަން ފެށި ދުވަހު ވެސް މުއިއްޒު އެތަނަށް ވަޑައިގެންނެވި އެވެ. އެ ދުވަހު މުއިއްޒު ވިދާޅުވީ އަށް މަސް ދުވަހުން ރަސްމާލެ ހިއްކާ ނިމޭނެ ކަމަށެވެ. ނަމަވެސް، އެ ތާރީހު ޖެހެން މަހަކަށް ވެފައި ވަނިކޮށް، ޖުލައި 27، 2024، ގައި މުއިއްޒު ވަނީ އެކަމަށް އިތުރު އަށް މަސް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
ދެވަނަ އަށް ދެއްވި ތާރީހު ހަމަވީ މި އަހަރުގެ މާޗު 27، އަށެވެ. ނަމަވެސް، އެ ތާރީހުގެ ކުރިން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ރަސްމާލެ ހިއްކާ ނިންމޭނެ ކަމަށެވެ.
ސެންޓިނެލް-2 ސެޓެލައިޓުން އެންމެ ފަހުން ނަގާފައިވާ ފޮޓޯތަކުން އެނގޭ ގޮތުން، ރަސްމާލެއިން މިހާތަނަށް ހިއްކިފައިވަނީ 200 އެއްހާ ހެކްޓަރުގެ ބިމެވެ. އެއީ ފުރަތަމަ ހިއްކި ސައިޓު ޖޭ ގެ 29 ހެކްޓަރާއި ސައިޓު ސީގެ 63 ހެކްޓަރާއި ސައިޓު އެލް ގެ 115 އެއްހާ ހެކްޓަރެވެ. މި ބިންތައް އެއްކޮށްލުމުން މިހާތަނަށް ހިއްކުނީ ޖުމްލަ ބިމުގެ 18 ޕަސެންޓެވެ.
ސަރުކާރުން ރަސްމާލެ ހިއްކުން ފުރަތަމަ ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ އެވެ.
ރަސްމާލެ މަތިން ނޮވެމްބަރު 11، ގައި ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް --- ފޮޓޯ: ސެންޓިނެލް 2
ބިން ހިއްކުމުގެ ބަދަލުގައި ދިގު މުއްދަތަށް ބިންތަކެއް ލިބޭ ގޮތަށް ފެށި މަސައްކަތް ހުއްޓި ފުރަތަމަ ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އެއަށްފަހު މަސައްކަތް މަޑުޖެހި، އެއްބަސްވުން ބާތިލުކުރަން ނިންމީ ސަރުކާރުންނެވެ.
މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމަށް، އެޗްޑީސީ އިން ބޮޑު ލޯނެއް ނަގައިގެން ބިން ހިއްކުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އަދި ސީއެޗްއީސީ އާ އެވެ.
ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް ހިއްކާ ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި މި މަޝްރޫއަށް ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ނަމަވެސް ހިއްކުމަށްޓަކައި ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓު ދައްކަން އެމަނިކުފާނު ނިމިދިޔަ އޯގަސްޓު މަހުގެ ތެރޭގައި އެންގެވި އެވެ.
ރަސްމާލެ ހިއްކަން ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް 600 މިލިއަން ޑޮލަރުގެ ލޯނު ނަގަން ނިންމާފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ.
ރަސްމާލެ ހިއްކާ ސަރަހައްދަށް މުއިއްޒު މިއަދު ވަޑައިގެންނެވިއިރު، އެމަނިކުފާނު އިއްޔެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށާއި ރަށްވެހިންނަށް އެ 15،000 ގޯތި ދޭން ހުޅުވާލާނެ ކަމަށް އިއުލާނުކުރެއްވި އެވެ.
ރަސްމާލެ ހިއްކާ ނިންމަން އިތުރު ތާރީހެއް، މުއިއްޒު ވިދާޅުވީ ފަސް މަހުން ނިމޭނެ ކަމަށް ރަސްމާލެ ހިއްކާ ނިންމަން އިތުރު ތާރީހެއް، މުއިއްޒު ވިދާޅުވީ ފަސް މަހުން ނިމޭނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ