ފަރާ ޚާން 3 ކުދިންނާ އެކު ރާއްޖޭގައި
އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަދި ކޮރިއަގްރާފަރު ފަރާ ޚާން އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ފަރާ ވަނީ އޭނާގެ ތިން ކުދިންނާ އެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މީގެ އިތުރުން، އެ މީހުން ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގައި މަޑުކޮށްލައިގެން ތިބި ކޮޓަރީގެ ވީޑިއޯއެއް ވެސް ފަރާ ވަނީ ބެލުންތެރިންނާ ހިއްސާކޮށްފައެވެ. ފަރާގެ ތިން ކުދިންނާ އެކު ލޯންޗެއްގައި ދަތުރުކުރަމުން އަންނަ މަންޒަރުގެ ފޮޓޯއެއް ހިއްސާކުރަމުން ބުނެފައިވަނީ އެންމެ ފަހުން ރާއްޖެ އާދެވިއްޖެ ކަމަށެވެ. ފަރާގެ އާއިލާއިން ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ ކައިރީގައި އޮންނަ ލަގްޒަރީ ރިސޯޓު ކަމަށްވާ ނައުޓިކާ ރިސޯޓު މޯލްޑިވްސްގައެވެ. ބެލެވޭ ގޮތުގައި ފަރާގެ އާއިލާއިން ރާއްޖެއަށް އައިސްފައި ވަނީ އާ އަހަރު ފާހަގަ ކުރުމުގެ އިތުރުން ކްރިސްމަސް ޗުއްޓީއަށެވެ. ފަރާ ޚާންގެ އެއްމާބަނޑު ތިން ކުދިން ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ފަރާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައި--ފޮޓޯ/އިންސްޓަގްރާމް މި އަހަރުގެ ޖޫން މަހު ފަރާ ވަނީ އަޟްޙާ ޢީދު ކުޅިވަރުތައް ޕްރޮމޯޓު ކުރުމަށް ރާއްޖެއަށް ދަތުރެއް ކޮށްފައެވެ. އެ ދަތުރުގައި ފަރާ އައީ އޭނާގެ ކައްކާ ދިލިޕް އަދި ފަރާގެ ޓީމު ގޮވައިގެންނެވެ. ދިލިޕާ އެކު މިހާރު ޔޫޓިއުބް ޗެނަލްއެއް ވެސް ކާމިޔާބުކަމާ އެކު ހިންގަމުން އަންނަ ކުޅަދާނަ ޑައިރެކްޓަރު ޖޫން މަހު ކުރި ދަތުރުގައި ވަނީ އާއިލާއާ އެކު ރާއްޖެއަށް އަންނާނެކަމުގެ ޔަގީންކަން ދީފައެވެ. ދިލިޕް އިންޑިއާއިން ބޭރަށް ކުރި ފުރަތަމަ ދަތުރުގެ ވީޑިއޯތައް ފަރާ ވަނީ ފަހުން އަމިއްލަ ޔޫޓިއުބް މެދުވެރިކޮށް ބެލުންތެރިންނާ ހިއްސާކޮށްފައެވެ. ފަރާއަކީ ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް ލަވަ ކޮރިއަގްރާފްކޮށްދީފައިވާ މީހެކެވެ. އޭނާ ފިލްމު ޑައިރެކްޝަނަށް ނުކުތީ 2004 ވަނަ އަހަރު ޝާހްރުކް ޚާން ލީޑް ރޯލް ކުޅުނު ފިލްމު "މޭ ހޫ ނާ"އިންނެވެ. އޭގެފަހުން އޭނާ ގެނެސްދިން ފިލްމު "އޯމް ޝާންތީ އޯމް"ވީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކަށެވެ. ބޮލީވުޑްގެ އިތުރުން އިންޑިއާގެ މަޝްހޫރު ފަންނާނުންނާއި ޝަހްސިއްޔަތުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަރާ އަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އެންމެ ނުފޫޒުގަދަ އަންހެނުންގެތެރޭ ހިމެނޭ އެކަކެވެ. ހަމައެއާއެކު ފަރާ ފާހަގަ ކުރެވެނީ އެންމެނާ ވެސް ގުޅިގެން މަސައްކަތް ކުރުމަށް ލޯބިކުރާ ޝަހުސިއްޔަތެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ