އެކްސިޑެންޓެއްވެ ނޯރާގެ ބޮލަށް އަނިޔާވެއްޖެ, ޑޮކްޓަރުން އެންގީ އަރާމުކުރަން

ބޮލީވުޑްގެ ފިލްމުތަކުގެ އައިޓަމް ލަވަ ތަކުންނާއި އަދި ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ ދަތުރުކުރަމުންދިޔަ ކާރެއް އެކްސިޑެންޓްވެ ބަތަލާއަށް ފަރުވާދީފިއެވެ. އިންޑިއާގެ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން ނޯރާ އެކްސިޑެންޓްވީ މުމްބާއީގައި މިހާރު ކުރިއަށްދާ 'ސަންބާން ފެސްޓިވަލް'ގައި ޕާފޯމް ކުރަން ދިޔަ މަގުމަތީގައެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި ނޯރާ ދަތުރުކުރަމުންދިޔަ ކާރު އެކްސިޑެންޓްވީ މަސްތުވެގެންއިން މީހަކު ދުއްވި ކާރެއް އަމްބޯލީގެ ލިންކް ރޯޑުގައި ކޮންޓްރޯލުން ނެއްޓި ނޯރާގެ ކާރުގައި ޖެހުމުގެ ސަބަބުންނެވެ. މި ހާދިސާ ހިނގި ވަގުތު ނޯރާ އިނީ އޭނާ ދަތުރުކުރި ކާރުގެ ފަހަތު ސީޓުގައެވެ. އެކްސިޑެންޓާ ގުޅިގެން އޭނާއަށް ކުދި ޒަޚަމްތަކެއް ލިބިފައިވާއިރު ބަތަލާގެ ޓީމުން ވަނީ ނޯރާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ހޯދައިދީފައެވެ. ނޯރާ ދަތުރު ކުރަމުންދިޔަ ކާރު އެކްސިޑެންޓްވެފައި. މި އެކްސިޑެންޓުގައި ބަތަލާއަށް މާ ސީރިއަސް އަނިޔާތަކެއް ނުވޭ--ފޮޓޯ/ބޮލީވުޑްހަންގާމާ. އެކްސިޑެންޓް ހިނގި ވަގުތު ނޯރާގެ ބޯ ކާރުގެ ބިއްލޫރިގަނޑުގައި ޖެހުމުގެ ސަބަބުން ޑޮކްޓަރުން ލަފާ ދިނީ ނޯރާއަށް އަރާމު ކުރުމަށެވެ. އެހެންނަމަވެސް ނެށުމުގެ އިތުރުން ލަވަ ކިޔުމުގެ ދާއިރާގައި ވެސް މަސައްކަތް ކުރަމުން އަންނަ ނޯރާ ބޭނުންވީ އޭނާ ޕާފޯމްކުރަން އެއްބަސްވި ހުށަހެޅުން އާއްމުންނަށް ހުށަހަޅައިދިނުމަށެވެ. ނޯރާގެ ކާރަށް ބޮޑު ގެއްލުމެއް ލިބި ކާރުގެ ދޮރުފަތުގެ ބޮޑު ބައެއް ބަނޑިވެފައިވާ މަންޒަރު ފެންނަ ފޮޓޯޓަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އިންޑިއާގެ އެންމެ ހުނަރުވެރި އަންހެން ނެށުންތެރިންގެތެރޭ ހިމެނޭ ނޯރާއަށް ބޮޑު މަގުބޫލުކަމެއް ލިބުނީ ފިލްމު "ސަތްޔަމޭވް ޖަޔަތޭ"ގައި އޭނާ ހުށަހެޅި އައިޓަމް ލަވަ 'ދިލްބަރު' މި ލަވައިންނެވެ. އޭގެފަހުން ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކުގެ އައިޓަމް ލަވަތަކުން ނޯރާއަށް ފުރުސަތު ލިބުނުއިރު ބައެއް ފިލްމުތަކުގެ ސަޕޯޓިންގް ރޯލްތަކުން ވެސް ނޯރާއަށް ވަނީ ފުރުސަތު ލިބިފައެވެ. ނޯރާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރު ރިލީޒްކުރި ފިލްމު "ބީ ހެޕީ" އަދި "އުފް ޔޭ ސިޔާޕާ"ގެ ރޯލަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ