ބަންގުލާދޭޝްގެ ވެރި ރަށް ޑާކާގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގެ ސަލާމަތީ ކަންކަން ކަމަށް ނުރައްކާވާ ކަމަށް ތުހުމަތުކޮށް އިންޑިއާގައި ހުންނަވާ ބަންގުލާދޭޝްގެ ސަފީރު ހާޒިރުކޮށްފި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝްގެ ސަފީރު ރިއާޒް ހާމިދުالله ބުދަ ދުވަހު އިންޑިއާގެ ހާރިޖިއްޔާއަށް ހާޒިރުކޮށް ހަރުކަށި ބައެއް ޖަމާއަތްތަކުގެ އަމަލުތައް ހުންނަ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ [ބަންގުލާދޭޝްގެ] އިންތިގާލީ ސަރުކާރުން އެ ގައުމުގައި ހުންނަ [އިންޑިއާ]ގެ މިޝަންތަކާއި ޕޯސްޓްތަކުގެ ސަލާމަތާއި ރައްކާތެރިކަން އެ ގައުމުގެ ޑިޕްލޮމެޓިކް ޒިންމާތަކާ އެއްގޮތަށް ކަށަވަރު ކޮށްދޭނެ ކަމަށް،" އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އަނބުރާ ގައުމަށް ފޮނުވާލުމަށް ގޮވާލައި މުޒާހަރާގެ ބައިވެރިން ވަނީ އިންޑިއާ ހައިކޮމިޝަނާ ދިމާއަށް ދިއުމަށް މަސައްކަތްކޮށްފަ އެވެ. ދަރިވަރުންގެ ކުރިމަތިލުންތަކާ ކެެތް ނުކުރެވިގެން ހަސީނާ މިދިޔަ އަހަރު އިސްތިއުފާ ދެއްވުމަށް ފަހު ވަނީ ފިއްލަވައިގެން އިންޑިއާގެ ހިމާޔަތް ހޯއްދަވައިފަ އެވެ.
އިންޑިއާގެ ކަންބޮޑުވުމާ ގުޅިގެން ބަންގްލަދޭޝް އިން އަދި އެއްޗެއް ނުބުނެ އެވެ.
ބަންގްލަދޭޝްއިން ވަނީ ޑާކާގައި ހުންނަވާ އިންޑިއާގެ މަންދޫބު ހާޒިރުކޮށް ހަސީނާ އިންޑިއާގެ ފަސްގަނޑުގައި ހުންނަވައިގެން ބަންގުލާދޭޝްގައި ހަމަނުޖެހުންތައް ހިންގުމަށް ކުރައްވާ މަސައްކަތްތައް ކުށްވެރިކޮށްފަ އެވެ. އަދި ބަންގުލާޝް އިން ތުހުމަތު ކުރާ ގޮތުގައި ހަސީނާގެ އަމަލުފުޅުތަކަކީ "ކުރިއަށް އޮތް އިންތިހާބުތައް ބަލިކަށި ކުރުމަށް" ކުރައްވާ މަސައްކަތްޕުޅުތަކެކެވެ.
ހަސީނާގެ އިސްތިއުފާއަށް ފަހު ބަންގުލާދޭޝްގައި ބާއްވާ ފުރަތަމަ އާންމު އިންތިހާބު، އިންތިގާލީ ސަރުކާރުގެ ބެލުމުގެ ދަށުން އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ވަނީ އިއުލާންކޮށްފަ އެވެ.
އިންޑިއާ އިން ބުނީ ބަންގްލަދޭޝް އިން ދައްކާ ވާހަކަތައް ކަނޑައެޅިގެން ދޮގު ކުރާ ކަމަށެވެ.
ހަސީނާ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވި ފަހުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ބަންގުލާދޭޝް އިން ވަނީ ހަސީނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް އޭނާ އަނބުރާ ގައުމަށް ފޮނުވާލުމަށް ތަކުރާރުކޮށް އެދިފަ އެވެ.
މިދިޔަ މަހު ބަންގްލަދޭޝްގެ ކޯޓަކުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގެ ހުއްދަ ދެއްވި ކަމުގެ ކުށް ހަސީނާގެ މައްޗަށް ސާބިތުވެ އޭނާ އަށް މަރުގެ ހުކުމް އިއްވައިފަ އެވެ.
ނަމަވެސް އެ ތުހުމަތުތައް ދޮގު ކުރައްވައި ހަސީނާ ވިދާޅުވީ އިންތިގާލީ ސަރުކާރުން މަސައްކަތް ކުރަނީ ހަސީނާގެ ސިޔާސީ ޕާޓީ، އަވާމީ ލީގްގެ ދުވަސް ދުއްވާލަން ކަމަށެވެ.
ބަންގްލަދޭޝްގެ ނޭޝަނަލް ސިޓިޒަން ޕާޓީ (އެންސީޕީ)ގެ ލީޑަރު ހަސްނަތު އަބްދުالله ހޯމަ ދުވަހު ވިދާޅުވީ އިންޑިއާ އިން ބަންގުލާދޭޝްގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ ނަމަ، އެކަމާ ދެކޮޅަށް ތެދުވާނެ ކަމަށެވެ.
މަސްރަހު ހޫނުވެ، އިންޑިއާއިން ބަންގްލަދޭޝްގެ ސަފީރު ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ