ވާހަކަ އުފުލާ ފެރީއަކަށް ތިބާ ނުވާށެވެ!
މުޖުތަމަޢުގެ ހަމަޖެހުންގެއްލާ އެއް ކަމަކީ ބުންޏޭބުންޏޭ ކިޔައިގެން އެކެއްގެ ގަތުން އަނެކެއްގެ ގާތަށް ވާހަކައުފުލާ އުފުލުމެވެ. މިއީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވައިފައި އޮތް ކަމެކެވެ. އިސްލާމްދީނުގެ އަސާސީ މަޤްޞަދަކީ ހަމަޖެހުން ގެނައުމެވެ. ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމެވެ. މަޞްލަޙަތު ގެއްލޭ ކޮންމެ ކަމަކީ އިސްލާމްދީން އިންކާރުކުރާ ކަމެކެވެ. އެހެންކަމުން މުޖްތަމަޢު ފަސާކޮށްއުޅޭ ޒާތުގެ ވާހަކަ އުފުލާ ފެރީއަކަށް ތިބާ ނުވާށެވެ! މަސްލަހަތު ގެއްލޭފަދަ ވާހަކަ އުފުލުމަށް ޢަރަބި ބަހުގައި ކިޔަނީ "ނަމީމާއެވެ." މި ލަފުޒުން މުރާދުކުރަނީ މީސްތަކުންގެ މެދުގައި ފަސާދައާއި ނުބައި ކަންކަން ފެތުރުމަށް ޓަކައި އެއްބައެއްގެ ގާތުން އަނެއްބައެއްގެ ގާތަށް ވާހަކަ އުފުލުމެވެ. އެފަދަ މީހުންނަކީ ތަންތަނުން އިވޭ ނޭދެވޭ ވާހަކަތައް އެ ވާހަކައެއްގައި ހިމެނޭ މީހަކާ ހަމައަށް ނުވަތަ ބަޔަކާ ހަމައަށް ގެންގޮސް، އޭނާއަށް އިޚުލާޞްތެރިވާ މީހަކު ކަމުގައި ދެއްކުމަށް ޓަކައި އަޑުއެހި ވާހަކަތައް އޭނާއަށް ކިޔައިދޭ މީހާއެވެ. ދިވެހިބަހުން "ދެބައޮޑުވުން" ކިޔަނީ މި ޢަމަލަށެވެ. ނަމީމާ ނުވަތަ ދެބައޮޑުވުމަކީ ޙަރާމުކަމެކެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿... مَّشَّاءٍ بِنَمِيمٍ﴾ (القلم: ١١) މާނައީ: "... ދެބައޮޑުވަމުން ހިނގައިއުޅޭ މީހާއެވެ." މި އާޔަތުގެ ތަފްސީރުގައި ދެބައޮޑުވަމުން ހިނގައިއުޅޭ މީހާގެ މުރާދާ ބެހޭ ގޮތުން އަލްޙާފިޡް އިބްނު ކަޘީރު رحمه الله ލިޔުއްވައިފައި ވެއެވެ. "އެ މީހާއަކީ، ވާހަކަތައް ހިފައިގެން ފަސާދަ އުފައްދަމުން، މީސްތަކުންގެ މެދުގައި ދޭތެރެޖައްސަމުން ހިނގާ މީހާއެވެ." ދެބައޮޑުވުމުގެ ނުބައި ޢަމަލީ އޭނާ ސުވަރުގެއަށް ވަނުމުން މަޙުރޫމުކުރުވައިފާނޭ ޢަމަލެކެވެ. އެކަން ބަޔާންކުރައްވައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «لَا يَدْخُلُ الْجَنَّةَ نَمَّامٌ» [رواه مسلم في صحيحه برقم: 168 - (105)] މާނައީ: "ދެބައޮޑުވާ މީހާ ސުވަރުގެއަށް ނުވަންނާނެތެވެ." ވިސްނައިލާށެވެ! ނަމާދުކޮށް ރޯދަހިފާ އުޅޭ މީހުންގެ ތެރޭގައި ވެސް ދެބައޮޑުވެ މީހުންގެ ވާހަކަ ހިފައިގެން ހިނގާ މީހުން އުޅެއެވެ. އެފަދަ މީހުން އެކުޅަ ނަމާދަކުން ނުވަތަ ހިފި ރޯދައަކުން އޭނާއަށް އޮތީ ކޮން ފައިދާއެއްބާއެވެ؟ އޭނާ އެ ޢަމަލު ހުއްޓާނުލައިފި ނަމަ، ނަރަކައިގެ އަހުލުވެރިޔަކު ކަމުގައި އޭނާ ވުމަކީ ވަރަށް ގާތް ކަމެކެވެ. ތިބާއަށް އެފަދަ ކަމެއް ކުރެވެންޏާ އަވަހަށް ތައުބާވެ އެކަން އެކީއެކަށް ހުއްޓައިލާށެވެ! ސުވަރުގެއިން މަޙުރޫމުވުމާއި ނަރަކައިގެ އަޒާބަށް މީހާ ހުށަހެޅުމުގެ އިތުރަށް ދެބައޮޑުވާ މީހުންނަށް ކަށްވަޅުގައި ވެސް އަޒާބު ލިބުން ގާތްވެގެން ވެއެވެ. އެއްދުވަހަކު ދެ މަހާނައެއްގެ ކައިރިން ހިންގަވައިވަޑައިގެންނެވި ހިނދު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم، ޙަދީޘްކުރެއްވިއެވެ. «إِنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ، أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنَ البَوْلِ، وَأَمَّا الآخَرُ فَكَانَ يَمْشِي بِالنَّمِيمَةِ» [رواه البخاري في صحيحه برقم: (218)] މާނައީ: "ހަމަކަށަވަރުން އެ ދެ ޤަބުރުގައި އޮތް މީހުންނަށް އަޒާބު ދެވެމުން އެބަ ދެއެވެ. އެ ދެ މީހުންނަށް އަޒާބު ދެވެނީ (އެ ކަމަކުން ރައްކާތެރިވުން) މާ އުނދަގޫ ކަންކަމެއްގެ ސަބަބަކުން ނޫނެވެ. އޭގެ ތެރެއިން އެކަކީ ކުޑަކަމުދާތަކެތިން ރައްކާތެރިނުވި މީހެކެވެ. (އެބަހީ: އެ ނަޖިހުން ރައްކާތެރިވެ ހުރުމުގައި ފަރުވާކުޑަކޮށް އުޅުނު މީހެކެވެ.) އަދި އަނެކަކީ ދެބައޮޑުވަމުން ހިނގައި އުޅުނު މީހެކެވެ." ދެބައޮޑުވަމުން ހިނގާ އުޅޭ މީހުންނަށް މިފަދަ ވާހަކަތަކުން އިސްޒާރުކޮށް ތަންބީހުދިނުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ކުރަންވާނެ ކަމެކެވެ. އެފަދަ މީހުންނަށް އިޙުސާންތެރިކަމުގެ ލޮލަކުން ބަލާ އެއްވެސް މީހަކު އޭނާ އަޒާބުގެ ތެރެއަށް އެއްލައިލާކަށް ބޭނުމެއް ނުވާނެވެ. އެހެނަސް މިއަދު އަޅުގަނޑުމެންގެ ތެރޭގައި ގޯސް ކަންކަން ހުއްޓުވަން މަސައްކަތް ކުރުމަކީ ގިނަ މީހުންނަށް ކުރަން ކެރޭ ކަމެއް ނޫނެވެ. ނަސޭހަތުގެ ގޮތުން ބަހެއް ބުނާ މީހާ ވެސް ނުރައްކަލުގެ ތެރެއަށް ވެއްޓި ހިނގައިދާނެ ކަމުގެ ބިރު އޮންނާތީ ކަމަށް ވެސް ވެދާނެއެވެ. އާންމުކޮށް އެންމެންނަށް އިވޭހެން މުންކަރާތް މަނާކުރަން އުޅުމަކީ ކޮންމެ މީހަކު ކުރާންވީ ކަމެއް ވެސް ނޫނެވެ. އެހެނަސް ތިމާއާ ގާތް މީހުންގެ މެދުގައި މިކަން ކުރެވޭތޯ ކޮންމެ މީހަކު ވެސް ބަލަންވާނެއެވެ. އެންމެ ފުރަތަމަ އަމިއްލަ ނަފުސަށް ނަސޭހާތްތެރިވާށެވެ. ދެން ޢާއިލާގެ ތެރޭގައި އެކަން ކުރާށެވެ. އެއަށްފަހު ރައްޓެހިންގެ ތެރޭގައި މުންކަރާތެއް ހިނގާ ނަމަ އެކަން މަނާކުރުމުގެ އާދައެއް އަށަގަންނުވާށެވެ. ދެބައޮޑުވުން ފަދަ ނުރައްކާތެރި އިޖްތިމާޢީ ބަލިތަކަށް ފަރުވާ ނުކުރެވެންޏާ އޭގެ ޝިކާރައަކަށް ދެން ވާނެ މީހާކީ ތިމާ ކަމުގައި ވުމީ ދުރުކަމެއް ނޫނެވެ. އިމާމް އަލް ބައިހަޤީ ލިޔުއްވި "ޝުޢުބުލް އީމާނި"އެވެ ކިޔުނު ފޮތުގައި އަލްޚަލީލު ބުން އަޙްމަދު رحمه الله ވިދާޅުވިކަމަށް ލިޔުއްވައިފައި ވެއެވެ. "މީހުންގެ ވާހަކަ ހިފައިގެން ތިބާގެ ގާތަށް އަންނަ މީހާއާމެދު ބިރުވެތިވާށެވެ. އޭނާ ތިބާގެ ވާހަކަ ހިފައިގެން އެހެން މީހުންގެ ގާތަށް ވެސް ދާނެއެވެ." މިއީ އަޅުގަނޑުމެން ވަރަށް ފާރަވެރިވެގެން ވިސްނާން ޖެހޭނޭ ކަމެކެވެ. ދެބައޮޑުވާ މީހުން ގިނަފަހަރު އަޅުގަނޑުމެންގެ ގާތު އެހެން މީހެއްގެ ވާހަކަ ދައްކަނީ ހެޔޮ އެދިގެން ނޫންކަން ދަންނަން ވާނެއެވެ. އޭނާގެ މަޤްޞަދަކީ އެހެން މީހުންނޭ ކިޔައިގެން ޒާތްޒާތުގެ ވާހަކަ ތިބާގެ ދުލުން ނެރުމެވެ. ދެން އެ ވާހަކަ ހިފައިގެން އަނެކާގެ ގާތަށް ހިނގުމެވެ. ޔަޙްޔާ ބުން އަބީ ކަޘީރު رحمه الله ގެ ބަސްފުޅު ހަނދާންކޮށްލަމާހެވެ. އެކަލޭގެ ފާނު ވިދާޅުވީ "ސިޙުރުވެރިއަކަށް އެއް މަސްތެރޭ ފަސާދަ ނުކުރެވޭ ވަރަށް، ދެބައޮޑުވާ މީހާ އެއް ގަޑިއިރުތެރޭ ފަސާދަކޮށްފާނެއެވެ." މިފަދައިންނެވެ. [مختصر منهاج القاصدين للمقدسي (ص: 175)] ކިޔުންތެރިންނޭވެ! އެގިގެން ވެސް ނޭނގިގެން ވެސް ދެބައޮޑުނުވާށެވެ! ހެޔޮކަމެއް ކަމުގައި ދެކިގެން ވެސް ވާހަކަ އުފުލާ ފެރީއަކަށް ތިބާ ނުވާށެވެ! އޭގެ ފަހަތުގައި ތިބާއަށާއި އަނެކާއަށް އޮތް ނުރައްކާ ވަރަށް ބޮޑެވެ. ވެއްޓޭ ވަޅުގަނޑު ވަރަށް ފުނެވެ. ސަމާލުވާށެވެ! ދެބައޮޑުވުމާއި އެނޫން ވެސް އެފަދަ ހުތުރުކަން ބޮޑު އެންމެހާ ފާފަތަކުން ރައްކާތެރިވެ ތިބުމުގެ ތައުފީޤު މާތް الله އަޅަމެންނަށް މިންވަރުކޮށްދެއްވާނދޭވެ. އަޅަމެންގެ މުޖްތަމަޢު ފިތުނައިގެ އަލިފާނުން ސަލާމަތްކުރައްވާނދޭވެ. އާމީން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ