ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

26 ވަނަ ބަޔާ ގުޅޭ
"ޔެސް އިޒޫ؟" އިނގިލިތަކުގެ ކުރިން ނިތްކުރީގައި ފިރުމައިލަމުން ނަދާލް ގޮވައިލި އެވެ.
"ނެޑް؟ ހުރިހާ ކަމެއް ރަނގަޅުތަ؟ ނުސްމަންމަ ގުޅާފަ ލީންގެ ވާހަކަ ކިޔާދިނީމަ މި ގުޅާލީ.. އިޒް ޝީ އޯކޭ؟" އިޒްކާގެ ސުވާލުތައް ފުލުފުލުގައި އަމުނައިލި އެވެ.
"މިހާރަށް ރަނގަޅު. ޝީޒް.. އަމްމް.. ޝީ އިޒް ވިތް މީ.." ނަދާލް ބުނަން ނުބުނަން ހުރެފައި ކަހަލަ ގޮތަކަށް ބުންޏެވެ.
"ވަޓް؟ ތި އެޕަރޓްމެންޓްގަ؟ ނެޑް.. ލީންއަށް ގޯސްކޮށް ބުނާ ވާހަކައެއްނޫން މިއީ.. އެކަމަކު އިޒޫއަށް ހީވަނީ ތިއީ އެންމެ ރަނގަޅުގޮތެއް ނޫން ކަންނޭނގެ. އިޒޫ ހިތްހަމައެއް ނުޖެހޭ-"
"އިޒޫ ޕްލީޒް. އިޒޫ އެއްބަސް ނުވިޔަސް މިކަމުގަ އަހަރެން ކަންތައް ކުރާނެ ގޮތް އެނގޭނީ އަހަރެންނަށް. އައިލީންއަކީ އަދިވެސް މި އާއިލާގެ މެންބަރެއް. އެހެންވީމަ ގޮތެއް ފެންނަންދެން އައިލީން ހުންނާނީ އަހަރެންގާތު. ޑޫ ޔޫ ހޭވް އަ ޕްރޮބްލެމް ވިތް ދެޓް؟" އިޒްކާގެ ވާހަކަ މެދުކަނޑައިލަމުން ނަދާލް ހަރުކަށިކަމާއެކު ބުންޏެވެ.
"ނޯ.. ނޯ އޯކޭއި" ނަދާލްއާ ދެބަސްވާން ޖެހިދާނެކަމުގެ ބިރަށް އިޒްކާ ހަތިޔާރު ބެހެއްޓި އެވެ.
"އޯކޭއި. ސޯ.. ހައު ވޯޒް ޔޯ ޑޭ؟" ނަދާލްގެ ރާގު ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އިޒްކާގެ ދުވަސް ދިޔަގޮތުގެ ވާހަކަތައް އަޑުއަހަމުން ފަރާތްފަރާތަށް އެނބުރިލި ހިނދު ލޮލުގައި އަޅައިގަތް މަންޒަރުން އޭނާގެ ނިތަށް ރޫ ގިނަވެލި އެވެ.
"އިޒޫ އަހަރެން.. އަހަރެން ފަހުން ގުޅާލާނަން" ނަދާލް ފޯނު ކަނޑައިލުމަށްފަހު ދުރު ފިޔަވަޅުތަކެއްގައި ގޮސް އެޕަރޓްމެންޓުން ނުކުންނަން އުޅުނު އައިލީންގެ އަތުގައި ހިފައި ދަމައިގަތެވެ.
"ލޫނާ.. ލޫނާ ވެއިޓް.. ތި ކޮންކަމެއް؟" އެސްފިޔަ ޖަހާލާހާ މަދު ހިނދުކޮޅެއްގެ ތެރޭގައި ނަދާލް އައިލީންގެ އަތުގައި ހިފައި އެތެރެއަށް ދަމައިގަންނަމުން އެޕަރޓްމެންޓްގެ ދޮރު ލައްޕައި ތަޅުލި އެވެ.
"ނަދާލް ޕްލީޒް އަހަރެން ދޫކޮށްލާށޭ.. އަހަރެން ބޭނުމެއް ނޫނޭ މިތާ ހުންނާކަށް" އައިލީން އާދޭސްކުރި އެވެ.
"ލޫނާ ވަކި ކޮންތާކަށްތަ ދާނީ؟" އައިލީންގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ނަދާލް ބުންޏެވެ.
"ރަށަކަށްނު؟" އައިލީން މައުސޫމުކަމާއެކު ބުނެލި އެވެ. އެއާއެކު ނަދާލްގެ ހަރަކާތްތަކަށް މަޑުމޮޅިކަމެއް ވެރިވި އެވެ. އައިލީން ރަށަށް ފޮނުވައިލުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ސިކުނޑިން ބުންޏަސް އެ ހިޔާލުން އޭނާގެ ހިތަށް އުނދަގޫވި އެވެ.
"ވަ.. ވަޓް؟ ނޯ ޔޫ އަރ ނޮޓް" އައިލީން އޭނާއާ ދުރަށް ފޮނުވައިލާކަށް ނަދާލް އަދި ތައްޔާރެއް ނޫނެވެ.
"އެކަމަ-"
"އަހަރެން މި ބުނީނު ނުދެވޭނެއޭ. އަހަރެން ވިސްނަން ވަގުތަކޮޅެއް ދީ.." ނަދާލް ބުންޏެވެ. އެއަށްފަހު އެސްފިޔަ ޖަހާލާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނާ އެ އެޕަރޓްމެންޓުން ނުކުމެ ބޭރުން ދޮރު ތަޅުލި އެވެ.
ބަންދުވެފައިހުރި އައިލީން އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލެވުނެވެ. ނަދާލް މާ ކުއްލިއަކަށް އެ ދިޔައީ ކޮންތަނަކަށް ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އެހެނަސް ނަދާލް އައުމުގެ ކުރިން އެތަނުން ނުކުމެވޭނެ ގޮތެއް ހޯދޭތޯ އޭނާ މަސައްކަތް ކުރަން ފެށިއެވެ. ސިޓިންގްރޫމާއި ކޮޓަރިތެރެއާއި ފާހަނަ ހޯދި އިރުވެސް ފައި ޖެހޭ ހިސާބަކަށް ނުކުމެވޭނެ ފެންލައިޓެއްގެ ހިސާބުވެސް އޭނާއަކަށް ނުފެނުނެވެ. ހުރިހާ ކުޑަދޮރުތަކާއި ބެލްކަނިވެސް ހުރީ ސީދާ މަގުމައްޗަށް ވާ ގޮތަށެވެ. އެއިން ތަނަކުން ފުންމައިލާކަށް އައިލީންއަކަށް ލާހިކެއް ނޫނެވެ. އޭނާ މާޔޫސްވެފައިހުރެ އަނެއްކާވެސް ގޮސް ސިޓިންގްރޫމްގެ ސޯފާގައި އިށީނެވެ. މާ ގިނައިރެއްނުވެ ނަދާލްވެސް އަތުވެއްޖެ އެވެ. އޭނާގެ އަތުގައިހުރި ކޮތަޅުތައް ފެނި އައިލީންއަށް ނަދާލް ދިޔައީ ކާއެއްޗެހި ގަންނަންކަން އެނގުނެވެ.
"ބާރަ ގަޑިއިރު ވަނީއެއްނު އެއްޗެއް ނުކާތާ.. އާދޭ ކާން" ގޭގެ ދޮރު ތަޅުލުމަށްފަހު ތަޅުދަނޑި ނަދާލްގެ ޖީބަށްލި މަންޒަރު ފެނި އައިލީން ހިތާހިތުން ނަދާލްއަށް ކުދި ކިޔައިގަތެވެ. އެވަގުތު ނަދާލް އަނެއްކާވެސް އައިލީންއަށް ކާން ގޮވައިލި އެވެ.
"އަހަރެން ނުކާނަން. ކާހިތެއް ނެތް.. އަހަރެން ބޭނުމީ މިތަނުން ދާށޭ ބުނެފީމެއްނު" އައިލީން ގޮތްދޫކުރާކަށް ބޭނުމެއްނުވި އެވެ. އޭނާ ދެވަނަ ފަހަރަށް ނަދާލްއަށް އިތުބާރު ކުރާނޭކަމަށް ނަދާލް އެ ހީކުރާ ހީކުރުމަކީ ވަރަށްބޮޑު ކުށްހީއެކެވެ.
ނަދާލް އައިލީންއާ ޒުވާބުކުރާކަށް ނޫޅުނެވެ. ގެނައި ކާއެއްޗެހި ދެ ތައްޓަށް އަޅައިލުމަށްފަހު އައިލީންގެ އަތުގައި ހިފައިގެން ގެނެސް ކާމޭޒު ދޮށުގައި ބޭންދި އެވެ. އެވަރުންވެސް އައިލީން އެ ކާއެއްޗެއްސާ ދިމާލަށް ބަލައިލާކަށްވެސް ނޫޅުނެވެ. އޭނާގެ ހަރަކާތްތަކުގައި ވަނީ މަޖުބޫރު ކަމެވެ.
"މިހާރު އައިލީން ތި އިނީ އަހަރެންގެ ބެލުމުގެ ދަށުގަ. ނުކައި ހުއްޓާ ކަމެއް ވީމަ ދެރަވާނީ އަހަރެންނަށް. ޒިންމާވެސް ނަގަންޖެހޭނީ އަހަރެން" ނަދާލް ވިސްނައިދޭން މަސައްކަތްކުރި އެވެ.
"ކާކު ބުނެގެންތަ ނަދާލް އަހަރެންގެ ޒިންމާ ނަގަން ތި އުޅެނ؟ އަހަރެން މި ކިޔަނީ ދޯ އަހަރެން ދާން ދޫކޮށްލާށޭ" އައިލީން އަނެއްކާވެސް ހަނދާންކޮށްދިނެވެ. ނަދާލްއަށް ރައްދު ބަހެއް ބުނާނެ ފުރުސަތު ނުލިބެނީސް އިވުނީ އެޕަރޓްމެންޓްގެ ބެލް ރިންގުވި އަޑެވެ. ނަދާލް ޖެހިލުންވެފައިހުރެ ގޮސް ދޮރު ހުޅުވައިލީ އެއީ ނުސްރާ ކަމަށް ހީކުރަމުންނެވެ.
"މައި؟" ކުރިމަތީގައިހުރި މައިރާފެނި ނަދާލް ހައިރާންވެފައި ގޮވައިލި އެވެ. މައިރާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިއެއްކަމަކު ކާމޭޒުދޮށުގައި އިން އައިލީން ފެނި އެ ހިޔާލު ދޫކޮށްލަމުން، އައިލީން ގާތަށް ދިޔުމަށް އަވަސްވެގަތެވެ.
"އޯ. އެމް. ޖީ. ލީން.. އަރ ޔޫ އޯކޭ؟" މައިރާގެ ސުވާލަށް އާނއެކޭ ބުނުމުގެ ގޮތުން އައިލީން ބޯ ޖަހައިލި އެވެ. އެއާއެކު މައިރާ ހިތްވަރު ދިނުމުގެ ގޮތުން އައިލީންގެ ގައިގައި ބައްދައިލުމަށްފަހު މޭޒުގެ ކައިރިން ގޮނޑިއެއް ދަމައިލަމުން އިށީނެވެ.
"ރޭގަ މަންމަ ކުއްލިއަކަށް ގުޅާފަ ރޯން ފެށީމަ އަހަރެން ހުރީ ހަދާނެ ގޮތެއް ނޭނގިފަ. ހިއެއް ނުކުރަން ދޮންބެ.. ދެން އަޅާނުލާ.. ވަގުތުން ޕެކް ކޮށްލައިގެން ދިޔައީ އެއަރޕޯޓަށް. އެކަމަކު ކޭ.އެލްއިން މާލެއަށް ޑައިރެކްޓް ފްލައިޓެއް ނުލިބިގެން ބެލި އިރު އެންމެ އަވަހަށްވެސް އާދެވެން އޮތީ ތިން ގަޑިއިރުތެރޭ ސިންގަޕޯއިން ނައްޓާލަން އޮތް ފްލައިޓެއްގަ. ދެން ނަސީބަކުން ހަމަ އެ ވަގުތުން ވަގުތަށް ވަރަށް ފަސޭހައިން ސިންގަޕޯއަށް ފްލައިޓެއް ލިބިއްޖެ" މައިރާގެ ވާހަކަ ހުރިގޮތުން އޭނާ މާލެ އެ އައީ އަދި ކިރިޔާކަން އެނގޭހާވެ އެވެ. ދޮރުމަތީގައި ބަހައްޓާފައިހުރި މައިރާގެ ފޮށްޓަކީ އެކަމުގެ ހެއްކެކެވެ. ނަދާލް ވަގުތީގޮތުން އެ ފޮށި އެތެރެއަށް ވައްދައިލި އެވެ.
"ލީން.. ޔަގީންތަ އޯކޭ ކަން؟" މައިރާގެ އަޑުން އަދިވެސް ފާޅުވާންހުރީ ކަންބޮޑުވުމެވެ.
"މައި.. އަހަރެން ބޭނުމީ ދާން. ރަށަށް ދާން.." މައިރާގެ އޯގާތެރިކަން ލިބެން ފެށުމާއެކު އައިލީންއަށް ރޯން ފެށުނެވެ.
"ޝްޝްޝް.. އަހަރެންނަށް އެނގެޔޭ ލީން. އަސްލު ތެދަށް ބުނަންޏާ ޝޯން ދޫކޮށްލާފަ މާލެ އައުމަކީ ލީން ކުރި ވަރަށް މޮޔަކަމެއް.. އަދި އެޔަށްވުރެން މޮޔަކަމަކީ އަހަރެންގެ ދޮންބެއާ ކައިވެނިކުރުން" އައިލީންގެ އަތުގައި ހިފައިލައިގެން އިނދެ މައިރާ ވާހަކަދެއްކި އެވެ.
"އަހަރެން.. އަހަރެންނަށް އިތުރުގޮތެއް ނެތުނީއޭ މައި. މައިއަށް އެނގެއެއްނު އިވާންއާ ދޭތެރޭ ކަންތައްވި ގޮތް؟ ތެދަށް ބުނަންޏާ.. އަހަރެން އަސްލު ގަބޫލެއް ނުކުރަން އިވާން އެކަން ކުރި ކަމަކަށް. އިވާންއަކީ އެކަހަލަ މީހެއްނޫން.. އެކަމަކު މައި.. އަންހެނަކަށްވީތީ.. އަހަރެން މިއަދާ ހަމައަށްވެސް ފާޅުގަ އިވާންގެ ފަޅިއަކަށް ނާރަމޭ. އެކަމަކުވެސް.. އެކަމަކުވެސް މުޅި ރަށުގެ އަހަރުމެންގެ އާއިލާއޭ ކިޔައިގެން.. އަހަރެންނޭ ކިޔައިގެން.. މާމައޭ ކިޔައިގެން ދެއްކިހާ ވާހަކައެއް މައި އަކަށް ނޭނގޭނެ.. އަހަރެންނަށް ވަޒީފާގަވެސް ނޫޅެވުނު. މާމައަށްޓަކައި ކެތްކޮށްލައިގެން އުޅެނިކޮށް މާމަވެސް ހިތްދަތިވެގެން ނިޔާވީ"
އައިލީންގެ ވާހަކަތައް އިވި މައިރާއަށް ހިންދިރުވައިލެވުނެވެ. މި ހުރިހާކަމެއް ހިނގައިދިޔައީ އޭނާގެ ސަބަބުންނޭ ހީވާންފެށި އެވެ. ހިތާހިތުން އަމިއްލަ ނަފްސް ކުށްވެރި ކުރަމުންދިޔައެވެ. އޭރުވެސް އައިލީން ދިޔައީ ހުއްޓުމެއްނެތި އެ ވާހަކަތައް ކުރިއަށް ގެންދަމުންނެވެ.
"އެހިސާބުން އަހަރެންނަށް ކެތްނުވީ މައި.. ޝޯންގެ ލޯތްބާއި ހަމްގެ އެކުވެރިކަމާއެކުވެސް އަހަރެންނަށް ރަށުގަ އުޅެން އުނދަގޫވީ. ނުވިތާކަށް ޝޯން އުޅުނީ އަތޮޅު ކައުންސިލްގެ ބައި-އިލެކްޝަނަށް ލާން. އެދުވަސްކޮޅު އަހަރެން ޝޯންއާ ގުޅުނުނަމަ އެންމެންގެ ފާޑުކިޔުމާ ޝޯންވެސް ކުރިމަތިލާން ޖެހުނީސް. ޝޯންއަށް ތާއިދުވެސް ގެއްލުނީސް. އަހަރެން ބޭނުން ނުވީ އެކަމުގެ ސަބަބަކަށް އަހަރެން ވާން މައި. ޝޯން.. ޝޯން ހުރީ އަހަރެންނަށްޓަކައި ޝޯންގެ ކެރިއަރވެސް ހަލާކު ކޮށްލަން ތައްޔާރަށް. މިކޮޅުން މީހަކާ އިންނަންވެސް ފުރަތަމަ ނިންމީ އެހެންވެ ހީ ޑިޒަރވްސް ސޯ މަޗް ބެޓަރ ދޭން މީ މައި. ޝޯންދެކެ ލޯބިވާ.. ރަނގަޅުކުއްޖެއް ޝޯންއަށް ހައްގުވަނީ" އައިލީން އިރުއިރުކޮޅައި ދެލޯ ފޮހެލަމުން ރުއިން ހިންދައިލަ އެވެ. "އަހަރެން ބޭނުންވީ ވަޒީފާއެއް ހޯދައިގެން މިތާނގަ.. ޝޯންއާ ދުރުގައުޅެން. އެކަމަކު މިކަހަލަ ގާބިލު މީހުން ތިބި ތަނެއްގަ އަހަރެންކަހަލަ ކިޔަވާ ނުނިމޭ ކުއްޖަކަށް ވަޒީފާއެއް ލިބޭނީ ކިހިނެތް؟ ވަރަށް ބޯ ގޮވާފަ ހުއްޓާ މައިޝާންއާ ދިމާވީ.. ފުރަތަމަ ދިމާވެ ވާހަކަދެއްކިއިރު މައިޝާންއަކީ އެހާ ގޯސް މީހެއް ފާޑެއް ނުޖަހާ.. ވަރަށް ހިތްހެޔޮކޮށް އަހަރެންނާ ދޭތެރޭ ކަންތައް ކުރީ. އެއްވެސް ކަމަކަށް ދަތި ނުކޮށް.. އަހަރެން ބޭނުންވާ ހުރިހާކަމެއް މައިޝާން ފުރިހަމަ ކޮށްދިން. އަހަރެން-"
"ހުރިހާ ކަމެއް ކޮށްދިނީމަ އެއީ ރަނގަޅުވީތަ؟ އަނިޔާކޮށްގެން ނުވާނެއެއްނު. ކޮންއިރަކު އޭނަ ފުރަތަމަ ލީން ގައިގަ ޖެހީ؟ ލީން ކީއްވެތަ އަހަރެންގާތު ނުބުނީ؟" އައިލީންގެ ވާހަކަ މެދުކަނޑައިލަމުން މައިރާ ސުވާލުކުރި އެވެ.
"މައިޝާން އަހަރެންނަށް އަނިޔާކުރަން ފެށީ މަސައްކަތަށް ނުކުންނަން ފެށި ފަހުން.. ނޭނގެ ކީއްވެކަމެއް.. އަހަރެންނަށް ހީވަނީ އެ ސްޓްރެސް ކައިރީގަ އުޅޭ އެންމެ ވީކް މީހަކަށް ބާލަންވެގެން އަހަރެންނަށް ބޭލީއޭ" އައިލީން ބުންޏެވެ.
"އެހެނޭ ކިޔާފަ ލީން އެހާ ދުވަހު މައިޝާން ހިތުހުރިގޮތެއް ހަދަންދެން ދޫކޮށްލައިގެން އިނުމަކީ ގަބޫލުކުރެވޭވަރު ކަމެއް ނޫން. ދިސް އެންޑްސް ހިޔަރ. ލީން މައިޝާންގެ ކިބައިން ސަލާމަތްވޭ! މި ފެމިލީއިން އަބަދުވެސް ލީންއަށް އެހީވާނެ!" މައިރާ ޔަގީންކަން ދިނެވެ.
"އެކަމަކުވެސް އަހަރެން ނަދާލްގާތު ހުންނާކަށް ބޭނުމެއްނޫން މައި.. ދެން ބޭނުމީ ރަށަށްދާން. މިހާރު ހުރިހާކަމެއް ހުންނާނީ ހަމައަކަށް އެޅިފަ. ޕްލީޒް މައި.. އަހަރެން ރަށަށް ފޮނުވާދީ" އައިލީން އާދޭހުގެ ރާގެއްގައި ބުންޏެވެ.
މައިރާ ފުން ނޭވާއެއް ދޫކޮށްލަމުން ބެލްކަނީގައިހުރި ނަދާލްއަށް ބަލައިލި އެވެ. "އޯކޭ.. އަހަރެން އެބަ ދައްކާލަން ތި ވާހަކަ" އޭނާ އިންތަނުން ތެދުވެ ބެލްކަންޏަށް ހިނގައިގަތެވެ.
"ނެޑް.. ލީންއާ ވާހަކަދެއްކިންތަ؟ ލީން ބޭނުމީ ރަށަށް ދާށޯ" ކުއްލިއަކަށް މާ ގާތުން އިވުނު މައިރާގެ އަޑަށް ނަދާލް ދިޔައީ ސިއްސައިގެނެވެ. "ހްމްމް. އެނގޭ" އޭނާ ރެއިލިންގުން ދެއަތް ދޫކޮށްލުމަށްފަހު ލައިގެންހުރި ސޯޓުގެ ޖީބަށް ދެއަތް ޖަހައިލި އެވެ.
"ދެން ކޮންއިރަކުން އެކަން ހަމަޖައްސާނީ" މައިރާ ސުވާލުކޮށްލި އެވެ.
"ނޫޅެން ހަމަޖައްސާކަށް.. ލީންއަކަށް ނުދެވޭނެ. ލީން ހުންނާނީ މިކޮޅުގަ" ނަދާލް ހަމަޖެހިލާފައި ބުންޏެވެ.
"ވަޓް؟" މައިރާގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ.
"މައި.. ލީންއަކީ އަދިވެސް މައިޝާންގެ އަންހެނުން.. އެއީ އަދިވެސް މި އާއިލާގެ މެންބަރެއް" ނަދާލް ދެލޯ މަރައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން މައިރާއަށް އޭނާގެ ނިންމުމުގެ ސަބަބު ބުނެދޭން ފެށި އެވެ. ނަމަވެސް މައިރާ ހުރީ އެ ސަބަބުތައް ގަބޫލުކުރާކަހަލަ ގޮތަކަށް ނޫނެވެ.
"ނޮޓް ފޯ ލޯންގް. ދޭ ވިލް ޑިވޯސް!" މައިރާ ޔަގީންކަން ދިނެވެ. އޭނާ ހުރީ އެކަން ކުރުވަން ހިތުއަޅައިގެން ކަހަލަ އެވެ،
"އެކަމަކުވެސް އެ ދުވަހަކާ ޖެހެންދެން ލީން ހުންނާނީ މާލޭގަ!" ނަދާލް ފަހުބަސް އިއްވައިލި އެވެ.
"އެދުވަހަކާ ޖެހެންދެން ނުސްރާއްތަމެން ބަޔަށް ލީން ފޮނުވަންވީނު" މައިރާ ހިޔާލުދިނެވެ.
"އޭރުންވެސް މައިޝާންއަށް ލީންއާ ހިސާބަށް ދެވިދާނެތީ އަހަރެން ބިރުގަނޭ.. އަހަރެން ބޭނުންވަނީ މައިޝާންއަށް ދުވަހަކުވެސް އަތްނުލެވޭ ހިސާބުގަ ލީން ބަހައްޓަން.. މައިއަށް ރޭގަ ލީން ފެނުނު ނަމަ މައިއަށްވެސް މިހެން ފީލްވާނީ" ނަދާލް ބުންޏެވެ. ހަގީގަތަކީ ހިނގައިދިޔަ ހުރިހާ ކަމަކަށްފަހު އައިލީން އޭނާގެ ލޯމަތިން ގެއްލެން ނަދާލް ބޭނުން ނުވާ ކަމެވެ. ވަކިން ހާއްސަކޮށް އޭނާއާ މާ ދުރަށް އެހެން ރަށަކަށް އައިލީން ފޮނުވައިލާކަށް ނަދާލްގެ ހިތެއް ނޭދެ އެވެ.
"އޯކޭ.. އެހެންވިއްޔާ ނަޝްދޮންތިމެން ގެއަށް ލީން ފޮނުވާލަމާ" މައިރާ އަނެއްކާވެސް ހިޔާލު ހުށަހެޅި އެވެ.
"އެގޭގަ ލީން ދަންނަ މީހަކުވެސް ނޫޅޭނެ. ޝީ ވުޑުންޓް ފީލް ކޮމްފޯޓަބަލް" ނަދާލް ބުންޏެވެ.
"އެކަމަކު ލީން މިތާނގަވެސް ކޮމްފޯޓަބަލް ނޫންވީމަ ދޯ ދާން އެ ބުނަނީ.. އަހަރެންނަށް އެނގޭ ނެޑް ގޯހެއް ނުވާނެކަން އެކަމަކު ލީން ކިހިނެއް މިވަގުތު ފިރިހެނަކާއެކު ދިރިއުޅެން އިތުބާރު ކުރާނީ؟" މައިރާ ދެއްކި މުޅިއަކުން ގޯސް ވާހަކައެއް ނޫނެވެ.
"އަހަރެންނަކަށް ލީންގެ ކަންތަކު އިތުބާރު ކުރެވޭ އިތުރު މީހެއް ނެތް.. މައި ފިޔަވާ. މި ގޭގާ ކުއްޔަށްދީފަ ހުރިތަނުން އެޕަރޓްމެންޓެއް ހުސްވާހާ އަވަހަކަށް މައި ލީން ގޮވައިގެން އެ އެޕަރޓްމެންޓަށް ބަދަލުވިޔަސް އަހަރެންގެ މައްސަލައެއް ނެތް. ނޫނީ މައި ލީންއާއެކު އުޅެން މިތަން ދީފަ އަހަރެންނަށް ދުވަސްކޮޅަކަށް މަންމަމެން ބަޔަށް ބަދަލުވެވިދާނެ" ނަދާލް އެންމެފަހުން ހިތާ ދެކޮޅަށް އެއްބަސްވި އެވެ.
"ތިއީ ރަނގަޅު ގޮތެއް.. އެކަމަކު އަހަރެންނަކަށް ނެތޭ މިވަގުތު މަންމަ ދޫކޮށްލެވޭކަށް. ޝީ އިޒް ބްރޯކަން. ޝީ ނީޑްސް މީ. ނެޑްއަށް އެނގެއެއްނު އެންމެން ދޮންބެއާމެދު އުއްމީދު ކަނޑާލިއިރުވެސް މަންމަ އުއްމީދު ކަނޑައެއް ނުލާކަން. ދޮންބެއަކީ މަންމަގެ ބޮލުގެ ތާޖުކަމުގަ ހަދައިގެން މަންމަ އުޅުނީ.. ކުއްލިއަކަށް ދޮންބެގެ މިކަހަލަ އަނދިރި ފަރާތެއް ފެނުނީމަ މަންމައަށް އެހެރީ އެކަމުން ވަރަށް ބޮޑު ނަފްސާނީ އަސަރެއް ކޮށްފަ" މައިރާ ބުންޏެވެ.
"އެހެންވިއްޔާ މިކަމުގަ އިތުރުގޮތެއް ނެތް. ލީންއަށް ޖެހޭނީ އަހަރެންނަށް އިތުބާރުކުރަން. ޑޯންޓް ވޮރީ އަބައުޓް އިޓް މައި. މީގެ ކުރިންވެސް މި ފެމިލީގެ ހުރިހާ ކަންކަމެއް ހައްލުކުރަމުން މި އަންނަނީ އަހަރުމެން ދެމީހުންނެއްނު. ވީ ކޭން ޑޫ ދިސް. އޭޒް އަ ޓީމް. އޭޒް އޯލްވޭޒް. އައި ހޭވް ފެއިތް އިން އަސް" ނަދާލް ޔަގީންކަން ދޭ ފަދައަކުން މައިރާއަށް ހިނިތުންވެލި އެވެ.
"ދެން އިޒޫ؟ އިޒޫ އޯކޭވާނެތަ ނެޑް ލީންއާއެކު އުޅެން" މައިރާ އެއްސެވެ.
"މައިއަށް އެނގެއެއްނު އިޒޫގެ ގޮތް. ޝީ އިޒް އަ ނައިސް ގާރލް. އިޒޫ މިކަން ނަހަދާނެ މާބޮޑު އިޝޫއަކަށް" އިޒްކާ އެކަމާމެދު ކޮންމެ ގޮތަކަށް ދެކުނަސް ނަދާލްގެ ފަރުވާލެއް ނެތެވެ،
"ސޯ ދެޓް ވޯކްސް އައި ގެސް.." މައިރާ ދެކޮނޑު އަރުވައިލަމުން ރެއިލިންގައި ލެގިލި އެވެ. އެ ދެމެދަށް ވެރިވި ހިމޭންކަމުގެ ސުކޫތަށް ނިމުމެއް އައީ ނަދާލްގެ އަޑުންނެވެ.
"މައި؟" ނަދާލް ޖެހިލުންވެފައި ހުރެ ގޮވައިލި އެވެ. "ދެންމެ ދެއްކީމެއްނު ޝޯންއެއްގެ ވާހަކަ" މައިރާއާއި އައިލީންގެ ވާހަކަ ކޮންމެވެސް ވަރަކަށް އިވިފައިވާތީއާއެކު ނަދާލްގެ ހިތަށް އުނދަގޫ ކުރަމުންދިޔަ ސުވާލު މައިރާއާ ކުރުމަށް ތައްޔާރުވެލި އެވެ. އެހެނަސް އޭނާއަށް އެ ފުރުސަތު ނުލިބެނީސް މައިރާ އިސްވެ ހުރިހާ ވާހަކައެއް ކިޔައިދޭން ފެށި އެވެ.
"ހްމްމް. އެއީ ލީންމެން ރަށު ކުއްޖެއް. އިވާންގެ ބެސްޓްފްރެންޑް. ލީންދެކެ ޝޯން އެ ވާ ލޯތްބެއް މީހަކަށް ކިޔާދޭކަށްވެސް ނޭނގޭނެ. އަހަރެން އެރަށުގަ އުޅުނު އިރުވެސް އަބަދު ލޯބިން ލީންއަށް ސަމާސާ ކޮށްކޮށް ހުންނާނީ. އެކަމަކު ކަންތައްތައް ހިނގައިދިޔަ ގޮތުން ޝޯންގެ ހެވާއި ލާބައަށް ވިސްނާފަ ލީން ބޭނުން ނުވީ.. ޝޯންގެ ދިރިއުޅުމުގެ ހިއްސާއަކަށް ވާން.." މައިރާ ބުންޏެވެ. އެއަށްފަހު އޭނާ އަނެއްކާވެސް އަވަސްވެގަތީ އައިލީން ގާތަށް ދިޔުމަށެވެ. ކުރިންވެސް އިށީނދެ އިން ގޮނޑީގައި އިށީނދެލުމަށްފަހު އައިލީންގެ އަތުގައި ހިފައިލީ ދައްކަން އުޅޭ ވާހަކައިގެ ސަބަބުން އައިލީން ހިތްހަމަ ނުޖެހިދާނެކަމުގެ ބިރަށެވެ.
"ލީން.. އަހަރެންނާ ނެޑްއާ ވަރަށް ގިނަ ގޮތްގޮތަށް ވިސްނައިފިން. އަހަރުމެން ދެމީހުންނަށްވެސް ފެންނަނީ ލީން ދުވަސްކޮޅަކަށް މިތާ މަޑުކޮށްލަން" މައިރާ ބުނަން ނުބުނަން އިނދެފައި ބުނެލި އެވެ. އޭރު އައިލީން މައިރާގެ ވާހަކައަށް އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރަން ފަށައިފި އެވެ.
"ލީން އެއްވެސް ވަރަކަށް ހާސްވާކަށް ނުޖެހޭނެއޭ. ނެޑް އިޒް އަ ވެރީ ކައިންޑް ޖެންޓަލްމޭން.. ހީ ވިލް ޓޭކް ދަ ބެސްޓް ކެއަރ އޮފް ޔޫ.. އަހަރެންވެސް ގަވައިދުން އަންނާނަމޭ ލީންގެ ހާލު ބަލަން" މައިރާ މަސައްކަތްކުރީ އެގޮތް މިގޮތުން ވާހަކަ ދައްކައިގެން ނަމަވެސް އައިލީން އެއްބަސްކުރެވޭތޯ އެވެ. އެކަން އޭނާއަށް ކާމިޔާބުވި އެވެ. އެންމެފަހުން އައިލީން 'އެންމެ ރަނގަޅޭ' ބުނާ ފަދައަކުން ބޯ ޖަހައިލި އެވެ.
"އޯކޭ.. އެކަމަކު އަހަރެންގެ ބައެއް އެއްޗެހި ހުންނާނެ މަތީގަ.."
"އޯހް ވެއިޓް.. ނެޑް!" އައިލީން ބުނަން އުޅެނީ ކީކޭކަން އެނގުމާއެކު މައިރާ އަވަސް އަވަހަށް ނަދާލްއަށް ގޮވައިލި އެވެ. "ލީން ބޭނުންވާ ބައެއް އެއްޗެހި ބަލާ މައްޗަށް ދާން އެބަޖެހޭ. މިގަޑީގަ މައިޝާން އުޅޭތޯ ބަލައިލާފަ އަންނަންވީނު" އޭނާ ބުންޏެވެ.
ނަދާލް ވަކި އެއްޗެކޭ ނުބުނެ ޖީބުން ނެގި ތަޅުދަނޑިން ދޮރު ހުޅުވައިލުމަށްފަހު ނުކުތެވެ. މިނެޓެއްވެސް ނުވަނީސް އޭނާ އަނެއްކާވެސް އެތަނަށް އެނބުރި އަތުވެއްޖެ އެވެ. "މައިޝާން ނޫޅޭ. ދޮރުވެސް ހުޅުވާފަ ހުރީ" އޭނާ ބުންޏެވެ.
"ޕާފެކްޓް.. ހިނގާ ދޯ. އަހަރެންވެސް ދާނަން. ނެޑް.. އަހަރެންގެ ލަގެޖް މައްޗަށް ގެނެސްދެއްޗޭ" މައިރާ އައިލީންގެ އަތުގައި ހިފާލައިގެން ހުރެ ގޮނޑިން ތެދުވި އެވެ.
**************
އެރޭގެ ހާދިސާއަށް ދެތިން ދުވަސް ފާއިތުވެ ދިޔައިރު އެކަކަށްވެސް މައިޝާންގެ ހަބަރެއް ނުވެއެވެ. މައިޝާން ދިޔައީ ވަރަފަޅައިފަ މައްޗަށް ކަމެއް ނުވަތަ ބިންފަޅައިފަ އަޑިއަށް ކަމެއްވެސް ދަންނަ މީހަކު ހަމަ ނެތީ އެވެ. ގެ ހުންނަ މަގުންވެސް ފެނި ނުލާ ތަނުގައި އޮފީހަކަށްވެސް ނާދެއެވެ. އޭނާގެ ހުރިހާ މަސައްކަތަކާ ވަގުތީގޮތުން ހަވާލުވީ މާޖިދެވެ.
"ނުސް؟ ކޮން ހިޔާލަކަށް ގެއްލިފަ؟" މާޖިދު ނިދަން ތައްޔާރުވެލައިގެން އައިސް އެނދުގައި އިށީނދެލަމުން ރީތިވާ މޭޒުދޮށުގައި ފުނާއަޅަން އިން ނުސްރާއާ ސުވާލުކޮށްލި އެވެ.
"މި ވިސްނަނީ ނަދާލްގެ ކަންތައްތައް ހުރިގޮތާ ދޭތެރޭ" ނުސްރާ ފުނާ ބާއްވައިލުމަށްފަހު އައިސް މާޖިދުގާތު އެނދުގައި އިށީނެވެ. "މާޖިދު.. އަހަރެންނަށް އެނގޭ ނަދާލްއަކީ އަބަދުވެސް އެހެން މީހުންނާ ދޭތެރޭ ވިސްނާ.. ރަހުމުކުރާ.. ރަނގަޅު ކުއްޖެއްކަން. އާއިލާގެ ކޮންމެ މީހަކަށް ކަމެއް ދިމާވިޔަސް އެއީ އަމިއްލަ ކަމެއްގެ ގޮތުގަ ދެކިގެން އެކަމެއް ހައްލުކުރަން އުޅޭ ކުއްޖެއްކަން. އެކަމަކު މިފަހަރު ނަދާލް އެ ކަންތައް ކުރަނީ ރަނގަޅަށްހެން މާޖިދަށް ހިވޭތަ؟" ނުސްރާ އަހައިލި އެވެ.
"ނުސްއަށްވެސް ފާހަގަވެއްޖެ ދޯ ނަދާލް މި ކޭސްއާ ތަންކޮޅެއް ބޮޑަށް އެޓޭޗްޑްކަން. މި ތިން ދުވަހު އޮފީހަކަށްވެސް ނުދޭ. ނުސްއަށް ފެނުނެއްނު އެރޭވެސް ނަދާލްއަށް ވެފަ ހުރިވަރު. އަހަރެންނަށްވެސް ކަންތައް މި ހިނގާގޮތް މާ ކަމަކު ނުދޭ" މާޖިދުގެ ވާހަކަ ހުރިގޮތުން އޭނާވެސް އެކަންތަކާމެދު ފިކުރު ކުރަމުންދާކަން އެނގޭހާވެ އެވެ.
"އާން. ފާހަގަ ނުވާ ވަރެއްތަ؟ ކުރިން ދުވާލަކު ދެތިން ފަހަރު މިބަޔަށް ބޯ ދިއްކޮށްލާނެ. މިހާރު އެކުއްޖާ އެ އެޕަރޓްމެންޓަށް ގެންގޮސް ތަޅުލި ގޮތަށް ނަދާލްވެސް އޭނައާއެކު އެތާ ބަންދުވެގަނެގެން އެ އުޅެނީ" ނުސްރާ ބުންޏެވެ. "އަހަރެން ވަރަށް އެބަ ކަންބޮޑުވޭ.. އަހަރެން ނުބުނަން އެކުއްޖާ ދެން މާ ގިނަ ދުވަހަކު މައިޝާންގެ އަނތްބެއް ގޮތުގަ އިންނާނެއެކޭ. އެކަމަކު ކޮންމެ ގޮތެއްވިޔަސް އަދި އެއީ ހަމަ މައިޝާންގެ އަންހެނުން ދޯ؟ އެއްކޮޅުން އެ ކުއްޖާއަކީ ފަތްމިންޏެއްހާ ރީތި ކުއްޖެއް. އަނެއްކޮޅުން ނަދާލްއަކީ ޒުވާން ފިރިހެންކުއްޖެއް. ނަދާލްގެ އޯގާތެރިކަމުން އައިލީންއަށް ގޯސް މާނައެއް ނެގިއްޖެއްޔާ.. އެދެމެދުގަ ހިނގަން ނުވާވަރުގެ ކަމެއް ހިނގައިފިއްޔާ.. ދެން އިޒޫ-"
"ނުސް.. އޭތް.. ހަމަ ޖެހިބަލަ" ނުސްރާގެ އަތުގައި ހިފައިލަމުން މާޖިދު ބުންޏެވެ. "އަހަރުމެންގެ ނަދާލްއަށް އަހަރެން އިތުބާރުކުރަން. އިޒޫއާ ކައިވެނުކުރަން ތައްޔާރުވެފަ އޮއްވައި ނަދާލް ތި ބުނާހާ ދަށުދަރަޖައަކަށް ވެއްޓޭނެއޭ އަހަރެންގެ ހިތެއް ނުބުނޭ. އެކަމަކު ނަދާލް މިހާރު އޮފީހާ ވަރަށް ދުރުވެއްޖެ. އެކަން އެހެން ވިޔަކަ ނުދޭނަން. އަހަރެން މި މެސެޖުކޮށްލަނީ މާދަމާ އޮފީހަށް އަންނަންޖެހޭނެ ވާހަކަ" އޭނާ ފޯނު ނަގައި ނަދާލްއަށް މެސެޖެއް ކޮށްލި އެވެ.
"ނުސް. ދެން އެހާވަރަށް ނުވިސްނަބަލަ. ހިނގާ ނިދަން. އަހަރެން ވަގުތެއް ހޯދާލައިގެން ނަދާލްއާ ވާހަކަ ދައްކާނަމޭ. އެންމެ ރަނގަޅެއްނު؟" މާޖިދުގެ ސުވާލަށް ނުސްރާ ބޯ ޖަހައިލުމާއެކު އޭނާ ނުސްރާއަށް ބަލައިލަމުން ހިނިތުންވެލި އެވެ. އަދި އެނދުގެ ހެޑްބޯޑުގައި ހަރުކުރެވިފައިވާ ނިދާބޮކީގެ އަލި ފަނޑުކޮށްލި އެވެ.
************
އެހެން ގިނަ ރޭރެއެކޭ އެއްފަދައިން މިރޭވެސް އައިލީންގެ ދެލޮލާއި ނިދި ވަނީ ބީރައްޓެހި އެއްޗަކަށް ވެފަ އެވެ. ފަތިސް ނަމާދަށް ގޮވަންދެން އެކި ފިކުރުތަކުގައި އޮތުމަށްފަހު ނަމާދުކޮށްނިމި، ކުޑަގޮތަކަށް ތައްޔާރުވެލައިގެން އޭނާ ކޮޓަރިން ނުކުތެވެ. ލުއި ފިޔަވަޅުތަކެއްގައި ގޮސް ސޯފާގައި ނިދާފައި އޮތް ނަދާލްގެ ގާތަށް ހުއްޓިލި އެވެ. ގޭގެ ތަޅުދަނޑި ވާނީ ނަދާލްގެ ޖީބުގައިކަން އެނގުމާއެކު އޭނާ އެ ތަޅުދަނޑި ނެގުމަށްޓަކައި ނަދާލްއާ ގާތަށް ޖެހިލި އެވެ. ހީކުރި ވަރަށްވުރެ ފަސޭހަކަމާއެކު އެކަން ކާމިޔާބު ވުމުން އައިލީން ބޭނުންވީ ނަދާލް ހޭލުމުގެ ކުރިން، ވީހާވެސް އަވަހަކަށް އެ ގެއިން ނުކުންނާށެވެ. ނަމަވެސް ނިދިފައިވާ ނަދާލްގެ ހިތްގައިމު މޫނަށް ގެއްލިފައި އޭނާއަށް އިރުކޮޅަކު މަޑުކޮށްލެވުނެވެ. ތަރުތީބު ގެއްލިފައިވާ ނަދާލްގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލައި ރަނގަޅު ކޮށްލައިދޭން ބޭނުންވި އެވެ. އާނއެކެވެ. ނަދާލް ފެނުމުން އަދިވެސް އޭނާގެ ހިތާއި ހިޔާލުތައް ކޮންޓުރޯލު ކުރަން އައިލީންއަށް އުނދަގޫވެ އެވެ.
ހިތުގެ ގޮވައިލުމަށް އިޖާބަދެވުމުގެ ކުރިން އޭނާ އެތަނުން ދުރަށް ހިނގައިގަތެވެ. އެޕަރޓްމެންޓްގެ ދޮރާ އަރައި ހަމަވި ހިނދު އޭނާގެ ހަރަކާތްތަށް ހުއްޓުނީ ކުއްލިއަކަށް ފަހަތުން ނަދާލްގެ އަޑު އިވުމުންނެވެ.
"ގޯޝް.. ލޫނާ. ޖަސްޓް ގިވް އަޕް" އައިލީން މަޑުމަޑުން ފަސްއެނބުރި ބަލައިލިއިރު ނަދާލް އިނީ ނިދިން ތެދުވެ ސޯފާގައި އިށީނދެލައިގެނެވެ. އޭނާ އާފުރިލުމަށްފަހު އިސްތަށިގަނޑުގައި ތަރުތީބު ކޮށްލަމުން އައިސް އައިލީންގެ ގާތަށް ހުއްޓިލި އެވެ. އަދި ދޮރުފަތުގައި ލެގިލުމަށްފަހު ދެއަތް މޭމަތިން ހުރަސްކޮށްލަމުން އައިލީންއާ ދިމާލަށް ބަލަންހުރެ އެއްބުމަ ހިއްލައިލި އެވެ. ނިދި މޮޅިކަންމަތީގައިވެސް ނަދާލްގެ އަދާތަކުގައި ހުރި ލޯބިކަން ފެނި އައިލީންއަށް ކުރެވުނީ އެންމެ ފުރަތަމަ އޭނާ ނަދާލްއަށް ހިތް ކީއިރު ކުރެވުނު ފަދަ އިހުސާސެކެވެ. އެހެނަސް އެކަން އައިލީންގެ ބަހާއި އަމަލުން ދައްކާކަށް ނޫޅުނެވެ.
"ނަދާލްއަށް ތިހެން އަބަދަކު އަހަރެން ކިޑްނެޕް ކޮށްގެނެއް ނޫޅެވޭނެ!" ނަދާލްއެކޭ އެއްފަދައިން އައިލީންވެސް ދެއަތް މޭމަތިން ހުރަސްކޮށްލި އެވެ.
"ހެހެ. ކިޑްނެޕް އޭ؟ ދެޓްސް އަ ސްޓްރޯންގް ވޯޑް ލޫނާ" ނަދާލް ލުއި ގޮތަކަށް ހިނިތުންވެލި އެވެ.
"ދެން އިތުރު ކޮންކަމެއް؟ އަހަރެންގެ ނުރުހުމުގަ އަހަރެން މިތާ ބަންދުކޮށްގެން ތި އުޅެނީ. ދެޓްސް ދަ ޓެކްސްޓްބުކް ޑެފިނިޝަން އޮފް ކިޑްނެޕިން" އައިލީން ބުންޏެވެ.
"ވަޓެވަރ.. ކީޒް" ނަދާލް އަތް ދިއްކޮށްލީ ތަޅުދަނޑި ދޭށޭ ބުނާ ފަދައަކުންނެވެ. އައިލީން ގޮތް ހުސްވި ފަދައަކުން ފުންނޭވާއެއް ދޫކޮށްލި އެވެ. އަދި ނަދާލްގެ އަތަށް ތަޅުދަނޑި ލައި ދިނެވެ. ނަދާލްގެ ހޭވެރިކަން ހުއްޓައި އެތަނުން 'ސަލާމަތްވެގެން' ދިޔުމަކީ ނުވާނެ ކަމެއްކަން އައިލީންއަށް ވިސްނެ އެވެ. އޭނާ އެކަމަށްޓަކައި މަސައްކަތްކުރީ ކިތައް ފަހަރު ހެއްޔެވެ؟ ކޮންމެ ފަހަރަކުވެސް ކުރި ލިބެނީ ހަމަ ނަދާލްއަށެވެ.
"އަހަރެން މިއީ މާ ނިދިގަދަ މީހެއް ނޫނޭ. ލޫނާ އަހަރެން ގައިގަ އަތްލާއިރު އަހަރެންނަށް ނޭނގި ހުންނާނެތަ؟" ނަދާލް އަލުންގޮސް ސޯފާގައި އިށީނެވެ. އޮށޯތުމުގެ ކުރިން ފޯނު ބަލައިލި ހިނދު މާޖިދުގެ މެސެޖުފެނި އޭނާގެ ބުމަ ގޮށްޖެހުނެވެ. އެ މެސެޖުގައި ވަނީ އޭނާ މިއަދު ކޮންމެހެންވެސް އޮފީހަށްދާން އަމުރުކޮށްފަ އެވެ. ނަދާލް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލި އެވެ. ބާކީ ދެތިން ގަޑިއިރުވެސް ނިދާލެވެން ނެތްކަން އެނގުމާއެކު ނިދުމުގެ ހިޔާލު ދޫކޮށްލުމަށްފަހު ޓީވީ ހުޅުވައިލީ ހޭލައި އިނުމަށް ބަލާނޭ ރަނގަޅު ފިލުމެއް ހޯދައިލުމަށެވެ.
"ލޫނާ.. މިތާ އިށީނދެބަލަ ފިލްމު ބަލަން" ނަދާލްގެ ދައުވަތު ގަބޫލުކޮށް އައިލީންވެސް ނަދާލްއާ ޖެހިގެން ކަހަލަ ގޮތަކަށް ސޯފާގައި އިށީނެވެ. ނަމަވެސް އެއިން އެކެއްގެ ސަމާލުކަންވެސް ފިލްމަށް ދެވިފައި ވާހެނެއް ހިއެއްނުވެ އެވެ. އައިލީންގެ ސިކުނޑި މަސްއޫލުވެފައިވަނީ އެ ގެއިން ނުކުމެވޭނެ ގޮތެއް ވިސްނުމުގަ އެވެ. އަދި ނަދާލްގެ ސިކުނޑިއަށް އުނދަގޫކުރަމުން ދިޔައީ އެދުވަހު އޮފީހަށް ދާންޖެހޭކަމުގެ ހިޔާލެވެ. އައިލީން އެކަނި ދޫކޮށްލާފައި ދާން ބޭނުން ނުވިޔަސް އޭނާއަކަށް އަބަދަކު އެހެން ގޭގައި ހުރެ މަސައްކަތް ކޮށްލައިގެން ފަރު ޖެއްސޭކަށް ނެތެވެ. އެ ދުވަސްކޮޅަކީ އޭނާގެ ހާޒިރީ އޮފީހަށް މުހިއްމު ދުވަސްކޮޅެކެވެ. އޭނާ ކަންބޮޑުވެފައިހުރެ އައިލީންއަށް ބަލައިލި އެވެ. ފިލްމުގެ މެދުތެރެއާ ހިސާބުން އައިލީންއަށް ވަނީ ނިދިފަ އެވެ. ނަދާލް އައިލީން ސޯފާގައި ރީތިކޮށް ބާއްވައިލުމަށްފަހު ކޮފީމޭޒު މަތީގައި ބޭއްވި ތަޅުދަނޑި ހިފައިގެން ކޮޓަރިއަށް ވަނެވެ.
ނަދާލް ކޮޓަރިއަށް ވަތްކަން ޔަގީންވުމާއެކު އައިލީން ލަސްތަކެއްނުވެ ދެލޯ ހުޅުވައިލި އެވެ. އޭނާ އިންތިޒާރު ކުރަމުންދިޔަ ވަގުތު އައިސް ޖެހުނީ އެވެ. ސިކުނޑީގައިވާ ރޭވުމާ އެއްގޮތަށް މަސައްކަތްކުރުމަށްޓަކައި އައިލީން ލުއި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރީގެ ދޮރުހުޅުވައިލި އެވެ. އަދި ނަދާލް އުޅެނީ ފާހަނައިގައިކަން ޔަގީން ކުރުމަށްފަހު ކޮޓަރީގެ ތެރެއަށް ދެމިގަތެވެ.
ބާތުރޯބު ގަޔަށް މަހައިލަމުން ފާހަނައިން ނުކުތްވަގުތު ކޮޓަރިތެރެ އޮތްގޮތް ފެނި ލިބުނު ސިހުމުގައި ނަދާލްގެ ފައި ކައްސާލައިގެން ނުވެއްޓުނީ ހަމަ ކިރިޔާ އެވެ. އަލަމާރީގައި އަޅުވާފައިހުރި ގަމީސްތަކާއި އެނދުގެ ދެފަރާތުގައި ބަހައްޓާފައިހުރި ހުރިހާ މޭޒު ތެރޭގައިހުރި ހުރިހާ އެއްޗެއް މިހާރު ހުރީ ބިންމަތީގަ އެވެ. އަލަމާރި ކައިރީގައި ބަހައްޓާފައިހުރި ގޮނޑި ފެނުމާއެކު ނަދާލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އަލަމާރި މަތީގައި އަތް ހިންގައިލި އެވެ. އެތަނުގައި އޭނާ ބޭއްވި ތަޅުދަނޑި ނެތްކަން އެނގުމުން ދެން ދުއްވައިގަތީ ކޮޓަރިން ބޭރަށެވެ. އޭރު އައިލީން އަނެއްކާވެސް ބޭރަށް ނުކުންނަށް މަސައްކަތް ކުރަނީ އެވެ. ނަދާލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
"އަހަރެން ނުދެވޭނެއޭ ބުނީމަ އަޑެއް ނީވޭތަ؟ އަހަރެން މިހެން މި ބުނަނީ ލޫނާއަށް ރަނގަޅަކަށޭ. ލޫނާ ކީއްވެތަ މިކަން އިތުރަށް އުނދަގޫކުރަން ތި އުޅެނީ؟" އައިލީންގެ މަސައްކަތަށް ހުރަސްއަޅަމުން ނަދާލް ތަޅުދަނޑި އަތުލި އެވެ. އައިލީން ޖަދަލު ކުރުމުގެ ނިޔަތުގައި އަނގަ ހުޅުވައިލި ނަމަވެސް ނަދާލް އެ ފުރުސަތެއް ނުދިނެވެ. "ނޯ މިކަން މިހެނެއް ނުވާނެ" އޭނާ ބުންޏެވެ. ދެން ފެނުނީ އައިލީން ކޮނޑުމައްޗަށް ލައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތް ތަނެވެ.
އައިލީން ހުއްޓާނުލައި ލެވި ހަޅޭއްކަށް ނަދާލް ދިނީ ބީރު ކަންފަތެކެވެ. އެންމެ ފަހުން އައިލީން އެނދުގައި ބޭންދުމަށްފަހު ބިންމަތިން އޮފީސް ޓައިތަކެއް ހިފައިގެން އައިސް އައިލީންގެ ދެއަތް ވަކި ވަކިން އެނދާލައި އައްސަން ފެށްޓެވެ.
"ނަދާލް ޔޫ ކާންޓް ބީ ސީރިއަސް. ޔޫ ކާންޓް ޑޫ ދިސް!" އައިލީންއަށް ބުނެވުނެވެ.
"އައި ކޭން އެންޑް އައި ވިލް" ނަދާލްގެ ރައްދު އިވި އައިލީންގެ ގާތަށް ރުޅި އައެވެ.
"ނަދާލް ވަޓްސް ދިސް ނަންސެންސް!" އައިލީން ހަޅޭއްލަވައިގަތެވެ. "ޑޫ ޔޫ އެންޖޯއީ ސީއިންގް މީ ޓައިޑް އަޕް އެންޑް ހެލްޕްލެސް؟"
"އަންޑަރ ޑިފަރެންޓް ސަރކަމްސްޓަންސަސް.. މޭބީ ޔެސް" އެ ހަސްއަސް ވަގުތު ކޮޅުގައިވެސް ނަދާލްގެ އަޑަށް ވެރިވީ ލާނެތް ކަމެވެ. އޭނާ އެއްމިޔަކަނިން ހިނިތުންވެލި އެވެ. އެކަންވީ އައިލީން އައިސްފައިހުރި ރުޅީގެ އަލިފާނަށް ތެޔޮ އެޅުން ކަހަލަ ކަމަކަށެވެ.
"ޔޫ ޝޭމްލެސް" އައިލީން ދެއަތަށް ބާރުލަމުން އެތަނުން ދުރަށް ދެވޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް ނަދާލް ހުށިޔާރު ކަމާއެކު އައިލީން މައިތިރި ކުރުވި އެވެ.
"ސޭ ވަން މޯ ވޯޑް އެންޑް އައި ވިލް ޝޯ ޔޫ ޖަސްޓް ހައު ޝޭމްލެސް އައި ކޭން ބީ!" ނަދާލްގެ ލާނެތްކަމަކަށް ބަދަލެއް ނާދެ އެވެ. "އަހަރެން އަންނަންދެން ރީތިކޮށް ބަސްއަހައިގެން އޮވޭ.." އޭނާ އައިލީންއަށް އެއްލޯ މަރައިލަމުން ހިނިތުންވެލި އެވެ. އެއަށްފަހު އޮފީހަށްދާން ލައި އުޅޭ ކަހަލަ ގިރުއާނުލީ ޓީޝާޓަކާއި ފަޓުލޫނެއް ހިފައިގެން ކޮޓަރިން ނުކުތެވެ.
އައިލީން މަސައްކަތްކުރީ ލުތްކެއްޖަހައި އަތުގައި އައްސާފައިހުރި ގޮށްތަށް މޮހެލުމަށެވެ. އެއީ އޭނާއަށް ކުރެވުނު މޮޔަ ކަމެއްކަން އިހުސާސް ކުރެވުނީ އެ ގޮށް އިތުރަށް ބާރުވިހެން ހީވުމުންނެވެ. ނަމަވެސް އައިލީންގެ ހިތްވަރަށް ގުޑުމެއް ނައެވެ. އެކި ފަހަރު އެކި ގޮތްގޮތަށް ގޮށް މޮހެލެވޭތޯ މަސައްކަތް ކުރި އެވެ. އެކަން ކާމިޔާބު ނުވަނީސް އޭނާގެ ހަށިގަނޑަށް ވަރުބަލިކަން ވެރިވާންފެށި އެވެ. މައިޝާންގެ އަނިޔާތަކުން އަޅަމުންދިޔަ ވޭން އަދިވެސް ކޮންމެވެސް ވަރަކަށް ހަށިގަނޑުގެ އެތަން މިތަނުގައި ހަރުލާފައި ހުރުމުންނާއެކު ރޭގެ ހަމަނިދި ނުލިބި ހުރުމުން އިސާހިތަކު އައިލީންގެ ދެލޯ މަޑުމަޑުން މެރެންފެށި އެވެ.
އޮފީސް ނިންމައިލުމަށްފަހު ނަދާލްއަށް ގެއަށް އާދެވުނީ މެންދުރު ފަހެވެ. އޭނާ ގަނެގެން އައި ކާއެއްޗެހި މޭޒުމަތީގައި އަތުރައިލުމަށްފަހު ހަމަޖެހިފައިހުރެ ކޮޓަރިއަށްވަނީ މިހާރު އައިލީންއަށް އޮންނާނީ ނިދިފައިކަމަށް ނިންމަމުންނެވެ. އެހެނަސް ފެނުނީ އޭނާ އުއްމީދުކުރި މަންޒަރެއް ނޫނެވެ. އައިލީންގެ ފައި ފޯރާފަށުން އެނދުމަތީގައިހުރި ހުރިހާ ބާލީސްތަކެއް ވަނީ ބިންމަތީގަ އެވެ. އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިންއިރު ދިޔައީ ގިސްލަގިސްލާފައި ރޮމުންނެވެ. އެގޮތަށް ގިނައިރު ރުއިމުގެ އެފަކީރުގެ ދެލޯ ދުޅަވެ މޫނުވެސް ވަނީ ރަތްވެފަ އެވެ. ނަދާލް ދިގު ފިޔަވަޅުތަކެއްގައިގޮސް އައިލީންގާތު އެނދުގައި އިށީނެވެ. ގޮދަޑީގައިވާ ތެތްކަން އޭނާއަށް އިހުސާސް ކުރެވުނީ އެހިސާބުންނެވެ.
"ތި..ތިއީ ހާދަ ރަހުމުކުޑަ މީހެކޭ! އެ.. އެއް ނަރަކައިން ސަލާމަތްކޮށްގެން ގެ.. ގެނެސް ކަލޭ އަހަރެން.. ތި ލީ ހަމަ އެހެން ނަރަކަ.. އަކަށް! މައި.. މައިޝާންއާ.. ކަ.. ކަލެއާ ހުރި ތަފާތަކީ ކޮބާ؟ އަހަ.. އަހަރެންނަށް މިހެން ހަ.. ހަދާފަ ދާއިރު އަހަރެން.. ނަކީވެސް އިންސާނެއް..ކަން.. އަން.. އަންހެނެއްކަން ކަލެއަށް ނޭނގޭތަ؟ އަހަރެންވެސް ކުރަންޖެހޭ ޒަރޫރީ ކަންތައްތަކެއް ހުންނާނެކަން ނޭނގޭތަ؟" ގިސްލެވޭވަރުން އައިލީންއަށް ވާހަކަދެއްކެނީވެސް ކިރިޔާ އެވެ.
"ލޫނާ.. އައިމް ސޯ ސޯ ސޯ ސޮރީ.. މިއީ އެހާވަރު ކަމެއް ނޫނޭ އަޅާނުލާބަލަ. އަހަރެންނަށް އެވަރު ވިސްނާނުލެވުނީ" ނަދާލް އަވަސްވެގަތީ އައިލީންގެ ދެއަތް މޮހެލުމަށެވެ. އެ ދެއަތް މިނިވަންވުމާއެކު އައިލީންގެ އަތުގެ ހޫނު ހަމަލާއެއް ނަދާލްގެ ކޯތާފަތް މައްޗަށް އަރައިގެންދިޔަ އެވެ. ނަދާލް އިނީ އަލުން އެނބުރި އައިލީންއަށް ބަލައިލަންވެސް ނުކެރިފަ އެވެ.
"އަހަ.. އަހަރެންގެ ދިރިއުޅުމަށް ޖެ.. ޖެހިފަ އޮތް އެ.. އެންމެ ބޮޑު މުސީބާތަކީ.. ތިއީ! ނަދާލްގެ ސުންޕާކަމުން.. ނަދާލްއާ ދިމާވިފަހުން.. އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށް.. ޖެހިގެން ދިޔަ..އީ! އިވާން ގެއްލި.. މާމަ ނިޔާވެ.. މީހުންގެ އަ.. އަނގަޔާހެދި ރަށުގެ ނޫޅެވުނު.. މާލެ އައިސް.. މީހަކާ އިނީމަވެސް.. ނުކިޔެ..ވުނު. އޭނަވެސް އަހަރެންނަށް އަނިޔާކުރީ.. ހަމަ.. ނަދާލްއާހެދި" އައިލީންގެ ފަހު ޖުމްލައާއެކު ނަދާލްއަށް ދެލޯ ބޮޑުކޮށްލަމުން އައިލީންއާ ދިމާލަށް ބަލައިލެވުނެވެ.
"އާނ! ނަދާލް އަހަ.. އަހަރެންނަށް ބަލާލާ ކޮ..ކޮންމެ ދުވަހަކު.. ވާހަކަ ދައްކާ ކޮންމެ ދުވަހަކު.. މައިޝާން އަހަރެންނަށް ދޭ އަނިޔާ ހާސްގުނަ ބޮޑު! އަހަ.. އަހަރެން ނުބުނަންތަ؟ އާދޭސް ނުކުރަންތަ؟ ދުރުގަ ހުންނާށޭ؟ އެކަ.. އެކަމަކު ކަލެއާހެދި.. އެ ނުލަފާ ޖަނަވާރު އަހަ.. އަހަރެންގެ އިސްތަށިގަނޑުވެސް.. ކޮށާލީ.. ކަލެއާހެދި.. އަހަރެން ރޭޕްވެސް.. ކުރީ!" އައިލީންގެ ރުއިމުގެ އަޑު އިތުރަށް ގަދަވި އެވެ.
ނަދާލްގެ ހިތް ހީވީ މީހެއްގެ މުށުތެރޭގައި ފިތައިލެވުނެވެ. 'އޭނާގެ ސަބަބުން' އައިލީން ހާދަ ގިނަ ކަންތައްތަކެއް ތަހައްމަލު ކޮށްފިތާ އެވެ. އައިލީންއަށް ނޭނގި ނަމަވެސް އެ ބުނެވުނީ ހަގީގަތެވެ. އިވާން އައިލީންގެ ހަޔާތުން ގެއްލުމާއި، އެއާ ގުޅިގެން އާޒިމާ ނިޔާވެ ރަށުގައި ހިނގައިދިޔަ ހުރިހާ ކަމެއްވެސް ފެށުނީ ހަމަ އޭނާގެ ސަބަބުންނެވެ. އެކަމުގެ ފަހަތުގައިހުރީ އޭނާ އެވެ. މިފަހަރު ނަދާލްއަކަށް ދިފާއުގައި ބަސް ބުނާނެ އަޑެއް ނުހޯދުނެވެ. މަޢާފަށް އެދޭނެ ލަފްޒެއް ނުހޯދުނެވެ.
"ނަދާލް މިތަނުން ދޭ.. އަހަރެން ބޭނުމެއް ނޫން ނަދާލް މިތާ ހުންނާކަށް" އައިލީން ކުއްލިއަކަށް ރުއިން ހުއްޓައިލުމަށްފަހު ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލި އެވެ.
"ނޯ.. ލޫނާ ދޭބަ ފެންވަރާލަން.. އަހަރެން މިތަން ސާފު-"
"ދާށޭ ބުނީމަ އަޑެއް ނީވޭތަ؟ އަހަރެން މި ބުނީ ނަދާލް މިތަނުން ނުކުންނާށޭ! ތިއުޅެނީ އަހަރެން އިތުރަށް ލަދުގަންނަވާނެ ގޮތެއް ނޭނގިގެންތަ؟ މިތަން ސާފު ކުރާނީ އަހަރެން. ނަދާލް ހަމަ މިހާރު މި ކޮޓަރިން ނުކުމޭ.. ނުކުންނާށޭ!" ނަދާލްގެ ކޮނޑުގައި ހިފައި ދުރަށް ކޮށްޕައިލަމުން އައިލީން ހަޅޭއްލަވައިގަތެވެ.
ނަދާލް ކިޔަމަންތެރިކަމާއެކު އެ ކޮޓަރިން ނުކުތީ އައިލީން ބުނިފަދައިން އޭނާ އެތަނުގައި އިނުމުން އައިލީން އިތުރަށް ލަދުގަނެ، ރުޅި އަންނާނެކަން އެނގޭތީ އެވެ. އައިލީން ދެއްކި ވާހަކަތަކާމެދު ވިސްނަންހުރެ އޭނާ އައިލީން ނުކުންނަން ވާއިރަށް ތަށިތައް އަތުރައި ކާމޭޒުމަތި ތައްޔާރުކޮށްލި އެވެ. މައިޝާންގެ ފަރާތުން ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް އައިލީންގާތުން ހޯދަން ނަދާލް މަސައްކަތް ނުކޮށް ހުރީ އޭނާ އެކަން އެނގެން ބޭނުން ނުވާތީކީ ނޫނެވެ. އައިލީންގެ ނަފްސާނީ ހާލަތު އެކަމަށް ތަން ނުދޭނެއޭ ހީވާތީ އެވެ. އެހެނަސް، މިއަދު އޭނާދެކެ އައިސްފައިހުރި ރުޅީގައި ކަމަށްވިޔަސް، އައިލީން އެވަނީ ހުރިހާ ކަމެއް ތަފްސީލުކޮށް ކިޔައިދީފަ އެވެ. އެ އަނިޔާތަކާމެދު ވިސްނެމުން ދިޔަވަރަކަށް ނަދާލްގެ ލޭ ކެކެމުންދިޔަ އެވެ. އިތުރަށް އެންމެ ދުވަހަކުވެސް މައިޝާންގެ އަނތްބެއްގެ ގޮތުގައި އައިލީން ބައިންދާކަށް ނަދާލްގެ ޟަމީރު އެއްބަހެއް ނުވި އެވެ. އޭނާ ފޯނު ނަގައި ދެފަހަރަކު މައިޝާންއަށް ގުޅައިލުމަށްފަހު ޖަވާބެއް ނުލިބުމުން ދެން ގުޅައިލީ ކިޔާރާއަށެވެ.
"ހަލޯ ކިޔާ؟ މައިޝާން އެބަ އުޅޭތަ؟" ކިޔާރާ ފޯނު ނެގުމާއެކު ނަދާލް ލަސްނުކޮށް އަހައިލި އެވެ.
"މީ.. އަމް.. މައިޝާން.." ކިޔާރާގެ އަޑުގައިވާ ނުތަނަވަސްކަމުން ނަދާލްއަށް މައިޝާން އެތަނުގައި ހުރި ކަން ޔަގީން ކުރެވުނެވެ. "މައިޝާން އަތަށް ފޯނު ދީބަލަ" އޭނާ ހަރުކަށި ކަމާއެކު ބުންޏެވެ.
"ހަ.. ހަލޯ؟" ދެން އިވުނީ މައިޝާންގެ އަޑެވެ.
"ކޮންތާކު ތިހިރީ؟" މައިޝާންގެ އަޑުން އެކަނިވެސް ނަދާލްގެ ހަށިގަނޑަށް އަރައިގެން ދިޔައީ ފާޑެއްގެ ރުޅީގެ ބާރެކެވެ.
"މާލެއަކު ނޫން" މައިޝާން ދޮގުހެދި އެވެ.
"ޔޫ ކޭން ބީ އިން މާރސް އޯރ ޖުޕިޓަރ ފޯ އޯލް އައި ކެއަރ.. އެކަމަކު ކުރިއަށް މިއޮތް 4 ގަޑިއިރު ތެރޭގަ މައިޝާން އަހަރެންގެ ކުރިމައްޗަށް ހާޒިރު ނުވެއްޖެއްޔާ ކޮންސިޑަރ ޔޯ ލައިފް އޭޒް އަ ފްރީ މޭން ޝޯޓްލިވްޑް. މައިޝާން އަންނަންދެން އަހަރެން މަޑުކުރާނަން ގޭގަ!" މައިޝާންއަށް އެއްޗެއް ބުނާނެ ފުރުސަތު ނުދީ ނަދާލް ފޯނު ކަނޑައިލި އެވެ.
- ނުނިމޭ -
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ