ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 4-1 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން މޮޅުވެ، ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
މާޒިޔާ އެއް ވަނަ އަށް ޖެހިލީ ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެންނެވެ. މާޒިޔާ، އެއް ވަނައިގައި އޮތީ ހަަތަރު މޮޅާ އެކު، 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޮޑި އާއި ތިން ވަނައިގައި އޮތް ނިއު އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި މާޒިޔާ އިން ލީޑުނެގީ ސްޕެއިނުގެ ފޯވާޑް، ސާޖިއޯ މެންޑީ އެވެ. މިއީ، މާޒިޔާގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ގޯލު ކުރިމައްޗަށް ނަގައިދިން ހުރަހަކުން މެންޑީ ގޯލަށް ބޯޅަ ވައްދާލައިގެން ޖެހި ގޯލެކެވެ. އޭގެ ފަހުން މެންޑީ އާއި މާޒިޔާގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) އަށް ބޮލުން ޖަހަން ލިބުނު ފުރުސަތުތަކުގައި ގޯލަށް ބޯޅަ ފޮނުވާނުލެވުނެވެ.
މިރޭގެ މެޗުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް މާޒިޔާގެ ދެ ގޯލު ޖެހި ސްޕެއިނުގެ ފޯވާޑް މެންޑީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 33 ވަނަ މިނިޓްގައި، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި، އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ކުރިން، ޔުނައިޓެޑް ވިކްޓަރީގެ މިސްރުގެ މުސްތަފާ އަލްޝާޒްލީ ޖެހި ބޯޅައެއް މާޒިޔާގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 42 ވަނަ މިނިޓްގައި އެލްޝާޒްލީ އޭރިއާބޭރުން ޖެހި ބޯޅަ ވަނީ ގޯލުގެ ކައިރީ ކަނަށް އަމާޒުވެފަ އެވެ.
މާޒިޔާ އިން މެޗުގައި ފަހު ދެ ގޯލު ޖެހީ މެޗުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން، 86 ވަނަ މިނިޓްގައި، ޔުނައިޓެޑް ވިކްޓަރީ އޭރިއާތެރެއަށް އައި ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި މެންޑީ ވަނީ މާޒިޔާގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި، މެޗުގެ އިތުރު ވަގުތުގައި ކޯނަރަކުން އައި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައި، މާޒިޔާގެ ޕޯޗުގީސް ޑިފެންޑަރު، ލުއިސް އަލްމައިޑާ ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.
ލީގުގައި މާދަމާ ހަވީރު އޮތީ އޮޑި ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ކުޅޭ މެޗެވެ. އަދި، މާދަމާރޭ އޮތީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ ކުޅޭ މެޗެވެ.
ދިވެހި ޕްރިމިއާ ލީގު: ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެ މާޒިޔާ އެއް ވަނަ އަށް ދިވެހި ޕްރިމިއާ ލީގު: ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެ މާޒިޔާ އެއް ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ