ލިވަޕޫލް (އޮކްޓޫބަރު 19) - މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް، ހެރީ މެގުއާ ޖެހި ގޯލުން މެންޗެސްޓާ ޔުނައިޓެޑުން މިރޭ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލް 2-1 އިން ބަލިކޮށްފި އެވެ.
މިއީ، 2016 ވަނަ އަހަރު، ލުއީ ވެން ހާލްގެ ކޯޗުކަމުގައި ޔުނައިޓެޑުން ލިވަޕޫލް ދަނޑުގައި މޮޅުވި ފަހުން، ޔުނައިޓެޑަށް އެންމެ ވާދަވެރި ކްލަބް، ލިވަޕޫލްގެ ދަނޑުގައި މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، ޔުނައިޓެޑްގެ ކޯޗުކަމާ މިދިޔަ އަހަރު ނޮވެމްބަރު މަހު ހަވާލުވި، ރުބެން އަމޮރިމް މި ވަނީ ލީގުގައި ޔުނައިޓެޑް ގޮވައިގެން ނުކުތް ފުރަތަމަ 35 މެޗު ތެރޭ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ މެޗުން މޮޅުވެފަ އެވެ. އަދި، ލިވަޕޫލް މި ވަނީ، 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން، ފުރަތަމަ ފަހަރަށް ހުރިހާ މުބާރާތެއްގައި ކުޅުނު މެޗުތައް ލައިގެން ޖެހިޖެހިގެން ހަަތަރު މެޗުން ބަލިވެފަ އެވެ.
އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ދެ ވަނަ މިނިޓްގައި ޔުނައިޓެޑުން ވަނީ ބްރަޔަން އެމްބުއޭމޯ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ލިވަޕޫލްގެ އަލެކްސިސް މެކް އަލިސްޓާ ބޮލަށް އަނިޔާވެ، ދަނޑުމަތީގައި ވެއްޓިފައި ވަނިކޮށް، ޔުނައިޓެޑުން ކުރި މި އެޓޭކުގައި އެމްބުއޭމޯ ލަނޑު ޖެހުމުން ލިވަޕޫލް ކުޅުންތެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ޔުނައިޓެޑަށް ލީޑުފުޅާކޮށްދޭން ބްރޫނޯ ފެނާންޑޭސް ޖެހި ޝޮޓެއް ދަނޑިއަށް އަމާޒުވިއިރު، ލިވަޕޫލަށް އެއްވަރުކޮށްދޭން ކޯޑީ ގަކްޕޯ ފޮނުވާލި ދެ ހަމަލާއެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ. އަދި، ލިވަޕޫލްގެ ފޯވާޑް އަލެކްސަންޑަ އިސާކް ޖެހި ބޯޅައެއް ޔުނައިޓެޑްގެ ކީޕަރު، ސެން ލަމެންސް ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލުން އެއްވަރުކުރީ މެޗުގެ 78 ވަނަ މިނިޓްގައި ގަކްޕޯ ޖެހި ގޯލުންނެވެ.
ކުރިއަށް ޖެހިގެން އެޓޭކުކުރަން ފަށައި، ޔުނައިޓެޑުން 84 ވަނަ މިނިޓްގައި، މެގުއާ ގޯލު ޖެހީ އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ ފަހުން، މެޗުގައި ދެ ވަނަ ފަހަރަށް ލިވަޕޫލަށް އެއްވަރުކޮށްދޭން ޖެރެމީ ފްރިމްޕޮން ނަގައިދިން ހުރަަހަކުން ކުޑައޭރިއާ ރޮނގުމަތީގައި ހުރެފައި ގަކްޕޯ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ޔުނައިޓެޑަށް މި ލިބުނު ތިން ޕޮއިންޓާ އެކު، އެ ޓީމު ވަނީ އަށް މެޗުން 13 ޕޮއިންޓް ހޯދައި، ނުވަ ވަނަ އަށް ޖެހިލައިފަ އެވެ. ލިވަޕޫލް އޮތީ އަށް މެޗުން 15 ޕޮއިންޓާ އެކު، ލީގުގެ ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި އޮތް އާސެނަލަށް އަށް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ އަށް މެޗުން 16 ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނައިގައި އޮތް ބޯންމައުތަށް ވަނީ އަށް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ.
ލީގުގައި މިރޭ އެސްޓަން ވިލާ އަތުން 2-1 އިން ބަލިވި ޓޮޓެންހަމް ހޮޓްސްޕާސް، ހަ ވަނައިގައި އޮތީ ފަސް ވަަނައިގައި އޮތް ޗެލްސީއާ އެއްވަަރަށް އަށް މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ.
މެގުއާގެ ގޯލުން މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްލައިފި މެގުއާގެ ގޯލުން މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ